ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ހަވާލުކޮށްފި

އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އާބާތުރަ ފިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ރ. އަތޮޅުގެ ތިން ރަށަކާއި ލ. އަތޮޅު ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަރާމާރުކުރުމަށް ހަވާލުކޮށްފައިވަނީ، ރ. ވާދޫ އާއި ރ. ރަސްމާދޫ ގެ އިތުރުން ރ. ރަސްގެތީމު އަދި ލ. ހިތަދޫ ސިއްހީ މަރުކަޒެވެ.

އެ ހަތަރު ރަށުގެ ސިއްހީ މަރުކަޒު ވެސް މަރާމާތުކުރުމުގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑރ. މުހައްމަދު ޝައިނީ އެވެ.

ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އެ ހަަތަރު ރަށުގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ސަރުކާރުގެ ބަޖެޓުން 1.19 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ހިދުމަތް އެންމެ ރަނގަޅަށް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ސްޓޭންޑަޑްތައް ރަނގަޅުކޮށް، ބޮޑު ކުރަންޖެހޭ ސިއްހީ މަރުކަޒެއް ނަމަ ބޮޑުކޮށް އިކުއިޕްމަންޓް ތަކާއި އާލާތްތައް ފޯރުކޮށްދިނުން،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

އެގޮތުން، ވާދޫ ސިއްހީ މަރުކަޒު މަރާމާތުކޮށް 40 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1.84 ލައްކަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ ބްރޯޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ލ. ހިތަދޫ ސިއްހީ މަރުކަޒު މަރާމާތުކޮށް 54 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 5.36 ލައްކަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ ހަވާ ވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މީގެ އިތުރުން، ރ. ރަސްމާދޫ ސިއްހީ މަރުކަޒާއި ރަސްގެތީމު ސިއްހީ މަރުކަޒު މަރާމާތު ކޮށް ކޮންމެ މަރުކަޒެއް ވެސް 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ރ. އުނގޫފާރު، ޔައުގޫބް ޔޫސުފަށެވެ. އޭގެ ތެރެއިން ރަސްމާދޫ ސިއްހީ މަރުކަޒަށް 87،000 ރުފިޔާ ހަރަދުވާއިރު، ރަސްގެތީމު ސިއްހީ މަރުކަޒަށް 3.87 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަތޮޅުތަކުގައި ސިއްހީ ޚިދުމަތްދޭ ހުރިހާތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މިދިޔަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު