ލީގު ކާމިޔާބުކުރަން އެއްވެސް ޕްރެޝަރެއް ނެތް: ޕެލެގްރިނީ

ކްލަބުގެ ވެރިންގެ ފަރާތުން މިފަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ކުރަން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނެފި އެވެ.

ޕެލެގްރިނީ ބުނީ އޭނާއަށް އޮތް ހަމައެކަނި ޕްރެޝަރަކީ އޭނާ ބޭނުންވާ ފެންވަރުގެ ކުޅުމެއް މެޗެއްގައި ކުޅުންތެރިންގެ ފަރާތުން ނުފެނުމުން އޮތް ޕްރެޝަރު ކަމަށެވެ. އަދި ކޯޗެއްގެ ގޮތުން ޓީމާ ހަވާލުވިއިރު، ފަސް އަހަރު ފަސް ތަށި ހޯދަން ކްލަބުގެ ވެރިން އޭނާގެ ފަރާތުން އެދިފައި ނުވާކަމަށްވެސް ޕެލެގްރިނީ ބުންޏެވެ.

"މި ކްލަބުގެ ކޮންޓްރެކްޓުގައި އަހަރެން ސޮއިކުރިއިރު ކޮންމެ އަހަރެއްގެ ތަށި، ނުވަތަ ފަސް އަހަރުން ފަސް ތަށި ހޯދަން އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްފައެއް ނުވޭ. އަހަންނަށް އޮތް ހަމައެކަނި ޕްރެޝަރަކީ މެޗުގައި ކުޅުންތެރިނަށް އަހަރެން ބޭނުންވާ ފެންވަރުގެ ކުޅުން ނުދެއްކިއްޖެ ނަމަ އޮތް ޕްރެޝަރު،" ޕެލެގްރިނީ ބުންޏެވެ.

ޕެލެގްރިނީގެ ކޯޗުކަމުގެ ދަށުން ސިޓީ ވަނީ 14-2013ގެ ސީޒަންގައި ލީގް ކަޕާއި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި ސީޒަންގައި ފަހަކަށް އައިސް ސިޓީއަށް ނާކާމިޔާބީ ތަކަކާ ކުރިމަތިލާން ޖެހުމުން، ބައެއް ފަރާތްތަކުން ވަނީ މި އަހަރުގެ ސީޒަން ނިމުމަށްފަހު ޕެލެގްރިނީ އެ ކްލަބާއެކު ވެފައިވާ ކޮންޓްރެކްޓް ހަމަވުމުން، އޭނާގެ ކޮންޓްރެކްޓް ދެން އާ ނުކުރާނެ ކަމުގެ ވާހަކަތައް ފަތުރާފައެވެ.

މި ސީޒަންގައި އަދި މިހާތަނަށް ފޯމް ދަށްކޮށް ފެންނަ ސިޓީ އެންމެ ފަހުން ކުޅުނު ނުވަ، ލީގު މެޗުގައި މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. އަދި ހަތަރު މެޗުން އެ ޓީމް އެއްވަރުވިއިރު، އެ ޓީމް ވަނީ ތިން މެޗުން ބަލިވެފައެވެ. އެފަދަ ގޮތަކަށް ސިޓީގެ ނަތީޖާތައް ހުރިނަމަވެސް، ޕެލެގްރިނީ ވަނީ ޓީމާ މެދު އުންމީދު ފާޅުކޮށްފައެވެ.

"އަހަރެން ގަބޫލް ކުރާ ގޮތުގައި ކުރާ ކަންކަމުގައި އަމިއްލަ ނަފްސަށް އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް. މިހާރު ސިޓީގައި އޮތީ ހަމަ މިދިޔަ ސީޒަންގައިވެސް ލީގު ކަޕާއި ޕްރިމިއާ ލީގު ކާމިޔާބު ކުރި ޓީމު. އަހަރުމެންގެ ވިސްނުމަކަށް ވާންޖެހެނީ ކުރިއަށް އޮތް 11 މެޗު ކާމިޔާބު ކުރުން. ފަހަނަ އަޅާ ގޮސްފައިވާ ނަތީޖާތަކާމެދު ވިސްނުމެއް ނޫން،" ޕެލެގްރިނީ ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލް ލީޑު ކުރަމުންދާ ޗެލްސީއާ ސިޓީއާ ދެމެދު މިހާރު ފަސް ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ސިޓީ މިހާރު އޮތީ މިދިޔަ ސީޒަންގައިވެސް އެ ޓީމަށް ލިބުނު ޕޮއިންޓުގެ އަދަދާ ދާދި ހަމަހަމަ ހިސާބެއްގައެވެ. އަދި އެ ޓީމް ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުގައި މިދިޔަ ހަފްތާގައި ބާސާ އަތުން ބަލިވިއިރު، އެ ޓީމަށް އަދިވެސް ޔޫސީއެލްގައި ކުރިއަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު