މުރާޖާކުރަން ނަގާ ދައުވާ އެހެން ދައުވާއަކަށް ބަދަލުނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅައިފި

ދައުވާ އުފުލުމަށް ފަހު، މުރާޖާކުރަން އަނބުރާ ގެންދިޔުމަށް ފަހު، ކުރިން އުފުލި ދައުވާގެ ބަދަލުގައި އެހެން ދައުވާއެއް ކުރުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ކ)ގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުން، ޖިނާއީ ދައުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދައުވާއެއް ކުރިއަށްގެންދިޔުމަށް ހަވާލުވުމާއި މިފަދަ ދައުވާތައް މުރާޖާކޮށް އަނބުރާ ގެންނާން ޕްރޮސިކިއުޓާ ޖެނެރަލް އަށް ފެނިއްޖެ ކޮންމެ ދައުވާއެއް ކޯޓުން ހުކުމް އިއްވުމުގެ ކުރިން އަނބުރާ ގެނެވިދާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އުފުލާފައިވާ ދައުވާއެއް މުރާޖާކުރުމަށް އަނބުރާ ގެނެސް އެހެން ދައުވާއެއް ކުރެވިދާނެ ކަމަށް ޕީޖީގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެއްގައި އެ ކޯޓުން އިއްވި ހުކުމްގައި، އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ދައުވާ އަނބުރާ ގެންދިޔުމަށް ފަހު އެ މައްސަލަ ދެން ޕްރޮސިކިއުޓާ ޖެނެރަލް އަށް ކޯޓަށް ހުށަނޭޅޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެންނަމަވެސް މުރާޖާކުރަން އަނބުރާ ގެންދިޔުމަށް ފަހު އެހެން ދައުވާއެއް އުފުލިދާނެތޯ ނުވަތަ ނޫންތޯ އެ މައްސަލާގައި ކަނޑައަޅާފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު