ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޗާންދަނީމަގާއި ކުރިކީލަމަގާ ގުޅުނު ކަންމަތީގައި ރޭ ދަންވަރު 2:45 އެހާކަންހާއިރު އެކްސިޑެންޓެއް ހިނގި ކަމަށެވެ. އަދި ތިން މީހަކަށް އަނިޔާވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އަނިޔާވެފައި ވަނީ ދެ އަންހެން ކުއްޖަކާއި ފިރިހެނަކަށް ކަމަށެވެ. އަދި އަނިޔާވި މީހުން ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު މިއަދު "ސަން" އަށް ބުނީ އެކްސިޑެންޓުވި ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ވަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަަމަށެވެ.

"އެ ކުއްޖާގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސް. އަނެއްކާ އެކުއްޖާގެ އަތަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. ކާރެއް ނުލިބިގެން އެހާ ގިނަ އިރު ވެސްވި. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން ހޮސްޕިޓަލާ ހަމައަށް ގެންދެވުނީ ވެސް. ޖެހުންލެއް ބާރު ކަމުން ކަންމަތީގައި އިން ފިހާރާގެ ބިއްލޫރި ގަނޑު ވެސް ތަޅައިގެން ދިޔަ. އަޅުގަނޑަށް ވެސް ނުކުމެވުނީ އަޑުފަށްގަނޑު ބާރު ކަމުން،" މަންޒަރު ދުށް މީހާ ބުންޏެވެ.

އެކްސިޑެންޓުވި ފިރިހެން މީހާގެ އާއިލާ މީހަކު މިއަދު "ސަން" އަށް ބުނީ އެކްސިޑެންޓުވި މީހާގެ ވާތު ލޮލަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި ނިއްކުރިއަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ލޮލަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އަދި ވެސް ވާތު ލޯ ނުހުޅުވޭ. އަނެއްކާ ނިއްކުރި ހުރީ ކަފައިގެން ގޮސް. އަޅުގަނޑުމެންނަށް މިކަން އިނގުނީ ވެސް މިއަދު ހެނދުނުގެ ވަގުތެއްގައި. އަޅުގަނޑުމެން އައި އިރު އޭނަ އަށް ލިބިފައި ހުރި ޒަހަމްތަކުގައި [ހޮސްޕިޓަލުން] ވަނީ ބޭސް އަޅާފައި. ދެން މިއަދު ހަވީރު ޑޮކްޓަރުން ބަލާފައި އިތުރު އެއްޗެކޭ ބުނަން އިނގޭނީ،" އެކްސިޑެންޓުވި ފިރިހެން މީހާގެ އާއިލާ މީހާ ބުންޏެވެ.

ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވާތީ، އެކްސިޑެންޓްގައި އަނިޔާވި ދެ އަންހެން ކުދިންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު