ރިޔާޒުގެ ކާރަށާއި ޖޭޕީ އޮފީހަށް ކަޅުތެޔޮ ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ ކާރަށާއި ޖުމްހޫރީ ޕާޓީ އޮފީސް ހިންގަމުންދާ މ. ކުނޫޒަށް ރޭ ކަޅުތެޔޮ ޖަހައިފި އެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމެއް ނިންމައިލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ދަނިކޮށް ކުނޫޒަށް ކަޅުތެޔޮ ޖަހާފައި ވަނީ ސައިކަލެއްގައި އައި ބައެއް ކަމަށް މަންޒަރު ދުށްމީހުން ވަނީ ބުނެފައެވެ.

އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި 'ސަން' ގެ ނޫސްވެރިޔާ ބުނީ، ޖުމްހޫރީ ޕާޓީގެ އޮފީހަށް ރޭ "ދެޕެކެޓް ކަޅުތެޔޮ" ޖަހާފައިވާއިރު ފާރުގެ ދެތަނަކަށް ތެޔޮ ޖެހިފައިވާ ކަމަށެވެ. އަދި ތެޔޮތަށް ފާރުގައި ޖެހި ބުރައިގެންދިޔައިރު އަބްދުﷲ ރިޔާޒުގެ ކާރަށްވެސް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، ރޭ ޖުމްހޫރީ ޕާޓީގެ އޮފީހަށާއި އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރުގެ ކާރަށް ކަޅުތެޔޮ ޖެހި މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކަޅުތެޔޮ ޖެހިމީހުންގެ ސައިކަލުގެ ނަންބަރުވެސް ޕޮލިހަށް ހުށަހަޅާފައިވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޖޭޕީ އޮފީހަށާއި، އަބްދުﷲ ރިޔާޒުގެ ކާރަށް ކަޅުތެޔޮ ޖެހި މައްސަލަ މިހާރު ތަހުގީގުކުރަމުން ދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު