ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އިނާޔަތާ ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭނީ އެމްއެންޑީއެފް އިން ކަމަށެވެ. އެހެންނަމަވެސް ފުލުހުން، ރައީސް ނަޝީދު ހައްޔަރުކުރެއްވުމާއެކު އެމަނިކުފާނަށް ހިމާޔަތްދިނުން އެމްއެންޑީއެފް އިން ހުއްޓާލާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެންމެ ފުރަތަމަ ޝަރީއަތަށް ހާޒިރުކުރި ދުވަހު ފުލުހުން އެމަނިކުފާނާ މެދު އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް އިން ގާނޫނީ ޒިންމާ އަދާކުރިނަމަ އެދުވަހު އެގޮތަށް ކަންތައް ވެގެން ނުދިޔައީސް ކަމަށެވެ.

ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ވެސް ސިޓީއަކުން ދަންނަވާފައި ވާކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު