ރަޝިއާގައި އޮތް ނަސްލީ ތަފާތުކުރުމުގެ 'ވައިރަސް' ނައްތާލަން ޖެހޭ: ވޯރޯބްޔޯފް

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފީފާއިން ރާޝިއާގައި ބާއްވަން މިހާރު ނިންމާފައި ވާއިރު، އޭގެ ކުރިން ރަޝީއާގައި މިހާރު އޮތް ނަސްލީ ތަފާތުކުރުމުގެ 'ވައިރަސް' ނައްތާލަން މަސައްކަތް ކުރަންޖެހޭ ކަމަށް ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ޖެނެރަލް ސެކްރެޓެރީ އެނެޓޮލީ ވޯރޯބްޔޯފް ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ފުޓްބޯޅައިގައި އޮތް ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހަމައަކަށް އަޅުވައި އެ ސަގާފަތް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެ ގައުމަށް ރަނގަޅު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ވޯރޯބްޔޯފް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ފީފާއިންވެސް އެކަން ވަރަށް ކައިރިން ބަލަމުން ދާކަމަށް ވޯރޯބްޔޯފް އެއްބަސްވެލައްވައެވެ.

"އެ މަސައްކަތުގައި ކަންކަން އަދި ދަނީ ރަނގަޅަކަށް ނޫން. ވޯލްޑް ކަޕް ހޯސްޓު ކުރާ ގައުމެއްގެ ގޮތުގައި ރަޝިއާ މިހާރު އޮތީ މައިކްރޮސްކޯޕެއްގެ ދަށުގައި،" ވޯރޯބްޔޯފް ވިދާޅުވި އެވެ.

ރަޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އެހެން ބުނެފައި ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ނެޓްވޯކް، ފެއަރ ނެޓްވޯކް އާއި ރަޝިއާގައި ނަސްލީތަފާތުކުރުން ފަދަ ކަންކަން ދިރާސާ ކުރަން އުފައްދާފައިވާ އެންޖީއޯ، ސޯވާ ސެންޓަރުން، ދެ ސީޒަންގެ ތެރޭގައި ނަސްލީތަފާތު ކުރުމުގެ 200 މައްސަލައެއް ރަޝިއާގެ ފުޓްބޯޅައިގައި ފެންމަތިވެފައި ވާކަމަށް ބުނެ ރިޕޯޓެއް ނެރެފައި ވަނިކޮށެވެ.

ވޯރޯބްޔޯފް ވިދާޅުވީ، ރަޝިއަން ފުޓްބޯޅައިގައި އެކަން ކޮންޓްރޯލް ކުރުމަށް ގިނަ ގަވައިދުތަކެއް ހަދާފައި ވާކަމަށެވެ. އަދި ރަޝިއާގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ގަތަރުގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައި ވާކަން ވޯރޯބްޔޯފް ފާހަގަކުރެއްވި އެވެ.

"ނަސްލީތަފާތުކުރުން ހުއްޓުވަން ރަޝިއާގެ ފުޓްބޯޅައިގައި ގިނަ ގަވައިދުތަކެއް ވަނީ ހެދިފައި. އެ ގަވައިދުތައް މިހާރަށްވުރެ ހަރުކަށި ކުރަންވެސް އެބަ ވިސްނަން. ރަޝިއާގެ އިތުރުން ގަތަރުގައިވެސް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައި. ކުރިއަށް އޮތް ދެ ވޯލްޑް ކަޕް މި ދެ ގައުމުން ހޯސްޓް ކުރާއިރު، އެކަމުގެ ސަބަބުން މި ދެ ގައުމަށް ދަނީ ގިނަ ބައެއްގެ ނަޒަރުތައް އަމާޒުވަމުން،" ވޯރޯބްޔޯފް ވިދާޅުވި އެވެ.

ރަޝިއަން ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުމުގެ ރިޕޯޓްތައް މިހާރު އާންމު ވެފައި ވާއިރު، އެކަމާ ގުޅޭގޮތުން ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ރިޕޯޓްތައް ވަނީ ފީފާގެ ސަމާލުކަމަށްވެސް އައިސްފަ. އެކަމާމެދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވަން،" ބްލެޓާ ވިދާޅުވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު