ފަރުނީޗަރުތައް ވަޔަލެސް ޗާޖަރުތަކަކަށް!

ވަޔަލެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ޗާޖުކުރެވޭނެ ފަރުނީޗަރުތަކެއް ބާޒާރަށް ނެރެން ދުނިޔޭގެ ފަރުނީޗަރު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި، އިކެއާ އިން ތައްޔާރުވެއްޖެ އެވެ.

ސްވިޑަންގެ ކުންފުނި، އިކެއާ އިން އެކަން އިއުލާން ކޮށްފައިވަނީ އާދީއްތަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ފެށި މޯބައިލް ވޯލްޑް ކޮންގްރެސްގައެވެ.

އިކެއާއިން ނެރޭ ފަރުނީޗަރުތަކުގައި ބޭނުންކުރާނީ ކިއުއައި ވަޔަލެސް ޓެކްނޮލޮޖީ އެވެ. އެ ޓެކްނޮލޮޖީގެ ސަބަބުން ފަރުނީޗަރު މަތީގައި ނުވަތަ ކައިރީގައި މޯބައިލް ފޯން ބާއްވާލައިގެން ޗާޖު ކުރެވޭނެ އެވެ.

"ކުރި ދިރާސާތަކުންނާއި ގޭގެއަށްކުރި ޒިޔާރަތްތަކުން އަހަރެމެންނަށް އިނގިއްޖެ، މީހުން ކޭބަލް ބޭނުންކުރަން ބޭނުންނުވާކަން. ޗާޖަރެއް ނުފެނިގެން ބެޓެރި ހުސްވާތީ ކަންބޮޑުވާކަން،" އިކެއާގެ ލައިޓިން އެންޑް ވަޔަލެސް ޗާޖިންގެ ބިޒްނަސް އޭރިއާ މެނޭޖަރު، ޖެނެޓް ސެކްމޮސް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިކެއާ އިން ބުނާ ގޮތުން، އެ ކުންފުނިން ނެރޭ އެ އީޖާދު ބޭނުންކޮށްގެން ގޭގައި ބޭނުންކުރާ މޭޒާއި ނިދާ އެދުކައިރީގައި ބޭނުންކުރާ މޭޒު އަދި މޭޒުމަތީގައި ބަހައްޓާ ލޭމްޕު އަންނަ މަހުގެ މެދުތެރޭގައި ޔޫރަޕާއި އުތުރު އެމެރިކާގެ ބާޒާރަށް ނެރޭނެ އެވެ.

ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެކިކަންކޮޅުތަކަށް އެ ވިޔަފާރި ފުޅާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު