މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގެ، ޔޫޒަބަލް ރިޒާވް 35 ޕަސެންޓް އިތުރުވެއްޖެއެވެ.
މަރުކަޒީ ބެންކް އެމްއެމްއޭއިން އާމްކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު ވޭތުވެދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 617.5 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ޔޫޒަބަލް ރިޒާވްގައި 149.1 މިލިއަން ޑޮލަރު އެބަހުރި ކަމަށްއެބެންކުން ބުނެއެވެ.
އެހެންކަމުން ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު ޑިސެމްބަރު މަހަށް ވުރެ ހަތަރު ޕަސެންޓް އިތުރުވެފައިވާއިރު އަހަރުން އަހަރަށް ބަލާއިރު އެރިޒާވް 35 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޔޫޒަބަލް ރިޒާވް އިތުރުވުމާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ އެރިޒާވް އިތުރުވެފައިވަނީ ސަރުކާރަށް ބޭރުފައިސާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސަރުކާރުގެ ޚަރަދާއި އާމްދަނީގެ ފަހުގެ ހިސާބުތައް އާންމުކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ސަންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެހިސާބުތައް އާންމު ނުކުރެވެނީ ފިނޭންސްއިން އެމައުލޫމާތުތައް މިހާތަނަށް ހިއްސާކޮށްފައިނުވާތީ ކަމަށެވެ.
އެންމެ ފަހުން އާމްކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ސަރުކާރަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޖުމުލަ ޚަރަދަކީ 0.9 ބިލިއަން ރުފިޔާއެވެ.