ސައުތޭމްޕްޓަންގެ މޮޅާއެކު ލިވަޕޫލަށް ތާވަލްގެ ފަސްވަނަ ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް މައްޗަށް 1-0 ގެ ނަތީޖާއަކުން ސައުތޭމްޕްޓަން ހޯދި މޮޅާއެކު، ތާވަލުގެ ފަސްވަނައި ގައި އޮތް ލިވަޕޫލަށް އެ ޖާގަ ގެއްލި ސައުތޭމްޕްޓަން ތާވަލްގެ ފަސްވަނައަށް ޖެހިލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލީގުގައި މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު ލިވަޕޫލް ވަނީ 48 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް އަރައި، ތާވަލްގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ނަމަވެސް ރޭގެ ކާމިޔާބީން ލިބުނު ތިން ޕޮއިންޓާއެކު، ސައުތޭމްޕްޓަން މިޙާރު ވަނީ މުޅިއެކު 49 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ޖެހިލައިފައެވެ.

ސައުތޭމްޕްޓަނަށް ތާވަލްގެ ފަސްވަނަ ލިބުނަސް، ލިވަޕޫލަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމް ސައުތޭމްޓަނަށް ވުރެ އެ މެޗު މަދުން ކުޅެފައި ވުމެވެ. އަދި މިރޭ އެ ޓީމް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ސައުތޭމްޕްޓަން ވައްޓާލުމުގެ އިތުރުން، ތާވަލްގެ ހަތަރު ވަނައާ ތިންވަނައިގައި އޮތް ޔުނައިޓަޑާއި އާސެނަލްއާ ގާތަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް ވަނީ ހުޅުވިފައެވެ.

ހަމަ އެއާއެކު މިރޭ ތާވަލްގެ ގަދަ ހަތަރެއްގައި އުޅޭ ޔުނައިޓެޑާއި އާސެނަލް، ސިޓީ އަދި ޗެލްސީގެ މެޗުތައްވެސް ކުޅެން ތާވަލް ކުރެވިފައި ވާއިރު، އެއް ޕޮއިންޓުގެ ފަރަގު އެ ދެ ޓީމްގެ މެދުގައި އޮތް ޔުނައިޓާޑާއި އާސެނަލްއަށް މިރޭގެ މެޗުތައް ވެގެން ދާނީ ކާމިޔާބު ކުރަން ކޮންމެހެންވެސް މަޖުބޫރު މެޗުތަކަކަށެވެ.

ރޭ ސައުތޭމްޕްޓަން އާއި ޕެލެސް ބައްސަލުކުރި މެޗުގައި، ސައުތޭމްޕްޓަނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެ ޓީމްގެ މިޑްފީލްޑަރު ޖޭމްސް ވާޑް-ޕްރައުސް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓު ޕެލެސްގެ ކީޕަރު ސްޕެރޯނީއަށް ހިފައްޓާ ނުލެމުން، ރީބައުންޑްގެ ބޭނުން ހިފައި ޕެލެސްގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ސައުތޭމްޕްޓަންގެ މިޑްފީލްޑަރު ސަޑިއޯ މާނޭ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ހާފްގައި ގިނަ ވަގުތުތު ބޯޅަ ހިފައްޓައިގެން ކުޅުނު ސައުތޭމްޕްޓަނަށް އުފެއްދުނު އެންމެ އުންމީދީ ހަމަލާގައި، އެ ޓީމްގެ ފިލިޕް ޖުރިކް ފޮނުވާލި ބާރު ޝޮޓު ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިންނެވެ.

ފުރަތަމަ ހާފްގައި ދެ ޓީމްވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. ދެވަނަ ހާފްގައި ޕެލެސް ވަނީ ސައުތޭމްޕްޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ޕެލެސްގެ ބޮލަސީ ފޮނުވާލި ބާރު ޝޮޓު ސައުތޭމްޕްޓަންގެ ކީޕަރު ފޯސްޓަރ ވަނީ ދިފާއުކޮށްފައެވެ.

އޭގެ ހަ މިނެފަހުން ބޮލަސީ ހެދި ބާރު ޝޮޓު ކީޕަރު ފޯސްޓަރ ޑިފްލެކްޓް ކޮށްލުމުން ބޯޅަ އަނބުރާ އޭނާއަށް ލިބުނު އިރު، އެ ޓީމްގެ ޒާހާއަށް އޭނާ ދިން ޕާހުން ޒާހާ ނެގި ޝޮޓު އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

އެ ހާފްގައި ސައުތޭމްޕްޓަން އުފެއްދި ކައުންޓާތަކުގައި އެ ޓީމްވެސް ޕެލެސްގެ ގޯލަށް ނުރައްކާ ކުރިއެވެ. މެޗުގެ ފަހު ވަގުތުކޮޅު ލީޑު ލިބުމުން އެ ޓީމް ވަނީ ޑިފެންސަށް އިސްކަންދީ، ލީޑު ހިފައްޓާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު