މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުން ރަށްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 35 މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް ބޭއްވުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަސްވެރިންގެ ދުވަހަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން އެ ސިނާއަތުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ތަރުހީބު ދިނުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ފާހަގަކުރާ މަސްވެރިންގެ އީދެކެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ، ސާކިއުލާއެއް އާންމުކޮށްފައެވެ. އަދި އެ ސާކިއުލާއާ އެކު އެކަމަށް އެދޭ ރަށްރަށުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމުވެސް މިހާރު ވަނީ އަތޮޅުތަކަށް ފޮނުވާފައެވެ.

ވޭތުވެދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައި ވަނީ ޅ. ނައިފަރުގައެވެ. އެރަށުގައި ކުލަގަދަ ގޮތެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރި އިރު އެކަމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަދުގެ ސަރުކާރުން ބިނާކުރި ފުރަތަމަ މަސްވެރިންގެ މެރީނާ ޅ. ފެލިވަރުގައި ހުޅުއްވާދެއްވާފައެވެ.

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރުކަމުގައި ވުމާއެކު މިއަހަރު މަސްވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އެކަމަށް ޝައުގުވެރިވާ ރަށްރަށުން ހުށަހަޅަން ފިޝަރީޒް މިނިސްޓްރީން އެދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު