އެއްވެސް ވަރަކަށް ވާހަކަ ނުދައްކަވަނީ ނާޒިމު، އެންމެ ގިނައިން ވާހަކަ ދެއްކެވީ ޝަރީފް

ރައްޔިތުންގެ މަޖިލީހަކީ ތިން ބާރު އެކުލެވިފައިވަ ނިޒާމެއްގައި މުހިއްމު ބާރެކެވެ. ގާނޫނުތައް ހަދާ އެ ގާނޫނުތައް ފާސްކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްފައިވާ މެމްބަރުންނަކީ ރައްޔިތުންގެ އެތަކެއް ފޮނި އުއްމީދުތަކަކާ އެކު ހޮއްވަވާފައިވާ މެމްބަރުންނެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ހޮއްވަވާފައިވާ މެމްބަރުންނެވެ. އެ ދާއިރާއެއްގެ ރައްޔިތުންގެ އިހުސާސްތައް ނޭނގޭ މީހަކު އެ އިހުސާސްތަކާ އެއްކޮޅަށް ވާހަކަދައްކާ މެމްބަރެއް ނޫނިއްޔާ ރައްޔިތުންގެ މަޖިލީހަށް ހޮއްވަވާކަަށް ރައްޔިތުން ބޭނުމެއް ނުވާނެ އެވެ. މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޖަލްސާތަކުގެ ޔައުމިއްޔާތައް ވަކިވަކިން ބަލައި، އެންމެ ގިނައިން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވި މެންބަރުންނާއި "އެއްވެސް ގޮތަކަށް" މަޖިލީހުގެ ތަޅުމުގައި ވާހަކަ ނުދައްކާ މެންބަރުން "ސަން"އިން މިފަހަރު ވެސް ވަނީ ހޯދައިގަނެފަ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރެއްވި އެންމެ ފުރަތަމަ ޖަލްސާއެއް ބޭއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް މިދިޔަ އަހަރަށް ނިންމާލި އިރު ޖުމުލަ ދެ ދައުރެއް ވަނީ ފުރިހަމަކޮށްފަ އެވެ. އެ ދެ ދައުރުގައި ޖުމުލަ 60 ޖަލްސާ ވަނީ ބާއްވާފަ އެވެ.

ރައްޔިތުންގެ ހައްގުގައި، ވަކާލާތުކޮށްދިނުމަށް މަޖިލީހަށް އިންތިހާބުކުރި 85 މެންބަރުންގެ ތެރެއިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނިމިގެން ދިޔަ ދެ ދައުރުގައި އެއްވެސް ގޮތަކަށް މަޖިލީހުގެ ފްލޯގައި ވާހަކަފުޅު ނުދައްކަވާ އިންނެވީ އެންމެ މެމްބަރެކެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. ނާޒިމް ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ބިލަކަށް ވާހަކަފުޅުދައްކަވާފައި ނުވާއިރު ނިޒާމީ މައްސަލައެއްގައި ވެސް ވާހަކަފުޅުދައްކަވާފައެއް ނުވެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރެއް މިދިޔަ އަހަރު ނިމިގެން ދިޔަ އިރު ވަނީ މުހިއްމު ބިލުތަކެއް ފާސްކޮށްފަ އެވެ. ހަމައެއާ އެކު މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ފާސްކުރެވިގެން ދިޔައީ ވެސް މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ނިމިދިޔަ އަހަރުގައި އެންމެ ގިނައިން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމުގެ ރެކޯޑް އޮތީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އަތުގަ އެވެ. އޭނާ ވަނީ ޖުމުލަ 60 ޖަލްސާ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އިރު 120 ފުރުސަތުގައި މަޖިލީހުގައި ވާހަކަފުޅުދައްކަވާފަ އެވެ. ޝަރީފްއާ އެކު އެންމެ ގިނައިން މަޖިލީހުގައި ދެން ވާހަކަފުޅު ދައްކަވާފައި ވަނީ ވެސް އެމްޑީޕީގެ މެމްބަރެކެވެ. އެއީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލެވެ. އޭނާ ވަނީ 114 ފަހަރަކު ވާހަކަދައްކަވާފަ އެވެ. ސަތޭކަ އެގާރަ ފަހަރަކު ވާހަކަފުޅު ދައްކަވައިގެން ތިން ވަނަ އަށް އެންމެ ގިނައިން ވާހަކަދައްކަވާފައި ވަނީ ޕީޕީއެމްގެ މެމްބަރު ގެމަނަފުށި ދާއިރާގެ ޖަމީލު އުސްމާން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ތަޅުމުގައި ކަމެއް ހިނގަމުންދާ ނަމަ އެ ކަމެއް ރިޔާސަތުގެ ސަމާލު ކަމަށް ގެނައުމަށް މެންބަރުން ނަންގަވާ ނިޒާމީ މައްސަލަ ނެންގެވުމަށް 38 މެންބަރުން ފުރުސަތު ހޯއްދަވައި ޖުމުލަކޮށް ދެ ދައުރުގައި 191 ނިޒާމީ މައްސަލަ ނަންގަވާފައިވެ އެވެ.

ނިޒާމީ މައްސަލަތަކަށް އެންމެ ގިނައިން ވާހަކަ ދައްކަވާފައި ވަނީ އިދިކޮޅު އެމްޑީޕީ މެމްބަރުން ނެވެ.

ނިޒާމީ މައްސަލަތަކުގައި ވެސް އެންމެ ގިނައިން ވާހަކަދައްކަވާފައި ވަނީ ވެސް މިދިޔަ ދެ ދައުރުގައި ވެސް 18 ވަނަ މަޖިލީހުގައި ވާހަކަ ދައްކަވާފައިވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ. އޭނާ ވަނީ 27 ފަހަރަކު ނިޒާމީ މައްސަލަތަކުގައި ވާހަކަދައްކަވާފަ އެވެ. ޝަރީފްއާ ޖެހިގެން އެންމެ ގިނައިން ދެން ނިޒާމީ މައްސަލަތަކުގައި ވާހަކަދައްކަވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. ޖުމުލަ 25 ފަހަރަކު ނިޒާމީ މައްސަލަތަކުގައި އޭނާ ވަނީ ވާހަކަދައްކަވާފަ އެވެ. ތިންވަނަ އަށް އެންމެ ގިނައިން ނިޒާމީ މައްސަލަތަކުގައި ވާހަކަދައްކަވާފައި ވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ. އޭނާ ވަނީ 22 ފަހަރަކު ނިޒާމީ މައްސަލަތަކުގައި ވާހަކަދައްކަވާފަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން ދެން ނިޒާމީ މައްސަލަތަކަށް އެންމެ ގިނައިން ވާހަކަދައްކަވާފައި ވަނީ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އޭނާ އާ ޖެހިގެން އެންމެ ގިނައިން ނިޒާމީ މައްސަލަތަކުގައި ވާހަކަދައްކަވާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް