ޑިމާންޑުތަކާ ގުޅޭ ގޮތުން ބައްދަލުކުރަން އުމަރު އެއްބަސް، ރައީސް ދެކޮޅު: އެމްޑީޕީ-ޖޭޕީ

ސަރުކާރަށް ހުށަހަޅާފައިވާ ޑިމާންޑްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތައްޔާރަށް ހުންނެވި ކަމަށާއި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވާފައިވާ ކަމަށް އެމްޑީޕީ-ޖޭޕީން ބުނެފި އެވެ.

އެމްޑީޕީއާއި ޖޭޕީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު މ. ކުނޫޒްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބުރާހީމް ވިދާޅުވީ ދެ ޕާޓީން ހަމަޖައްސާ ބަޔަކާ އެކު އަންނަ ބުރާސްފަތި ދުވަހު މަޝްވަރާ ކުރެއްވުމަށް އުމަރު އެޕޮއިންޓްމެންޓެއް ދެއްވާފައިވާ ކަމަށެވެ.

"...އެހެންވީމާ އެމަނިކުފާނުގެ އެޕޮއިންޓްމެންޓް މި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 10 ޖަހާ އިރަށް އަޅުގަނޑުމެންނަށް ހަމަޖައްސަވާ ދެއްވާފައި. އެކަމަށް ޓަކައި އަޅުގަނޑުމެން ހޯމް މިނިސްޓަރަށް އަޅުގަނޑުމެންގެ ދެ ޕާޓީގެ ފަރާތުން ވަރަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ސިޓީއާ ގުޅިގެން މި ވިދާޅު ވަނީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި ތިމަންނާޔާ ތިޔަ ބޭފުޅުން ބޭނުން ވަނީ ވިއްޔާ ތިމަންނާޔަށް ވަގުތު ހަމަޖައްސާ ދެވިދާނޭ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޑިމާންޑްތަކަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއްގެ ގޮތުގައި ރައީސް ޔާމީނަށް ފެނިވަޑައިނުގެންނެވީތީ ހިތާމަކުރައްވާ ކަމަށެވެ. ޑިމާންޑުތަކާ ގުޅިގެން އިތުރަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މިރޭ ދެ ޕާޓީން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޝަރީއަތް ވަރަށް ބާރަށް ކުރިއަށް ދާއިރު އެ ޕާޓީއަށް ބަލާކަށް ނުތިބެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި އިތުރަށް މަސައްކަތްތަކެއް ކުރަން މިރޭ ނިންމާފައިވާ ކަމަށެވެ. އެކަމުގައި އެމްޑީޕީގެ ކަންކަން ތަރުތީބު ވެގެންދާނީ އާއްމު މެމްބަރުން އެދޭ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަން ކުރިޔަސް ޖޭޕީއާއި އެމްޑީޕީއާ ދެމެދު އޮތް ގުޅުމަށް ބުރުލެއް ނާރާނެ ގޮތަކަށް މިރޭ އެއްބަސް ވެފައިވާ ކަމަށެވެ.

އަލީ ވަހީދު އަދި ވިދާޅުވީ ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ މެމްބަރަކު ކަމެއް ކުރަން ބޭނުން ވެފައި ނުކުރެވިފައި ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރުން ނޫން އެހެން ކަމެއް އެމްޑީޕީއަށް މިވަގުތު ނުވެސް ނެތްކަމަށެވެ.

"...އަޅުގަނޑުމެންނަށް ހަގީގަތުގައި އެމްޑީޕީއަށް އެހެން ކަމެއް ނުވެސް ނެތް. އެހެންވީމާ ނާއިންސާފުން ސަރުކާރުން ގެންގޮސް މިނިޒާމުގެ ތެރެއިން އެބޭފުޅުން ބޭނުންކަމެއް ކުރެއްވި ކަމުގައި ވިޔަސް އަޅުގަނޑުމެން ރައީސް ނަޝީދާ ނުލައި އެމްޑީޕީ ކުރިއަކަށް ނުދާނެ. ހަރާބުގެ މަގަށް ހަގީގަތުގައި އެބޭފުޅުން އެހެންކަމަށް ވަންޏާ އެ ގެންދަވަނީ. އެހެންވީމާ ހަމަ ގައިމުވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕާޓީގެ އާއްމު މެމްބަރުންގެ ވިންދާ ރޫހާ އަދި އޭގެ އިތުރުން މެމްބަރުންނާ ރައީސް ނަޝީދާ ދޭތެރޭގައި އެ އޮންނަ ލޯތްބާ ދޭތެރެގެ މެދަކަށް އަޅުގަނޑުމެން ނުވަންނާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ 13 ޑިމާންޑު:

1. ގާނޫނު އަސާސީއާއި ގާނޫނަކުން ގެންނަ އިސްލާހަކުން ވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުން.
2. ރައީސް ނަޝީދާއި ކާނަލް ނާޒިމާއި މެމްބަރު އާޒިމް އަދި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ބަންދުކޮށްފައި ތިބި މީހުން މިނިވަން ކުރުން.
3. އޮޑިޓް ގާނޫނަށް ގެނައި އިސްލާހު އަނބުރާ ގެންދިއުން.
4. އެކިފަރާތްތަކާ މެދު ކުރާ ސިޔާސީ ދައުވާތައް ދޫކޮށްލުން.
5. ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުން.
6. މާލެއާއި ރަށްރަށުގެ ކަރަންޓްގެ އަގުހެޔޮ ކުރުން
7. ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީތައް ދޭން ފެށުން.
8. ކައުންސިލުތަކުން ނިގުޅައިގަނެފައިވާ ބާރުތައް ދިނުމާއި ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ކައުންސިލްތައް ބާރުވެރިކުރުވުން.
9. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަންފީޒުކުރުން.
10. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުން
11. އަލަށް ނަގަން ހަމަޖައްސާފައިވާ ތެލުގެ ޑިއުޓީ ނުނަގާ ގޮތަށް ހަމަޖެއްސުން
12. މިނިވަން މުއައްސަސާތަކަށް ގާނޫނީ ބާރުވެރިކަން ދިނުން
13. ސަރުކާރުގެ ވައުދާ އެއްގޮތަށް ހުސްނުވާ އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު