ޖަޕާން އޮތީ ރާއްޖޭގައި އިންވެސްޓް ކުރަން ތައްޔާރަށް: މިނިސްޓަރު ސައީދު

ޖަޕާން އޮތީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ތައްޔާރަށް ކަމަށް އެ ގައުމަށް ވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޖުމްހޫރިއްޔާގެ އިސްނެގުމުގެ މަތިން ޖަޕާނަށް ވަޑައިގެން އުޅުއްވާ ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖަޕާނުގައި ހުންނަވައި "ސަން"އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ ޖަޕާނުގެ "މިނިސްޓުރީ އޮފް އިކޮނޮމީ ޓުރޭޑް އެންޑް އިންޑަސްޓުރީ އޮފް ޖަޕާން" އާއި އިގްތިސާދާއި ގުޅުން ހުރި ދާއިރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.

އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓުތައް ކުރިއަށް ގެންދިއުން ކަމަށާއި ޖަޕާނުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އެގޮތުން ޖަޕާނުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ކަމަށާއި އެ ގައުމުގެ ބައެއް ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް ޖަޕާނުން ތާއީދު ކުރައްވާ، ރައީސް ޔާމީންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ދެ ގައުމުދޭތެރޭ މަޝްވަރާތައް ކުރެވުނު،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުންތަކުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށާއި ރާއްޖެ އާއި ޖަޕާނާއި ދޭތެރޭ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ޖަޕާނު ބޭންކުން ނަގަން ހަމަޖެހިފައިވާ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނު ވަރަށް އަވަހަށް ހަމަޖެހި އެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކާއެކު އެއާޕޯޓްގެ ތަރައްގީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ޖަޕާނަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު އެވަފުދުގެ ބޭފުޅުން މާދަމާ ޗައިނާގެ ބެއިޖިން ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު