ލިޔުންތައް ދިރާސާކުރުމަށް އިތުރު ފުރުސަތު ނުދޭން ނިންމައި ނަޝީދުގެ ޝަރީއަތް މާދަމާރޭ ބާއްވަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިއުންތަށް ދިރާސާކުރުމަށް އިތުރު ފުރުސަތު ނުދޭން ނިންމައި، ނަޝީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހެކިބަސް ނެގުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ރައީސް ނަޝީދާ ދެކޮޅަށް ވަނީ ހެކި ހުށަހަޅާފައެވެ. އަދި ނަޝީދުގެ ފަރާތުންވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާދަމާރޭ 10 ޖަހާއިރަށް ތާވަލުކުރެވިފައިވާ ނަޝީދުގެ ޝަރީއަތުގައި ކުރިއަށް ދާނީ ދައުލަތުގެ ފަރާތުން ނަޝީދާ ދެކޮޅަަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރަން ރައީސް ނަޝީދު ނިންމެވިކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފާއި އިންސްޕެކްޓާ އޮފް ޕޮލިސް ޝާކިރު އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ އިތުރުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

މީގެއިތުރުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދައްކާފައިވާ ވާހަކަތަކުގެ ސްކްރިޕްޓާއި އެދުވަސްވަރު ރާޅުގަނޑު ސަރަހައްދުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކައްގެ ރެކޯޑިން އާއި އެދުވަސްވަރު ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގެ އޯޑިއޯ ރެކޯޑިންގެ އިތުރުން އުސްފަސްގަނޑުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކެއްގެ ރެކޯޑިން ވެސް ވަނީ އެކަން ސާބިތުކުރަން ހުށަހަޅާފައެވެ.

އެމްއެންޑީއެފް މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމިކަން ސާބިތުކުރުމަށް ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ޗީފް އޮފް ޑިފެންސްފޯސް އަހްމަދު ޝިޔާމާއި ކާނަލް ވައިސް ވަހީދެވެ. އެކަން ސާބިތުކުރުމުގެ ގޮތުން ތިން ސިޓީއެއް ވެސް ހުށަހެޅިއެވެ. އެއީ އެމްއެންޑީއެފްގެ ސިޓީ އަކާއި އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު އިބްރާހީމް ރިޒާ އެމްއެންޑީއެފް އަށް ފޮނުވި ސިޓީއެކެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނަކާއި އެދުވަސްވަރު ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނަކާއި ހައިކޯޓުން އޭރު ނެރުނު ކޯޓު އަމުރުތަކަކާއި 2012 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ސޮއިކުރައްވައި ނެރުނު ޑައިރެކްޓޭޓެއް ވެސް ވަނީ އެކަން ސާބިތުކުރުމަށް ހުށަހަޅާފައެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު އާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ އިތުރުން ކުރީގެ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުންނެވި އަހްމަދު މައުސޫމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު