އައިއެސްގެ ފަލްސަފާ އިސްލާމްދީނާ ހިލާފު: ދުންޔާ

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަލްސަފާއަކީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ފަލްސަފާއެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ މަތީފެންވަރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، އައިއެސްގެ އަމަލުތަކުގެ ސަބަބުން އިސްލާމްދީނުގެ ތަސައްވުރު ހަޑިވެފައިވާ ކަމަށެވެ.

"... އިސްލާމްދީން އެކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްހަވެރިކަމާއި ކެތްތެރިކަމާއި އެކުވެރިކަމުގެ އުސޫލުތަކާ އެމީހުންގެ ފަލްސަފާ ހިލާފުވޭ. އެމީހުންގެ އަމަލުތަކުން އަޅުގަނޑުމެންގެ މަތިވެރި ދީނާ ދޭތެރޭ ދުނިޔެ ދެކޭ ގޮތް ވަނީ ހުތުރުވެފައި،" ދުންޔާ ވިދާޅުވި އެވެ.

އެޖަމާއަތުގެ އަނިޔާ ލިބޭ މީހުންނަށް ޓަކައި ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ މެކޭނިޒަމް ތެދުވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އަދި ވިދާޅުވީ، އައިއެސް އިން ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ރާއްޖޭން ތަކުރާރުކޮށް ކުށްވެރިކޮށްފައިވާނެ ކަމަށެވެ.

"... އިސްލާމިކް ސްޓޭޓްގެ ނަމުގައި މެދު އިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ އަނިޔާ ލިބެމުންދާ މީހުންނަށް ޓަކައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މެކޭނިޒަމް ތެދުވަން ޖެހޭ. އެޖަމާއަތުން ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ދިވެހި ރާއްޖޭން ވާނީ ތަކުރާރުކޮށް ކުށްވެރިކޮށްފައި. އަދި ކުށެއް ނެތް އާއްމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް އަޅުގަނޑުމެން ވަރުގަދައަށް ކުށްވެރި ކުރަން،" އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު ވިދާޅުވީ، ޔޫރަޕްގައި ފެތުރެމުންދާ އިސްލާމޯފޯބިއާ ( އިސްލާމްދީން ދެކެ ބިރުގަތުމުގެ ފިކުރު) ވެސް ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ. ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ރާއްޖޭން ކުރާ ތާއީދު އެގޮތުގައި އަދި ވެސް އެބަ އޮތް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު