އޭއެފްސީ ކަޕް މެޗުގެ ކުރިން ނިއުއަށް ކޯޗެއް ހަމަޖައްސާނަން: ޒަރީރު

ނިއުރޭޑިއެންޓު ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗް މިކާ ލޮންސްޓްރޮމް އާއި އެ ޓީމްގެ އެސިސްޓަންޓް ކޯޗް އިސްމާއިލް އަނިލް ޓީމުގެ ކޯޗުކަމުން ވަކިކުރިކަން ޔަގީން ކޮށްދެމުން، މިމަހުގެ 11 ވަނަ ދުވަހު އެ ޓީމް ކުޅޭ އޭއެފްސީ ކަޕް މެޗުގެ ކުރިން ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ނިއުގެ ބޯޑު މެންބަރު އަހުމަދު ޒަރީރު ވިދާޅުވެއްޖެ އެވެ.

ޒަރީރު ވިދާޅުވީ، ކޯޗް މިކާ އާއި އަނިލް، ޓީމުގެ ކޯޗުކަމުން ވަކިކުރަން ނިންމީ ކްލަބާއި އެ ދެ ފަރާތާ ދެމެދު ވާހަކަ ދެއްކުމަށް ފަހު، ދެ ފަރާތުންވެސް އެކަމަށް އެއްބަސް ވެގެން ކަމަށެވެ. އަދި ކުރިއަށް އޮތް އޭއެފްސީ ކަޕްގެ މެޗުގެ ކުރިން ޓީމަށް އާ ކޯޗެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

"މިކާ އާއި އަނިލް ވަކި ކުރީ ކަލްބާ އެ ދެ ފަރާތާވެސް ވާހަކަ ދެއްކުމަށް ފަހު. މިހާރު ޓީމަށް އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން މި ދަނީ. އިރާދަކުރެއްވިއްޔާ އޭއެފްސީ ކަޕްގެ މެޗުގައި ޓީމް ނިކުންނާނީ އާ ކޯޗަކާ އެކު. އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ބިދޭސީ ކޯޗެއް ހަމަޖެއްސޭތޯ،" ޒަރީރު ވިދާޅުވި އެވެ.

ކޯޗް މިކާ އަކީ މިދިޔަ ސީޒަންގެ ދިވެހި ލީގުގެ ދެވަނަ ބުރުގައި ނިއުއާ ހަވާލުވި ކޯޗެކެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމް މިދިޔަ އަހަރުގެ ދިވެހި ލީގު މިލްކު ކުރުމުގެ އިތުރުން، އޭނާ ވަނީ އެ ކްލަބުގެ 35 އަހަރުގެ ހުވަފެން ކަމަށްވާ ގައުމީ ތަށި މިލްކު ކުރުމުގެ ހުވަފެންވެސް ހަގީގަތަކަށް ހަދައިދީފައެވެ.

ނިއުއިން ވަކިކުރި އެ ޓީމްގެ އެސިސްޓަންޓް ކޯޗް އިސްމާއިލް އަނިލް --- ފޮޓޯ: ނިއުރޭޑިއެންޓް

މިކާ އާއެކު ކްލަބުން ވަކިކުރި ކޯޗް އަނިލް އަކީވެސް މިދިޔަ އަހަރުގެ ކުރީކޮޅު ޓީމާ ގުޅުނު ކޯޗެކެވެ. އަދި މިދިޔަ ސީޒަންގެ އޭއެފްސީ ކަޕްގައި އެ އަހަރު ނިއުއަށް ގެނައި ފުރަތަމަ ކޯޗް ކަމަށްވާ ސްޕެއިންގެ ޕެރޭޒް ގާސިއާ ވަކިކުރުމަށް ފަހު، އެ މުބާރާތުގެ ތެރެއިން ގެނައި ދެވަނަ ކޯޗް ކަމަށްވާ ސައިމަން މެކްމެނެމީވެސް ވަކިކުރުމުން، އަނިލް ވަނީ ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ނިއުގެ ހެޑް ކޯޗްގެ މަގާމް ވަގުތީގޮތުން އަދާކޮށްފައެވެ.

ޓީމްގެ ހެޑް ކޯޗާއި އެސިސްޓަންޓް ކޯޗް ވަކިކުރުމަށް ފަހު، މިހާރު އެ ޓީމްގެ ތަމްރީނުތައް ކުރިއަށް ގެންދަނީ އެ ޓީމްގެ އެކެޑެމީ ކޯޗް ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކަމަށް ޒަރީރު މައުލޫމާތު ދެއްވިއެވެ.

"މިހާރު ޓީމްގެ ތަމްރީނުތަކާ ހަވާލުވެ ހުރީ ސޮބާ. ސޮބާއަކީ މީގެ ކުރިން ނިއުއަށް ކުޅުނު ކުޅުންތެރިއެއް. އަދި މިފަހަރުގެ އޭއެފްސީ ކަޕްގައިވެސް އޭނާގެ ނަން ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ވަނީ ހިމަނާފަ. އެ މަގާމަށް އޭނާ ހަމަޖެއްސީ އޭނާއަކީ ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހުރި ފަރާތަކަށް ވުމުގެ އިތުރުން، ކޯޗިންގް ލައިސެންސްވެސް އޭނާ ހާސިލް ކޮށްފައި ވާތީ،" ޒަރީރު ވިދާޅުވި އެވެ.

މިދިޔަ ޕީޕަލްސް ކަޕްގެ ތެރޭގައި ނިއު ހޯދި ނަތީޖާތަކާމެދު އެ ކްލަބުގެ މެނޭޖްމަންޓުން ހިތްހަމަ ނުޖެހޭ ކަމަށް ބުނެ އެ ކްލަބުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެ މުބާރާތަށް ފަހު އެ ކްލަބަށް މި ސީޒަނަށް ފުރަތަމަ ގެނައި ތިން ބިދޭސީ ކުޅުންތެރިންވެސް ކްލަބުން ދޫކޮށްލި އިރު، އެ ކްލަބުގެ ސަޕޯޓަރުން ކޯޗް މިކާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު