ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި މާޒިޔާ ޓީސީ އަތުން ބަލިވެއްޖެ

އޭއެފްސީ ކަޕަށް ކުރާ އިތުރު ތަމްރީނެއްގެ ގޮތުން އިއްޔެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި މާޒިޔާ ޓީސީ އަތުން ބަލިވެއްޖެ އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ޓީސީ މާޒިޔާގެ މައްޗަށް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި ޓީސީ ވަނީ އެ ހާފްގައި ދެ ލަނޑުގެ ލީޑެއް ހޯދާފަ އެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ޓީސީއަށް ކާމިޔާބު ކޮށްދިނީ މިފަހަރު ނިއުރޭޑިއެންޓުން އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ރަފައެލް (ރަފީނިއާ) އެވެ.

ޓީސީގެ ދަވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަންކަން މި ސީޒަނަށް ހަވާލުކުރި ޔާމްބެ އެވެ. މާޒިޔާއަށް މެޗުގައި ކާމިޔާބު ކުރެވުނު ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގެ މެދުތެރެއިން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނެވެ. އެ ޕެނަލްޓީ ކާމިޔާބު ކުރީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

އެ މެޗާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެމުން ޓީސީ ސްޕޯޓްސްގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) ބުނީ އެ މެޗަކީ ނިއުރޭޑިއެންޓް ފިޔަވާ ރަނގަޅު ޗެލެންޖެއް ދެވޭނެ ކްލަބަކާ މާޒިޔާ ކުޅެން ބޭނުންވުމުން ކުޅުނު މެޗެއް ކަމަށައި އެއީ މާޒިޔާ އޭއެފްސީ ކަޕަށް ކުރާ ތަމްރީނެއްގެ ގޮތުން ކުޅުނު މެޗެއް ކަމަށެވެ. އަދި އެ މެޗު ޓީސީ އަށް ކާމިޔާބު ކުރެވުމުން އެކަމާ އުފާ ކުރާ ކަމަށް ވެސް ޑޭވް ބުންޏެވެ.

މި އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕީޕަލްސް ކަޕްގެ ރަނަރަޕްކަން ހޯދީ މާޒިޔާ އެވެ. އޭގެ އިތުރުން މިދިޔަ މަހުގެ 17 ގައި ކުޅުނު އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ފިލިޕީންސްގެ ސެރެސް ބަލިކުރުމަށް ފަހު، މާޒިޔާ މިހާރު ދަނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަމުން ނެވެ. ނަމަވެސް އެ ޓީމް ރަށުން ބޭރުގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބެންގަލޫރު އެފްސީ އަތުން ބަލިވެފައިވާ އިރު، ދެން އެ ޓީމް ކުޅޭނީ ސިނަގަޕޫރުގެ ވޮރިއަރސްއާ ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހު އެވެ.

މާޒިޔާގެ ސްކޮޑު މި ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ތިން ބިދޭސީ ކުޅުންތެރިން ގެނެސްފައިވާ އިރު، ޓީސީ ސްޕޯޓްސްގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ނިއުއިން މި ޕީޕަލްސް ކަޕަށް ފަހު ދޫކޮށްލި ބްރެޒިލްގެ ފޯވާޑް ރަފީނިއާ އާއި ރާއްޖޭގެ ދެވަނަ ކީޕަރު މުހައްމަދު އިމްރާންގެ އިތުރުން ފުރަތަމަ ޑިވިޝަންގައި ކުޅޭ އިތުރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

އިތުރު ކުޅުންތެރިން ޓީމަށް ގެންނަން ވިސްނާތޯ ސުވާލު ކުރުމުން ޑޭވް ބުނީ މިދިޔަ މަހު ބޭއްވި އެ ކްލަބުގެ ޓްރައިލް ތަކަށް ފަހު ޓީމަށް ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ގެނެސްފައިވާ ކަމަށާއި ދެން މި ސީޒަންގައި އިތުރު ކުޅުންތެރިން އެ ޓީމަށް ގެންނަން ނުވިސްނާ ކަމަށެވެ. ނަމަވެސް އަހަރުގެ މެދުތެރޭ އޮންނަ ޓްރާންސްފާ ޕީރިއަޑްގައި ކުޅުންތެރިން ގެންނާނެ ކަމާމެދު ވިސްނަމުން ދާކަމަށް ވެސް ޑޭވް ބުންޏެވެ.

ޓީސީ ސްޕޯޓްސް އަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށް ފަހު، ދިވެހި ލީގު ކޮލިފިކޭޝަންގެ ދެވަނައިގައި އޮވެ މި އަހަރު މުޅިން އަލަށް ދިވެލި ލީގާ ކުރިމަތިލާ ޓީމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު