މިއަހަރުގެ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ވެސް ފަސްކޮށްފި

ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ވެސް ފަސްކުރަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ސްވިމިންގް އެސޯސިއޭޝަނުން އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ފަސްކުރަން ނިންމީ އެ މުބާރާތް ބާއްވަން ކަނޑައެޅި ތާރީޚަކީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ދުވަސްވަރަކަށް ވާތީ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ މުބާރާތް ލަސްކުރަން ނިންމީ އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ކަމަށާއި، އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ސްކޫލްތަކުގެ މަޝްވަރާ ވެސް ހޯދާފައި ވާކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެސްޓިއޯއިން މާކެޓް ކުރާ ނިޕޯން ޕެއިންޓުގެ ސްޕޮންސާޝިޕްގެ ދަށުން ނިޕޯން ޕެއިންޓް ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ ނަމުގައި އެ މުބާރާތް މީގެ ކުރިން ބާއްވަން ތާވަލްކުރީ އޭޕްރިލް 11 އިން 18 އަށެވެ. ނަމަވެސް މިހާރު އެ މުބާރާތް ބާއްވާނީ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ފަހަކަށް ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

މި އަހަރު ސްވިމިންގް އެސޯސިއޭޝަނުން ބާއްވަން ތާވަލްކުރި ފުރަތަމަ މުބާރާތްކަމަށްވާ އެސްޑީޕީ ފެތުމުގެ މުބާރާތްވެސް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ފަސްކޮށްފައެވެ. އެ މުބާރާތް ފަސްކުރަން ނިންމީ ސްވިމިންގް އެސޯސިއޭޝަނުން އަލަށް ގާއިމްކުރަމުންދާ ފްލޯޓިންގް ޕްލެޓްފޯމްގެ މަސައްކަތް އަވަހަށް ނިންމުމަށް ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު