ހެވެއް އެދޭނަމަ، އަމިއްލަ މުސާރަ ކުޑަކޮށްދެއްވާށެވެ!

އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް އިންތިހާބުކޮށްފައިވާ 85 މެމްބަރުންނެވެ. ކޮންމެ މެމްބަރެއްގެ އުޖޫރައަށް ލިބޭ މިންވަރު 80،000 ރުފިޔާއަށްވުރެ އިތުރެވެ. އެއީ މަހެއްގެ މައްޗަށް 6.8 މިލިއަން ރުފިޔާ އެވެ. އަހަރެއްގެ މައްޗަށް 81 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން ފަސް އަހަރުގެ ދައުރަކަށް މެމްބަރުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް ހަތަރުސަތޭކަ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. މުސާރައިގެ އިތުރުން އެބޭފުޅުންނާއި އާއިލާގެ މެމްބަރުންނަށް އާސިއާނު ގައުމުތަކުން ބޭސްފަރުވާ ކުރުން ފަދަ އެތައް އިނާޔަތެއް ލިބިގެންވެއެވެ. މިއީ މިފަދަ ނާޒުކު އިގްތިސާދެއް ލިބިގެންވާ ގައުމަކަށް އެންމެ ހައްގު މިންވަރު ތޯއެވެ؟ ހަމައެހެންމެ ބޮޑު މުސާރަދޭ މަގުސަދު މެމްބަރުންގެ ފަރާތުން ހާސިލްވޭތޯއެވެ؟

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުން 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި 33 ބިލިޔަން ރުފިޔާއަށް އަރަ އެވެ. އަހަރަކަށް ފަހު އަހަރެއް ދަރަނި ދަނީ މަތިވަމުންނެވެ. މި އަހަރުގެ ދަރަނި 33 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވޭ އިރު އެއީ ޖީޑީޕީގެ 63.2 އިންސައްތައެވެ. މި އަހަރަށް ލަފާކޮށް، 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ބަޖެޓުގެ 65 އިންސައްތަ އަކީ ރިކަރަންޓް ހަރަދެވެ. ރިކަރަންޓް ޚަރަދަކީ އުފެންދުންތެރި ނޫން ޚަރެދެކެވެ. ތަރައްގީއަށް ކުރެވޭ ޚަރަދެއް ނޫނެވެ. އާދެ ބޮޑެތި މުސާރަތަކަށް ބޮޑު ހަރަދަކެވެ. މިއީ މިގައުމުގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެވަރުގެ ބޮޑު މުސާރައެއް ދެވޭ އެހާމެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ހިމެނޭ މަޖިލީހެއް ގެންގުޅުމަކީ އަނގަޔާއި އަތާ ދިމާނުވާ މިފަދަ ފަގީރު ގައުމަކަށް އުފުލޭ ވަރަށްވުރެ މާ ބަރުބޮޑު ބުރައެކެވެ.

"ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ދެވޭ މުސާރައަކީ ތަރައްގީ ވެފައިވާ ގައުމުތަކުގެ މަޖިލިސް ތަކާއި އަޅައިބަލާއިރު ވެސް ބޮޑު މުސާރައެއް. އެއީ ރާއްޖޭގެ ޖީޑީޕީއަށް ބަލާއިރު ވެސް ބޮޑު އަދަދެއް." އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ދައުލަތުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

މިއީ ބޮޑު ބުރައެކެވެ. މަޖިލިސް މެމްބަރުންގެ އަދަދު ބޮޑުތަން މަދު ކުރަންޖެހެއެވެ. ހަމައެހެންމެ މެމްބަރެއްގެ މުސާރަ ބޮޑުތަން ކުޑަކުރަންޖެހެއެވެ. އެ މެންބަރުންނަކީ ވަކި ގަޑިޔަކަށް އަންނަށްޖެހޭ އަދި މަޖިލީހަށް ނައުމުން އެއްވެސް އަދަބެއް ލިބޭ ބަޔަކަށް ނުވާއިރު ބޮޑު މުސާރައެއް ދިނުމުގެ ބޭނުމެއް ނުފެނެއެވެ. ހަމަ އެހެންމެ ވަކި މިންވަރަކަށް މަޖިލީހުގައި މަސައްކަތް ކުރުމަށް އަންގާފައިނުވުމާއި މަސައްކަތް ނުކުރުމުން ދެވޭ އެއްވެސް އަދަބެއްވެސް ނެތުމުން އެއީ އެ މެންބަރުންނަށް ފައިސާ ހޯދުމަށް އިތުރު އެތައް މަސައްކަތެއް ކުރަން ފުރުސަތު ލިބޭ ހެކިތަކެވެ. ރާއްޖޭގެ އިގްތިސާދީ ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މުސާރަ އިގްތިސާދީ ފުދުންތެރިކަން ތަންދޭ ވަރަށް ކުޑަ ކުރަންޖެހެއެވެ.

އެހެންކަމުން މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އެއީ ރަނގަޅުމިންވަރެއް ކަމަށް ބައެއް އިގްތިސާދީ މާހިރުން ގަބޫލުކުރެއެވެ. ސަބަބަކީ މުސާރައިގެ އިތުރުން ބޭސްފަރުވާ އާއި ރަސްމީދަތުރުތަކުގެ ޚަރަދު ސަރުކާރުން ދޭތީއެވެ. ރައްޔިތުންގެ މަޖިލީހަކީ ކޮންމެހެން ބޮޑު މުސާރަ ހޯދަންދާ ތަނެއް ނޫނެވެ. އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މަޖިލީހެވެ. ހައިބަތު ބޮޑު ޝާނާ ޝައުކަތު ލިބިގެންވާ މަޖިލީހެވެ. އެތަނުގައި އިންނަވަންވީ އެތަނުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާށެވެ. އެތަނުގެ ޝަރަފާއި އިއްޒަތަށްޓަކައެވެ. އަދި ހަމަ އެއާއިއެކު ރައްޔިތުންގެ މަޖިލީހުގެ އަދަދު މަދު ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ގަބޫލުކުރެވެއެވެ. ކޮންމެ 10،000 މީހަކަށް އެއް މެމްބަރުންގެ ރޭޓުން މެމްބަރުން ކަނޑައެޅުން މުހިންމެވެ. މިއީ ރައްޔިތުން ތަމްސީލުކުރެވޭނެ ވަރުގެ މިންވަރެކެވެ.

"ހަގީގަތުގައި ގިނަ މެމްބަރުން ކަންކުރާ އުސޫލަކީ ކޯރަމް ހަމަކޮށްލަން ހެނދުނު އަންނާނީ. ދެން ޖަލްސާ ފެށޭއިރަށް ގިނަ މެމްބަރުން ނުކުމެގެންދާނެ. ބައެއް މެމްބަރުން ވިދާޅުވާނެ ދަނީ ކޮމެޓީއަށް ކަމަށް. އެކަމަކު ހަގީގަތަކީ ގިނަ އަދަދެއްގެ މެމްބަރުން މަސައްކަތުގައި ނޫނަކަން އުޅެނީ. މިއީ ގިނައިން ފެންނަ މަންޒަރެއް،" މަޖިލިސް ދާއިރާގެ ހަބަރުތައް ދިރާސާކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އިސް ނޫސްވެރިޔަކު ވިދާޅުވިއެވެ.

އާންމު އުސޫލެއްގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ރާއްޖޭގައިވެސް ކަންހިނގާގޮތަކީ ބޮޑު މުސާރައެއް ނުވަތަ އިނާޔަތެއް ދިނުމުގެ ބޭނުމަކީ އެހެން މީހުންގެ ނުފޫޒެއް އެމީހެއްގެ ނުވަތަ އެބަޔެއްގެ މައްޗަށް ފޯރިޔަ ނުދިނުމަށެވެ. ނަމަވެސް މި ރާއްޖޭގައި ކަން ހިނގަމުން ދަނީ ދިމާ އިދިކޮޅަށޭ ބުނެވޭނެ ފުރުސަތު އެބައޮތެވެ. ބޮޑު މުސާރަ ދިން ވަރަކުން ގިނަ ފައިސާ ހޯދަން އެދޭ ކަހަލައެވެ. މިމަޖިލިސް އިންތިހާބް ކުރިތާ އަދި އަހަރެއް ނުވާއިރު 15 ފަހަރަށް މެމްބަރުން ވަނީ ޕާޓީ ބަދަލުކޮށްފައެވެ. މިއިން ކޮންމެ ފަހަރަކު ކަޅުފައިސާގެ އެތައް ތުހުމަތެއް ކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. އިންތިހާއަށް ފާޑުކީކަންތައްތައް ނުވަތަ މީހުންތައް ކުއްލިއަކަށް ރަނަށް ވާތީއެވެ. ހަމައެހެންމެ ކުއްލިއަކަށް މުއްސަދިވާތީއެވެ.

"ދާދި ފަހުން ޕާޓީ ބަދަލުކުރި މެމްބަރަކު އަޅުގަނޑަށް ވަރަށް ކަށަވަރުކޮށް އެނގޭ ޕާޓީ ބަދަލުކުރީ 10 މިލިއަން ރުފިޔާއަށްކަން،" މަޖިލީހުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަމުން، ފުންނާބްއުސް ގާނޫނީ ވަކީލެއް އަދި މީގެކުރިން ގާނޫނީ ދާއިރާއިން ދައުލަތުގެ އެންމެ އިސް މަގާމެއްވެސް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

މެމްބަރުންނަށް ބޮޑު މުސާރަ ދެވިދެވި ހުއްޓާ، ހަދާފައިވާ ދިރާސާއަކަށް ބަލައިލާނަމެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން 2013 ވަނަ އަހަރު ހެދި ގްލޯބަލް ކޮރަޕްޝަން ބެރޯމިޓާ (ޖީސީބީ) ސާވޭއިން ދައްކާގޮތުން ރާއްޖޭގައި އެންމެ ކޮރަޕްޓް މުއައްސަސާތަކުގެ ކުރީގައި އޮތީ ރައްޔިތުންގެ މަޖިލީހެވެ. މިސާވޭގެ ބައިވެރިންގެ ތެރެއިން 62 އިންސައްތަ މީހުން ބުނެފައި ވަނީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެއް ކަމަށެވެ. ވަކިވަކި މުއައްސަސާތަކަށް ބަލާ އިރު، އެންމެ ކޮރަޕްޓްކަމަށް ގިނަ މީހުން ދެކެނީ ރައްޔިތުންގެ މަޖިލީހެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 60 އިންސައްތަ މީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ތަނެއް ކަމަށެވެ. މިއީ ރައްޔިތުންގެ ބަހެވެ. އެހެންކަމުން ބޮޑު މުސާރަދިން މަގުސަދު ހާސިލް ވޭތޯއެވެ؟

މިހުރިހާ ހަގީގަތެއް ހުރިއިރު މިއީ ދުނިޔޭގެ މުއްސަނދި އެހެން ގައުމުތަކުގައިވެސް ގެންގުޅޭ ނިޒާމެއް ނޫނެވެ. މަކާއޯ އަކީ 607,500 މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ޖީޑީޕީން ބޮލަކަށް 91,376 ޑޮލަރު ޖެހޭ މަކާއޯގެ މަޖިލީހުގައި ތިބެނީ 33 މެންބަރުންނެވެ. ޔޫރަޕުގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށް ވާ ލަގްޒެމްބާރގުގެ އާބާދީ އަކީ 543,202 އެވެ. ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދަކީ 110,697 އެމެރިކާ ޑޮލަރެވެ. އެ ގައުމުގެ ޗޭމްބަރ އޮފް ޑެޕިޔުޓީޒްގައި ތިބި މެންބަރުންގެ އަދަދަކީ 60 އެވެ. އާބާދީގައި 417,784 މީހުން ތިބި، އަދި ޖީޑީޕީން ބޮލަކަށް އަހަރަކު 38,563.31 އެމެރިކާ ޑޮލަރު ޖެހޭ ގައުމެއް ކަމަށް ވާ ބުރޫނާއީގެ ލެޖިސްލޭޓިވް ކައުންސިލް ހިމެނެނީ 36 މެންބަރުންގެ މައްޗަށެވެ.

ރައްޔިތުންދެކެ އިންތިހާއަށް ލޯބިވާ ކަމަށްވި މަޖިލީހުގެ މެންބަރުންގެ އަދަދު ކުޑަ ކުރާން ޖެހޭކަން މުޅި ގައުމު ކަހަލަ ގޮތަކަށް ގަބޫލު ކުރެއެވެ. ނަމަވެސް ރައްޔިތުންނާއި ގައުމު ދެކެ އިންތިހާއަށް ލޯބިވާ އެ އިންޒަތްތެރި މެމްބަރުން އެކަމާއި ނޫޅެއެވެ. އެބޭފުޅުންނަށް ލިބޭ ބޮޑު މުސާރަ ކުޑަކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅެއެވެ. ނަމަވެސް މާދަމާ މަޖިލީހުގެ އާ ދައުރެއް ފެށޭއިރު މިއީ ކޮންމެހެން ހެޔޮ ބަދަލެއް ގެންނަން މަޖުބޫރުވެފައިވާ ދާއިރާއެއްކަން ޔަގީނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިގޮތުގައި މިހާތަނަށް މަޖިލިސް މެމްބަރުންގެ މުސާރައަށް ބަދަލެއް ގެނައުމަށް އެ ކޯލިޝަންތެރޭގައި ނިންމަވާފައިވާކަން އެނގިފައެއް ނުވެއެވެ.

"އަޅުގަނޑަށް އެނގިގެނެއް ނެތް މުސާރައިގެ ކަންތަކުގައި މަޝްވަރާއެއް ކޮށްފައެއް." އަމީތު ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުންވެސް ލިބުނީ ހަމަ އެފަދަ ޖަވާބެކެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނޭ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވިގޮތުގައި މުސާރަފަދަ އެއްވެސް ކަމަކަށް ބަދަލެއް ގެންނަން އަދި ކުރިއަށްއޮތް ދައުރުގައި މަޖިލީހުގައި ކަންކަން ކުރާނެ ގޮތެއް އެޕާޓީން ވެސް އަދި ނުނިންމައެވެ.

އާ ދައުރަކާއެކު މުސާރައާއި އެ ބޮޑު ބުރައިން ސަލާމަތްވާން ޖެހެއެވެ. ބޮޑު މުސާރައެއް ނެންގެވިޔަކަސް ހެޔޮ ބަދަލެއް ނާދެއެވެ. ނަމަވެސް މުސާރަ ކުޑަކުރުމުން ބޮޑު ހެޔޮ ބަދަލެއް އަންނާނެއެވެ. އިގްތިސާދަށް ހަމަ ނޭވައެއް ލެވޭނެއެވެ. ހަމަ އެހެންމެ އެއީ އެތައް ރަށެއްގެ ނަރުދަމާ އެޅުމަށް ލިބޭ ފުރުސަތެކެވެ. އެއީ އެތައް އަސާސީ ހިދުމަތެއް ދިނުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވާ އެ މެމްބަރުން މި ހެޔޮ ބަދަލު މިގައުމަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަގީގީ ލޯބި ވަޒަން ކުރެވޭނީ އޭރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް