ރައްކާތެރިކަމެއް އޮތީ އެންމެން ކެރިގެން ނުކުމެގެން: ޝާހިދު

ރައްޔިތުންނަށް ރައްކާތެރިކަމެއް މިއަދު ނެތް ކަމަށާއި ރައްކާތެރިކަން ލިބޭނީ އެންމެން އެކުގައި ކެރިގެން ނުކުމެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ-ޖޭޕީ އިން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާގައި މިރޭ ސިޓީ ކައުންސިލް ކުރިމަތީގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހި އެންމެހާ ރައްޔިތުން އަނިޔާއާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ. މިއަދު ސަރުކާރު އޮތީ ފެއިލްވެފައި ކަމަށާއި އެހެންކަމުން ރައްޔިތުން އަނިޔާއާ ދެކޮޅަށް ތެދުވެ ބުނަންޖެހޭ އެއްޗެއް ކެރިގެން ބުނަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ސަރުކާރު އޮތީ ފެއިލް ވެފައިކަމަށް ވިދާޅުވެ މިރޭގެ އެއްވުމުގައި ޝާހިދުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ

ޝާހިދު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރުގެ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނުގެ ބޮލުގައި އަޅުވަމުން ދަނީ ދޮގު އިލްޒާމްތަކެއް ކަމަށާއި އޭނާ ހައްޔަރުކޮށްގެން އުޅެނީ ނުހައްގުން ކަމަށެވެ.

މެންދަމު ބާރަ ޖެހުމާއެކުހެން، މުޒާހަރާގެ ބައިވެރިން ވަނީ އަަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަދެއްކުން ހުއްޓާލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިން ދެން ދިޔައީ އަލިކިލޭގެފާނު މަގު ޓްރެފިކް ލައިޓު ކަންމަށްޗަށެވެ. އެތަނުގައި ތިބި ވަގުތު ފުލުހުން ވަނީ އެސަރަހައްދު ދޫކޮށް ދިއުމަށް މުޒާހަރާގެ ބައިވެރީންނަށް އިލްތިމާސްކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނަށް ފަހުގެ އިންޒާރު ދިނުމުން، ފުލުހުން މުޒާހަރާ ރޫޅާލުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

މިރޭގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ވެސް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު