ކަނޑާ ވައްޓާލި ރުއްގަނޑެއްހެން ހުރިދިމާއަށް ދެމުނު ވަގުތު ކޮންމެވެސް މީހަކު ސައިކަލު މަޑުކޮށްފައި އައިސް އެމޫނުގައި ދެއަތުން ހިފާ ދެފަހަރަކު ނަމުން ގޮވައިލިއެވެ. ޖަނާއަށް އެއަޑު އިވުނީ ހުވަފެނެއްގައި އޮތްވާ މީހަކު ގޮވައިލުމުން އިވުނު އަޑެއް ފަދައިން ނަމަވެސް އެއީ ކާކުގެ އަޑެއްކަން ފާހަގަވިއެވެ. ދެން އޭނާއަށް ލޯ ހުޅުވާލެވުނީ އަނދިރި ގުދަނެއްގެ ތެރެއަށެވެ.ސަންދޯކެއް ކަހަލަ ކުޑަކުޑަ ފޮށްޓެއްގައި ބަންދު ބޮޑުކަމުން ދާހިއްލަން ފެށިއިރު ނޭވާ އުފުރިދާން އުޅޭހެން ހީވިއެވެ. ސަލާމަތް ވާނެ ގޮތަކާމެދު ވިސްނަމުން ބޮލާއި ދިމާ މަތީގައި އޮތް ފިލާގައި ދެއަތުން ތަޅަން ފެށިތަނާ އެފިލާ ހިސާބަކަށް އެއް ފަރާތް ވެފައި ދެން މޫނަށް އެޅެން ފެށީ ގަނޑުވެދާފަދަ ފިނި ފިނި ފެން އެއްޗެކެވެ. "ނޫން. ނޫން. ނާއިކް ޕްލީޒް. ތިހެން ނުހަދާ! އަހަރެންނަށް ރަހުމް ކުރޭ!" ޖަނާ ރޮމުން ހަޅޭތްލަވަމުން ސަލާމަތަށް އެދި އާދޭސް ކުރަން ފެށިއެވެ.

"ޖަނާ! ހޭއަރާބަލަ. ތި ލޯ ހުޅުވަބަލަ!" އެއިވުނީ ޒަލަފްގެ އަޑެވެ. ސިއްސައިގެން ގޮއްސައި ލޯ ހުޅުވައިލިއިރު އޭނާއަށް އޮވެވުނީ ސިޓިންރޫމް ސޯފާގައެވެ. މަގަތުގައި ފެންތައްޓެއް ހިފައިގެން ހުމާ އިންއިރު ޒަލަފް ހުރީ ތަންކޮޅެއް ދުރުގައި ހަަށަން ބަނދެލައިގެންނެވެ. އެވަގުތު ދެމީހުންގެ މޫނުގައިވެސް ވީ ސުވާލު މާކުތަކެވެ. ޚަބަރު ހުސްވެފައި އޮވެގެން ކިއުނު އެއްޗަކާމެދު ޖަނާ ކަންބޮޑުވީ އެހިސާބުންނެވެ. "ކާކު އަހަރެން މިތަނަށް ގެނައީ؟" ޖަނާ ފުންމައިގެން ތެދުވި ވަގުތު ހުމާ އިންތަނުން ތެދުވެގެން ގޮސް ޒަލަފް ކައިރީ ހުއްޓިލިއެވެ. އެސުވާލަށް އެކަކުވެސް ޖަވާބު ނުދިނުމުން ޖަނާއަށް ވިސްނައިލެވުނެވެ. އޭނާއަށް އެއް ކަމެއް ޔަޤީނެވެ. އެއީ އެންމެ ފަހުން ކަންފަތުގައި ޖެހުނު އަޑު އެއީ މާކިންގެ އަޑު ކަމެވެ. އަނެއްކާ އޭނާ އެތަނަށް ގެނައީ މާކިންގެ އަތްމަތީ ހެއްޔެވެ؟

"އަކްޔަން ވެއްޖެ ކޮޓަރީގައި." ޖަނާ އެއްޗެއް ނުބުނެ ފާޑަކަށް އިންނަން ފެށުމުން ހުމާ ކަންބޮޑުވެގެން މައުޟޫ ބަދަލު ކޮށްލައިފިއެވެ. "ރަނގަޅުތަ މިހާރު؟" ޒަލަފްވެސް ދުރުގައި ހުރެފައި އައިސް ކައިރިއަށް ހުއްޓި އަހައިލިއެވެ. ޖަނާ ބަލައިލިއިރު އެމޫނުގައިވީ އޯގާތެރި ކަމެވެ. އަޅާލުމެވެ. "ދެން ތިމީހުން ދާންވީނު. އަހަރެން މިހާރު ރަނގަޅު. އަހަރެންވެސް ދާނަން އިރުކޮޅަކުން." ޖަނާ ޒަލަފްގެ މޫނުން ވަކިކޮށްލައިފައި ހުމާއަށް ބަލައިލަމުން ވާހަކަދެއްކިއެވެ. ހުމާ ވަގުުތުން ދެފަރާތަށް ބޯ ހޫރާލައިފައި އަމުރުކޮށްލީ މަސައްކަތަށް ނުގޮސް އަރާމު ކުރުމަށެވެ. "އެއީ ތެދެއް ޖާން. މިއަދު ދެން ދާނެ ކަމެއް ނެތް. އަހަރެންވެސް މިހުރީއެއްނު. ޖާންގެ މަސައްކަތް އަހަރެން ކުރާނަން." ޒަަލަފް ހިނިތުންވެލައިފައި ހުމާގެ ވާހަަކައަށް ބާރު ދިނެވެ. ތަބަކެއްގައި ދެޖޯޑު މައިރިތިކޮށްލަން ނޭނގުނަސް ޖަނާއަށް އެހީވެދޭން އޭނާ ބޭނުމެވެ.

"ކާކު ނާއިކް އަކީ؟" ދިޔަ މަގުމަތީ ޒަލަފް ސުވާލު ކުރިއެވެ. އެވަގުތު ހުމާ ވިސްނާނުލައި ހުރެފައި އެއީ ޖަނާގެ ކުރީގެ ފިރިމީހާ ކަމުގައި ބުނި ގޮތަށް ކުއްލިއަކަށް އަނގަމަތީ އަތް އަޅައިލިއެވެ. އެވަރު ވާހަކައެއް ޒަލަފް ކައިރީ ބުނުމުގެ ކުރިން އޭނާ ހުއްދަ ހޯދަން ޖެހޭނެކަން ވިސްނުނީއެވެ. ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެކަން އެނގޭތީ ހުމާ އެންމެ ފަހުން އެދުނީ ޖަނާ ކައިރީ ނުބުނުމަށެވެ.

ދެމީހުން ވަންއިރު މާކިން ހުސް މޭޒެއްގެ ދޮށުގައި ދޮރާއި ދިމާއަށް ބަލަން އިނީ އެދެމީހުންގެ އިންތިޒާރުގައި އިން މީހަކު ފަދައިންނެވެ. ވަންގޮތަށް އެކުވެރިޔާ ފެނިގެން ޒަލަފް އެދިމާއަށް ދާން ފެށުމުން މާކިން ނޫން ކަމަށް ހެދިފައި ފޯނަށް ނަޒަރު ހުއްޓައިލިއެވެ. "ޖަނާ ހޭއަރައިފި މިހާރު. އަދި ހާލުވެސް ރަނގަޅު." ޒަލަފް އިށީންދެފައި ދިން ޚަބަރުން މާކިންގެ ހިތަށް ފިނިކަން ލިބުނެވެ. ޒަލަފްއަށް ފާހަގަ ނުކުރެވުނަސް އޭނާ ފުން ނޭވައެއް ދޫކޮށްލީ ބޮލުން ބޮޑު ބަރެއް ނެގިގެން ހަމަޖެހިލި މީހަކު ފަދައިންނެވެ. ޒަލަފް އިތުރު އެއްޗެއް ނުބުނެ އިންނަން ފެށުމުން މާކިން އިސްއުފުލައިލިއިރު އިނީ ވިސްނުމަކަށް ގެއްލިފައިވާ މީހަކު ފަދައިން ދުރު ބަލަހައްޓައިގެންނެވެ. މާކިން ސުވާލު ކުރަން ބޭނުންވިއެވެ. މި ހަފްތާ ތެރޭގައި ޒަލަފް އެހާ ސީރިއަސްވެފައި އިންދާ ފެނުނު އެއީ ދެވަނަ ފަހަރެވެ.

"މާކް އަޅެ އެއްފަހަރުވެސް ހިތަށް އެރިތަ ޖަނާ މިއޮތް ހުރިހާ ދުވަހު އުޅުނީ ކިހިނެތް ކޮންތާކު ބާވައޭ؟" ޒަލަފް ކުއްލިއަކަށް ބުނި އެއްޗަކުން މާކިން ސިހުނެވެ. އޭނާ ބަލާލިއިރު ޒަލަފްގެ ލޯ ފެންކަޅިވެފައި ހުއްޓާ ފެނުމުން ވިސްނަންވީ އެއްޗެއްވެސް ނޭނގުނެވެ. އަނެއްކާ އޭނަ އައި ފަހުންވެސް ޖަނާ ރުއީ ބާވައޭ ހިތަށް އެރިއެވެ.

"އަހަންނަށް ހީވަނީ ޖަނާ މިހާ ދުވަހު އަހަރެމެންނާ ދުރުގައި އުޅުނީ ވަރަށް ހާލުގައިހެން. މާކް އޭނަ ބާއްވާފައި އައި ފަހުން ހޭއެރިއިރު ވަރަށް ރުއި. އާދޭސްކޮށްފަ އެދެމުން ދިޔައީ އޭނައަށް ރަހުމް ކުރުމަށް. އަނިޔާ ނުކުރުމަށް. ހުމާ ކައިރީ އަހާލީމަ ހުމާ ބުނީ ޖަނާ އެ ކީ ކުރީގެ ފިރިމީހާގެ ނަން ކަމަށް. ޖަނާގެ އަމަލުތައް ހުރިގޮތަށް ބަލައިފަ އަހަރެން ހިތް ބުނަނީ އެމީހާގެ އަނިޔާ އޭނައަށް ލިބިފައި ހުންނާނީ އެއްފަހަރަކު ދެފަހަރަކު ނޫނޭ." ޒަލަފް ވާހަކަ އަހަން މާކިންއަށް އިނދެވުނީ އަތް މުށްކަވާލައިގެންނެވެ. އިރުކޮޅަކުން ވާހަކަ ނިންމާފައި ޒަލަފް ހަތަރުކަޅި ހަމަކޮށްލުމުން އަވަހަށް އިސްޖަހާލެވުނީ ފެންނަން ނުވާ ކުލައެއް މޫނުން ފައުޅުވެދާނެ ކަމަށްޓަކައެވެ. އޭރު ޒަލަފްގެ ހިތަށް ކޮށްފައިވާ އަސަރުވެސް އެހާ ފުނެވެ.ފަސް އަހަރު ކުރިން އޭނާ، ޖަނާގެ ހިތް ހަލާކު ކޮށްނުލި ނަމަ ފަހަރުގައި އެއަނިޔާތައް ޖަނާއަށް ނުލިބި ސަލާމަތްވީސް ކަމުގައި ހިތް ބުނެ ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ.
*****

ހެނދުނު އެހިނގި ހާދިސާއަށްފަހު ޖަނާ ހުރީ ސިހި ސިހިއެވެ. ދީނާ ސުކޫލުން އައިސް ބެލް ޖެހުމުން އޭނާ ބިރުން ފިތްކަނޑައިގެން ދިޔައެވެ. އަކްޔަން ސުކޫލަށް ލާން ދާންވެގެން މަގުމައްޗަށް ނިކުމެފައި ދާކަށް ނުކެރުނެވެ. ހިތަށް އަރަނީ ތަންކޮޅަކަށް ދެވޭއިރަށް ނާއިކް ނިކުމެފައި އޭނާ އަތުގައި ހިފާ ދަމަމުން ގެންގޮސް ކޮންމެވެސް ދިމާއަކަށް ވައްދަފާނެ ކަމުގައެވެ. ޔަޤީންކަމެއް ނެތަސް ހިތް ބުނަނީ އޭނާއަށް މިއަދު ނާއިކް ފެނުނު ކަމުގައެވެ.

"ދޮންތަ ކިހިނެތް ތިހެދީ؟ ކީއްވެ އަކްޔަން ސުކޫލަށް ނުގެންގޮސް ތިގެނައީ؟" ޖަނާ އެނބުރާލައިފައި އައިސް ގެއަށް ވަންތަން ފެނިގެން ދީނާ ސުވާލު ކުރިއެވެ. "އަކްޔަން މިއަދު ސުކޫލެއް ނޯވޭ." ޖަނާއަށް ބުނާނެ އެއްޗެއް ނޭނގިގެން ދޮގެއް ހަދާލައިފައި އެތެރެއަށް ވަނެވެ. އަކްޔަން ދޫކޮށްލައިފައި އެނދުގައި އިށީންއިރު ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ޖަނާ އެވަގުތު ބޭނުންވީ މަންމަގެ އުނގުގައި ބޯ އަޅާލުމަށެވެ. ފިރިހެނަކު ނެތި މިރޭ އެގޭގައި ނިދާކަށްވެސް ނުކެރޭނެއެވެ. ނާއިކްއަށް އެހިސާބަށް އަންނަން އެނގުނިއްޔާ އޭނާ އުޅޭތަންވެސް މިހާރު ހުންނާނީ ފެނިފައެވެ. އެހެންވެއްޖެނަމަ ކުއްލިއަކަށް އައިސް ވަދެގަންނާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ.

"ދީނާ ތައްޔާރުވެބަލަ މަންމަ ގެއަށް ދާން. މިރޭ އަހަރުމެން ނިދާނީ އެގޭގައި. ކުއްލިއަކަށް މަންމަ މަތިން ވަރަށް މިސްވެއްޖެ." ދީނާ ޓީވީއަށް ގެއްލިފައި އިންދާ ޖަނާ އިރުކޮޅަކުން ނިކުމެފައި ކުއްލިއަކަށް ބުނެލިއެވެ. ދެން އޭނާއަށް އެއްޗެއް އަހައި ނުލެވެނީސް އަނެއްކާ އެތެރެއަށް ދެމިގެންފިއެވެ. ދޮންތައަށް ކޮންމެވެސް ކަމެއްވެއްޖެ ކަމުގައި ހިތާއި ހިތުން ކިޔަމުން އޭނާ ޓީވީ ނިއްވާލައިފައި ތެދުވެގެން ދިޔައެވެ. ބޯ ދިއްކޮށްލިއިރު ޖަނާ ހުރީ އެނދުމަތީ ހުރި ދަބަހަކަށް އަކްޔަންގެ ބައެއް އެއްޗެހި ލާށެވެ.

"ހަމަ އަސްލުވެސް ދާންތަ ތިއުޅެނީ؟ މިހާރުތަ ދަނީ؟" ދީނާ އެތެރެއަށް ފިޔަވަޅެއް އަޅާލައިފައި ވާހަކަދެއްކިއެވެ. ޖަނާ އެނބުރި ބަލައިލުމެއް ނެތި ހޫމ އަޅުވާލައިފައި އަވަސް އަވަސްކޮށް ދަބަސް ތައްޔާރު ކޮށް ނިންމައިލިއެވެ.ކުޑައިރުކޮޅެއް ފަހުން ދެބެން ގެ ތަޅުލާފައި ފޭބިއިރު އުޑުމަތިން ވިއްސާރަ ކުލަ ދައްކަމުން ދިޔައެވެ. ޓެކްސީ އެހިސާބަށް ފޯރަންދެން މަޑުކޮށްލި ކުޑަ ވަގުތުކޮޅުވެސް ޖަނާ އުޅުނު ގޮތް ތަފާތުކަން ދީނާ ފާހަގަ ކުރިއެވެ. މިނިޓެއް ތެރޭ އެތައް ފަހަރަކު ގަޑި ބެލިއިރު ވައްކަން ކޮށްގެން އުޅޭ ވަގެއްހެން މަގުގެ ދެކޮޅު ހޯދިއެވެ.

މަންމަމެން ގޭ ދޮރުމައްޗަށް ޓެކްސީ މަޑުކުރިއިރު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ޖަނާ ފައިސާ ދޭން މަޑުކޮށްފައި ކުރީގައި ދީނާ ފޮނުވައިލިއެވެ. އޭނާއަށް ދެވުނުއިރު އެޕާޓްމެންޓްގެ މައިދޮރު ހުރީ އޭނާއަށްޓަކައި ހުޅުވާލެވިފައެވެ. ކުރިމަތިން މަންމަ ނުފެނިގެން ހޯދަނިކޮށް ޝަރުމީލާ ނިކުތީ ތަބަކެއްގައި ކޮފީ ޖޯޑުތަކެއް އަތުރާލައިގެންނެވެ. "އަހަ މިއޮތް އައީނު. އެއީ ތެދެއް ދަރިފުޅު މަންމަ މަތިން މާބޮޑަށް ހަނދާންވީ؟" ޖަނާ ދޮރު ލައްޕާފައި އެނބުރުނުއިރު ޝަރުމީލާ ކޮފީ ޖޯޑުތައް ބަހަމުން ވާހަކަދެއްކިއެވެ. ޖަނާ އެވަގުތު ބޯ ޖަހާލައިފައި ގޮސް އަކްޔަން ކައިރީ ސޯފާގައި އިށީންތަނާ މަންމަ ކޮފީ ބަހާ ނިމުނުއިރު އިތުރަށް ހުރި ތަށި ދީނާ އަތަށް ދިނުމުން ލޮލުގައި އަޅައިގަތެވެ. "ދަރިފުޅު ދޭ ދޮންބެއަށް މިޖޯޑު ދީފަ އަންނަން." މަންމަގެ ޖުމްލަ ނިމޭއިރަށް ޖަނާގެ މެއަށް ފިނިވެގެން ދިޔައެވެ. މާކިން ގޭގައި އުޅޭނެ ކަމާމެދު އޭނާ ކުޑަކޮށްވެސް ހިޔާލު ކުރެވިފައެއް ނެތެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟

"ދޮންބޭ! ވަންނަންތަ އަހަރެން؟" ދީނާ ގޮސް މާކިން ކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލައިފައި ހުއްދައަށް އެދުނެވެ. އިރުކޮޅެއް ނުވެ މާކިން ޓީޝާޓް ބޮލަށް މަހަމުން އައިސް ދޮރު ހުޅުވާލައިފައި ކުރިމަތިން އޭނާ ފެނިގެން ދުރު ދުރަށް ދާންދެން ހޯދައިލީ އިތުރު އެހެން މީހަކު ފެންނަން ހުރިތޯ ހޯދައިލިފަދަ ގޮތަކަށެވެ. ދީނާގެ ސިކުނޑި ކިތަންމެ ޅައެއް ކަމަކު މާކިންގެ އެހަރަކާތް އޭނާއަށް ފާހަގަ ކުރެވުނެވެ. "މިއޮތް ވިއްސާރަ ދުވަހު ކީއްތި ކުރަނީ؟" މާކިން ޖޯޑުގައި ހިފާފައި ސުވާލު ކުރިއެވެ. "ނޭނގެ. ދޮންތަ ފާޑަކަށް މޮޔަވެގެން ކިޔައިފި މިގެއަށް އަންނަންވީއޭ. މިރޭ ނިދާނީވެސް މިގޭގައޭ." ދީނާ އަނގައަށް ގޮތެއް ހަދާލައިފައި ޖަވާބުދިނެވެ. މާކިން ޖޯޑު ތުނބުގައި ޖަހަން އުޅެފައި އޭނާ ދެއްކި ވާހަކަ އިވިގެން ދުރުކޮށްލި ގޮތް ދީނާއަށް ރީތިކޮށް ފެނުނެވެ. ދޮންތައަކީ ޔަޤީނުންވެސް މާކިންގެ ކުރިމަތީ އާދައިގެ މީހެއް ނޫނެވެ. ނޫންކަމަށް ހެދިގެން އުޅޭއިރުވެސް ކޮންމެ ހަރަކާތަކުން ދޭހަކޮށްދެނީ މާކިން ދޮންތައަށް އަޅާލަން ބޭނުންވާ މިންވަރެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެކަން ފައުޅު ކުރަން ބޭނުން ނުވަނީއެވެ.

ދީނާ އެނބުރި އައިއިރު ޖަނާ ކޮޓަރިއަށް ވަންނާތީ ފެނުނެވެ. ފަޔާޒް އާއި އަކްޔަން އޭރު އެކަކު އަނެކަކަށް ބޯޅަ އުކަން ތިބެގެން މަޖާ ނަގައެވެ. ދީނާ ސޯފާގައި އިށީންދެފައި ކޮފީ ޖޯޑުގެ ބާކީ ބައި ބޯން ފެށިތަނާ މުށުތެރޭ އޮތް ފޯނަށް މެސެޖެއް އައިސްގެން ދިއްލުނެވެ. ދީނާ ޝައުޤުވެރިވެފައި ހުޅުވާލިއިރު ނުދަންނަ ނަންބަރަކުން ކޮށްފައި އޮތް މެސެޖްގައި އޮތީ "ހޭއި ބޭބީ ގާރލް. އަދުގެ މޫސުމާ ބެހޭގޮތުން ކިހިނެތް ދެކެނީ؟" މިހެން ލިޔެފައެވެ. ދީނާ ޖަވާބު ފޮނުވަން އުޅެނިކޮށް ދެން އައި މެސެޖްގައި އޮތީ "ކާކުކަން އެނގެން ބޭނުންތަ؟ އެހެންވިއްޔާ ފުރަތަމަ މެސެޖްގެ ޖަވާބު ދީ." މިހެންނެވެ. "އައި ލަވް އިޓް." ދީނާ ޖަވާބު ފޮނުވާލައިފައި އިންތިޒާރު ކުރަން ފެށިއެވެ. މިނިޓެއް ފަހުން އައި މެސެޖްގައި އޮތީ ބައްދަލު ކުރަންވީ ތަނާއި ގަޑިއެވެ. އެމެސެޖް ކިޔާފައި ވިސްނަންވީ އެއްޗެއް ދީނާއަކަށް ނޭނގުނެވެ. އޭނާއަށް މަގުމަތިން ފެންނަ މީހާ އާއި މެސެޖް ކުރާ ފަރާތަކީ އެކަކު ކަމެއް ޔަޤީނެއް ނުވިއެވެ. ވިސްނަން އިނދެފައި އޭނާ ނިންމީ އެކަން އޮޅުންފިލުވަން އެބުނާ ތަނަކަށް ދާށެވެ.

"ކޮބާ ޖަނާ މިހާރު؟" ބަދިގެއިން ނިކުތް ޝަރުމީލާ އަހައިލީ ފަޔާޒް ކައިރީގައެވެ. "ވަދެއްޖެ ދީނާ އުޅުނު ކޮޓަރިއަށް." ފަޔާޒް އަތުގައި އޮތް ބޯޅަ އަކްޔަންއަށް އެއްލަމުން ޖަވާބު ދިނެވެ. ޝަރުމީލާ އެދިމާއަށް ގޮސް ދޮރުން ވަންއިރު ޖަނާ އެނދުގައި އިނީ ބައިންދާފައި އިން ބުދެއްހެން އެއްދިމާއަކަށް ބަލަަހައްޓައިގެންނެވެ. "ދަރިފުޅާ! ކިހިނެތް ވެގެން ތިއުޅެނީ؟" ޝަރުމީލާ ގޮސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އަޑަށް ޖަނާ ސިހިފައި އިސްއުފުލައިލިއެވެ. "ބުނެބަލަ!" ޝަރުމީލާ ޖަނާގެ ކައިރީގައި އިށީންދެ ކޮނޑުގައި ފިރުމަން ފެށުމުން ޖަނާ ތިރިވެފައި ބޯ އެޅީ މަންމަގެ އުނގުގައެވެ. ވާހަކަދައްކަން އިތުރަށް ބާރު އެޅުމުގެ ބަދަލުގައި ޝަރުމީލާ ޖަނާގެ އިސްތަށިގަނޑުގައި ފިރުމަން ފެށުމާއެކު މަންމަގެ އެއޯގާތެރިކަމުން ޖަނާގެ ކަރުނަތައް ބަންޑުންވިއެވެ. އިސާހިތަކު މަޑު ގިސްލުމެއްގެ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލައިފިއެވެ.

"މަންމާ އަހަންނަށް ހީވަނީ ނާއިކް އަހަރެން ހޯދަމުން މިހިސާބަށް އަތުވެއްޖެހެން. އަހަންނަށް ހީވަނީ އަހަންނަށް މިއަދު އޭނަ ފެނުނުހެން. އަހަރެން ވަރަށް ބިރުގަނޭ. އަހަރެންނަކަށް ނުކެރޭނެ އެގޭގައި އެކަނި އުޅޭކަށް. ނާއިކްގެ އަތްދަށަށް ދެވަނަ ފަހަރަށް އަހަރެން ހިގައްޖެއްޔާ ދެން މަންމަމެނަށް ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު. މަންމަ އަހަރެން ސަލާމަތް ކޮށްދީ! ބުނޭ އަހަރެން ހިމާޔަތް ކޮށްދޭން އަބަދު ކައިރީގަ ހުރެދޭނަމޭ. ޕްލީޒް މަންމާ އަހަރެން ސަލާމަތް ކޮށްދީ!" ޖަނާ ރޮއި ރޮއިފައި ދައްކަން ފެށި ވާހަކައިން ޝަރުމީލާގެ ހިތަށް ކުރީ ފުން އަސަރެކެވެ. ލިބުނު ހައިރާންކަމާއި ކަންބޮޑުވުންވެސް އޭގެ އިންތިހާއެވެ. އޭނާ އުފަލާއި އަރާމުގައި އުޅުނުއިރު ޒުވާން ދަރިފުޅު އުޅުނީ ކޮން ހާލެއްގައި ކަމެއް މީގެ ކުރިން ކުޑަކޮށްވެސް ރޭކައި ނުލައެވެ. ފިރިމީހާ އެހާ ބޮޑު އަނިޔާވެރިއަކަށް ވީއިރު ޖަނާ ކެތްކުރީ ކިހިނެތް ހެއްޔެވެ؟

"ދަރިފުޅު ބިރުނުގަނޭ. މަންމަ ދަރިފުޅު އެކަނި ދޫކޮށެއް ނުލާނަމޭ. ޖަނާ ބޭނުންހާ ދުވަހަކު މިގޭގައި ހުރެވޭނެ. އެކަކުވެސް ޖަނާ ފޮނުވައެއް ނުލާނެ. އަދި ތި ބުނާ މީހެއްގެ އަތްދަށަށް ދެވަނަ ފަހަރަށް ދިޔަކަ ނުދޭނަން." ޝަރުމީލާ ވާހަކަދެއްކީ ޖަނާގެ ހިތްހަމަޖެހުމާއި ގުޅޭ ގޮތަށެވެ. އޭނާ އެހުރިހާ ވާހަކައެއް ދެއްކި ފަހުންވެސް ޖަނާ ހުއްޓާ ނުލައި އެތައް އިރަކު ރޮއެފައި އެންމެފަހުން ހިމޭންވީ ނިދުނީމައެވެ. އޭރު ޝަރުމީލާވެސް އިނީ އެހެން މީހެއްގެ ލަފައަށް ބޭނުންވެފައެވެ. ދަރިފުޅު އެހާލުގައި ހުއްޓާ އެހީއެއްނެތި ދޫކޮށްލައި ފިއްޔާ އިތުރަށް ގޯސް ވެދާނެ ކަމުގެ ބިރު ހިތުގައި ބޮޑުވިއެވެ. އޭނާ ޖަނާ ބާއްވާފައި ނިކުމެފަޔާޒް ފެންނަން ނެތިގެން ހޯދަމުން ދިޔައިރު ފެނުނީ ކޮޓަރީގެ ބެލްކަންޏަށް ހުޅުވޭ ދޮރު ކައިރީގައި ވެހޭ ވާރެއަށް ބަލަން ހުއްޓައެވެ.

"ފަޔާޒް. އަހަރެންގެ ދަރިފުޅު މޮޔަ ނުވަނީސް އޭނާއަށް އެހީވެދީ!" ޝަރުމީލާ ހިތަށް ކޮށްފައި ހުރި އަސަރަކުން ދިޔަ ގޮތަށް ގޮސް ފަޔާޒްގެ ފަހަތުން މެދުހަށީ ބައްދާލައިފައި ވާހަކަދެއްކިއެވެ. ފަޔާޒް އެވަގުތު ސިހޭ ގޮތްވެފައި ޝަރުމީލާގެ ދެއަތް ނައްޓުވައިލިއެވެ. އެނބުރި ބަލައިލިއިރު އަނބިމީހާގެ ލޮލުން ކަރުނަ އަންނަތަން ފެނުމުން އޭނާގެ ހިތަށްވެސް ލޮޅުން އެރިއެވެ. އިނދެގެން މިހާ ދުވަސްވީއިރު ޝަރުމީލާ އެހާ ދެރަވެފައި ހުއްޓާ ފެނުނު މީ ފުރަަތަމަ ފަހަރެވެ. "ޖަނާއަށް ކިހިނެތްވީ؟" ފަޔާޒް އޯގާތެރި އަޑަކުން އެހިއެވެ.

"ޑޮކްޓަރ ޝިވަމްގެ އެހީ ހޯދަންވީއެއްނު؟" ޝަރުމީލާ ޖަނާ ދެއްކި ވާހަކަތައް ކިޔައިދިނުމުން ފަޔާޒް ލަފާ ދިނެވެ. ޝަރުމިލާ އެގޮތާއި ޤަބޫލުވެ ބޯ ޖަހަލައިލުމުން ފަޔާޒް އޭނާ ގެެނެސް ގާތްކޮށްލައި ހިތްވަރު ދިނެވެ.

ކުޑަކޮށް ނިދާލައިފައި ޖަނާ ތެދުވިއިރު އިރު އޮއްސިއްޖެއެވެ. އެކަމަކު އޭރުވެސް މެދުކެނޑުމެއްނެތި ވާރޭ ވެހޭ އަޑު އިވެއެވެ. މޫނުގައި ފެންކޮޅެއް ހާކާލައިގެން ނިކުތްއިރު ޝަރުމީލާ އިނީ ބަދިގޭގައި އަކްޔަންއަށް ކާންދޭށެވެ. "ދަރިފުޅު ސައިބޯންވީނު. ހުންނާނެ ހެދިކާ ގެނެއްސަ." ޖަނާ ދޮރުންވަންތަން ފެނިގެން ޝަރުމީލާ ބުނެލިއެވެ. ބޯ ޖަހާލައިފައި އައިސް ސައިތައްޓެއް ހަަދައިގެން ޖަނާ އިށީންދެލިއެވެ. "ދަރިފުޅަށް ޔަޤީނެއް ނޫން ދޯ ނާއިކް މާލޭގައި ހުރި ކަމެއް؟" ޝަރުމީލާގެ ކުއްލި ސުވާލުން ޖަނާ ސިހުނެވެ. އޭނާ މަންމަ މޫނަށް ބަލާލައިފައި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. "އެހެންވިއްޔާ އޭނަގެ އާއިލާގައި ހުންނާނެތަ ދަރިފުޅަށް ގުޅައިގެން ވާހަކަދެއްކޭނެ މީހަކު؟ ހުރިއްޔާ ގުޅައިގެން އޮޅުންފިލުވަންވީނު ނާއިކް ހުރި ތަނެއް. ޝައްކެއްގެ މަތީ ނުހުރެ ވާން އޮތް ގޮތަކުން އޮޅުންފިލުވީމަ ގައިމުވެސް ބިރުން ހުންނާކަށް ނުޖެހޭނެ." މަންމަ ދެއްކި ވާހަކަ ޤަބޫލު ކުރެވިގެން ޖަނާ އަނެއްކާވެސް ބޯ ޖަހައިލިއެވެ.

މަންމަ އަކްޔަން ގޮވައިގެން ބޭރަށް ދިއުމުން ޖަނާ ސައިބޯން އިނދެފައި ނާއިކް މަންމަ ނަންބަރަށް ގުޅިއެވެ. ޒުމްރާ އެއީ އޭނާ ފަސްއަހަރު ވަންދެން ނާއިކްގެ ގޭގައި އުޅުނު އުޅުމުގައި އޯގާތެރިކަން ދެއްކި ހަމައެކަނި ފަރާތެވެ. ކިތަންމެ ފަހަރަކު އޭނާގެ ޒަޚަމްތަކުގައި ޒުމްރާ ބޭސް އަޅައިދީ ފަރުވާ ދިނެވެ. ޒުމްރާ ފޯނު ނަގާފައި ނާއިކް އެކޮޅުގައި އުޅޭ ވާހަކަ ބުނުމުން ޖަނާ ޝުކުރު އަދާކޮށްފައި ފޯނު ބޭއްވިގޮތަށް ފެށީ ރޯށެވެ. އަޑު ބޭރުވިޔަ ނުދޭން އަނގަމަތީ ހިފަހައްޓާލައިގެން އިންއިރު ކަރުނަތައް ހުސްވާހެނެއް ހިއެއް ނުވެއެވެ. ފުހުނު ފުހުނުހެން ގިނަވާހެން ހީވިއެވެ. އެހެން އިންދާ ދޮރުމަތިން މީހެއްގެ ހިލަން ވިހެން ހީވެގެން ބަލައިލާފައި ފުންމައިގެން ތެދުވެވުނެވެ. އިސާހިތަކު ރުއިންވެސް މެދުކެނޑިއްޖެއެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި މާކިން ހުރިއިރު އެރީތި އިސްތަށިގަނޑު އޮތީ ތަރުތީބެއްނެތި ހާވާލެވިފައެވެ. ޖަނާ ދެއަތުން ކަރުނަތަން ފުހެން ފެށިތަނާ މާކިން ބަލަން ހުރެފައި ވަދެގެން އަންނަން ފެށީ ސީދާ އޭނާއާ ދިމާއަށެވެ. ކަންބޮޑުވެގެން ފަހަތަށް ފިޔަވަޅެއް އަޅާލިތަނާގޮނޑީގައި ޖެހި މަތަވިއެވެ. ކައިރިއަށް އައިސް ހުއްޓިފައި އެތޫނު ލޮލުން ބަލައިލި ގޮތުން ޖަނާގެ ހިތް އެފުށް މިފުށަށް ޖަހައިލިއެވެ. އެކަމަކު އޭނާ ހީކުރިފަދަ އެއްވެސް އެއްޗެއް ނުބުނެ މޭޒުމަތިން ޖޯޑެއް ނަގައިގެން ގޮސް މާކިން ފެށީ ކޮފީ ތައްޔާރު ކުރުމުގެ މަސައްކަތެވެ. ޖަނާއަށް ހުރެވުނީ މާކިންގެ ހަރަކާތްތަކަށް ބަލާށެވެ. އެހެން ހުއްޓާ މާކިން ޖޯޑަށް ކޮފީ އަޅައިގެން އެނބުރިލުމުން އަނެއްކާ އިސްޖަހައިލިއެވެ. ނިކުމެގެން ދިއުމުން އޭނާ ފުން ނޭވައެއް ދޫކޮށްލިއިރު ހީވީ އެހުރިހާއިރު ނޭވާ ހިފަހައްޓައިގެން ހުރެވުނު ހެންނެވެ.

އެރޭ އެގޭގައި ނިދާފައި ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ޖަނާ އަމިއްލަ އެޕާޓްމެންޓަށް ހިނގައްޖެއެވެ. ދީނާ ސުކޫލަށް ފޮނުވާފައި އަކްޔަން ގޮވައިގެން ރެސްޓޯރެންޓަށް ދިއުމުން އެންމެންގެ ފަރާތުންވެސް އޭނާއަށް ފެނުނީ އޯގާތެރި ކަމެވެ. ޒަލަފް އާއި ރަފާހް އަކްޔަން ރުއްސައިގެން އުޅޭ ގޮތް ފެނިފައި ހިތް އުފަލުން ފުރުނެވެ. ހުރިހާ ނުތަނަވަސްކަމެއް ފިލައި ހިތަށް ހަމަޖެހުން ގެނުވައިފިއެވެ. ހީވީ މީގެ ފަސް އަހަރު ކުރިން އެމީހުންގެ ތެރޭގައި އޭނާ ހޭދަ ކުރި ދުވަސްތައް އަލުން އަނބުރާ ލިބުނު ހެންނެވެ.

ޑޮކްޓަރ ޝިވަމްއާ ބައްދަލު ކުރަން ޖަނާ ދިޔައީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޝިވަމް ހަމަ ފެނުނުއިރަށް އެއީ ދަންނަ މޫނެއްކަމުގައި ހިތް ބުނެލައިފިއެވެ. ޖަނާ ވިސްނަން އިންދާ ހަނދާންވިއެވެ. އެއީ އަކްޔަން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ނިކުމެގެން ދިޔައިރު އޭނާ ފެނިގެން ހިނިތުންވެލި ޒުވާނާއެވެ. "މީހަކު ސިފަކޮށްދިން ހުރިހާ ސިފައެއް އެބަހުރި ޖަނާގެ ކިބައިގަ." ޖަނާ ދެއަތް ދެއަތާއި މޮޑެމުން އެކޮޓަރި ވަށައިގެން ލޯ ހިންގަން އިންދާ ޝިވަމް ހަތަރުކަޅި ހަމަކޮށްލައިފައި ހިނިތުންވެލިއެވެ. "އޭނ؟" ޖަނާއަށް ކިޔައިލެވުނެވެ. އޭނާގެ ސިފަތައް ޝިވަމްއަށް ކިޔައިދިނީ ކާކު ހެއްޔެެވެ؟ "ކާކު؟" ޖަނާ ސުވާލު ކޮށްލުމުން ޝިވަމް ހިނިގަނޑެއް ޖަހާލައިފައި މައުޟޫ ބަދަލުކޮށްލީ ސެޝަންއާއިގެން ކުރިއަށްދާން ހިނގާށޭ ކިޔައިފައެވެ.

"ފަށަންވީއޭ ތިބުނީ އަހަންނާ ނާއިކް އަލަށް ބައްދަލު ވި ހިސާބުންތަ؟" ޖަނާ ސުވާލު އުފެދިފައި އަހައިލިއެވެ. "ޖަނާއަށް އެނގެއެއްނު ފަށަންވީ ހިސާބު. ފަށަންވީ ހުރިހާ ކަމެއްގެ ފެށުން އައި ހިސާބުން." ޝިވަމް ގާތް އެކުވެރިއެއް ފަދައިން ޖަވާބުދިނެވެ. ޖަނާ ހަތަރުކަޅި ހަމަކޮށްލިއިރު އެތުންފަތުގައި ވި ހިނިތުންވުމާއި މޫނުމަތިން ޖެހި ގާތް ގޮތުން ހިތްހަމަޖެހުނެވެ. ޝިވަމް ބުނިހެން ފަށަންވީ ހިސާބު އޭނާއަށް ރަނގަޅަށް އެނގުނެވެ. އެއީ ޒަލަފް އާ އޭނާ އަލަށް ބައްދަލުވި ހިސާބުންނެވެ. ހުރިހާ ކަމެއްގެ ފެށުމަކީ އެއީއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު