މޫސާ އަލީ ޖަލީލު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ހެކި ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރުކުރެއްވުމުން ދައުލަތު ހެކި ހުށަހަޅައިފިއެވެ.

މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން ކަމެއް ސާބިތުކޮށްދިނުމަށް ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ. އެއީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމި ކަމާއި ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ހިންގައި މަޝްވަރާކުރި ކަމާއި އަދި ހައްޔަރުކުރިކަން ސާބިތުކުރުމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރަން ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމިކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހު އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އާއި އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާނާއި ކާނަލް ވައިސް ވަހީދު އާއި ކާނަލް އަބްދުއްރަހީމް އަބްދުލް ލަތީފާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނިލާމެވެ.

އެބޭފުޅުންގެ އިތުރުން ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ރެކޯޑިން އާއި 2012 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ފުލުހުންގެ އޮފިސަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ރެކޯޑިން ވެސް ވަނީ ހުށަހަޅާފައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ހިންގައި މަޝްވަރާކުރިކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި ހިމެނެނީ އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަލީ ޝާހިދު އާއި ވޮރަންޓް އޮފިސަރު އާއިޝަތު ޒީނާއެވެ. އޭގެއިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރަން ހިންގި "އޮޕަރޭޝަން ލިބަޓީ"ގެ ދުވަހު ރިޕޯޓު ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

އަބްދުﷲ ގާޒީ ގަދަކަމުން ކ. ގިރިފުއްޓަށް ގެންދިޔަކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ މ. ލިންކުހައުސް ގޭގެބައެއް މީހުންނެވެ. އަދި އަބްދުﷲ ގާޒީ ވެސް ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މީގެއިތުރުން އޮޕަރޭޝަން ލިބަޑީ ޝީލްގެ ޕްލޭނާއި އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ ފްޓޭޖްވެސް ޝަރީއަތަށް ހުށަހަޅާފައެވެ.

މޫސާ އަލީ ޖަލީލުވެސް ވަނީ ދައުވާއަށް އިންކާރުކުރެއްވުމަށްފަހު ހަ ބޭފުޅަކު ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައެވެ. އެއީ ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާނާއި ލެފްޓިނެންޓް ކާނަލް އަލީ ޝާހިދު އާއި މޭޖާ އަބްދުއްސަލާމް އާއި ކާނަލް މުހައްމަދު އިބްރާހީމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ފަސީހުއެވެ.

ހެކި ހުށަހެޅުއްވުމަށްފަހު އޭނާގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ވަރަށް އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާގެ މަތިން މަސައްކަތް ކުރެއްވި އެއްވެސް ވެރިއަކު އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނުވަތަ ރައްކާތެރިކަމާ ހިމާޔަތް ދިނުމަށް ނުވަތަ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް އޭނާއަށް އަންގާފައިނުވާ ކަމަށެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރައްވާ އެއްބެސް ބޭފުޅަކަށް އެފަދަ އެންގުމެއް އަންގާފައިނުވާކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

"އަޅުގަނޑު އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރެއް ނުކުރަން،" ޖަލީލު ވިދާޅުވިއެވެ.

އޭނާގެ ވަކީލު އާދަމް އާސިފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން މޫސާ އަލީ ޖަލީލު އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި މަގާމުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި އެއްވެސް ބައްދަލުވުމެއްގައި އެފަދަ މަޝްވަރާއެއް ކުރައްވާފައިނުވާ ކަމަށް އާސިފް ވިދާޅުވިއެވެ.

މަގާމުގެ ހައިސިއްޔަތުން މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީގެ ފަރާތުން ގައުމީ ސަލާމަތައް ނުރައްކާވާފަދަ ކަންތައްތަކެއް ކުރިމަތިވާ ކަމަށްވާކަމަށް ވާހަކަދެކެވުނު ކަމަށާއި، އެވާހަކައާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް އޭނާ ދެންނެވި ކަމަށް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ސިފައިން ފޮނުވައިގެން ކޯޓުގެ ހުރުމަތްކަނޑައި ގޯތިގެދޮރުގެ ހުރުމަތް ކަނޑައި އަބްދުﷲ ގާޒީ ހައްޔަރު ނުކުރެވޭނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނަށް މޫސާ އަލީ ޖަލީލު ދަންނަވާފައިވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރާ ބައްދަލުކުރާ ސިޓިން ރޫމްގައި ތޮލްހަތާއެކު ދެކެވުނު ވާހަކައެއްގައި އަބްދުﷲ ގާޒީ އެވަގުތު ހުންނެވީ ކޯޓުތެރޭގައި ކަމަށާއި ކުރިއަށް އޮތް 30 މިނެޓުގެ ތެރޭގައި އަބްދުﷲ ގާޒީ ހުންނާނީ ގިރިފުށީގައި ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް ވެސް މޫސާ އަލީ ޖަލީލުގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު