އޭޑީކޭއިން ޑޮކްޓަރަށް ދެއްކުމަށް ފަހު ނާޒިމް ދޫނިދޫއަށް ގެންގޮސްފި

ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އޭޑީކޭއިން ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދޫއަށް ގެންގޮސްފި އެވެ.

ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދުއަށް ގެންދިއުމަށް ނާޒިމް ވެހިކަލްއަށް އެރުވި މަންޒަރު 'ސަން' ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ނާޒިމްގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ނާޒިމް އޭޑީކޭއިން މިއަދު ހޯދާފައިވަނީ "ދަތުގެ ފަރުވާ" އެއް ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް ނާޒިމް މާލެގެންނަކަން އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ނާޒިމް ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުމުން އާއިލާގެ މީހުން ވަނީ އެތަނަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި ނާޒިމްގެ އަނބިކަނބަލުން އަދި ނާޒިމްގެ ކޮއްކޮ އެސްޓީއޯގެ އެމްޑީ އާދަމް އާޒިމްވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނާޒިމްއަށް ޒިޔާރަތްކުރި ސިޔާސީ ބައެއް ފަރާތްތަކުގެ ތެރޭގައި ޖުމްހޫރީޕާޓީގެ ނައިބްލީޑަރު އަމީން އިބްރާހިމްއާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، ނާޒިމް ޑޮކްޓަރަށް ދެއްކުމަށް މާލެގެނެސްފައިވަނީ ނާޒިމްގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައި ވަނީ ނާޒިމްގެ ގެއިން ފިސްތޯލައަކާއި ތިން ވަޒަންފެނުމާއި ގުޅިގެން، ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލުމަށްފަހު އެވެ. އަދި ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު