ޔުނައިޓެޑްގައި މަދީ ސީޒަނެއްގައި 20 ލަނޑު ޖަހާނެ ކުޅުންތެރިއެއް: ވެން ހާލް

މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަންގެ ލީގު ޓައިޓްލް ރޭހުގައި ދަތިތަކެއް ދިމާވެފައި ވަނީ އެ ޓީމުގައި ސީޒަނެއްގައި 20 ލަނޑު ކާމިޔާބު ކުރާނެ ފެންވަރުގެ ސްޓްރައިކަރަކު ނެތުމުން ކަމަށް އެ ޓީމްގެ ކޯޗް ލުއިސް ވެން ހާލް ބުނެފި އެވެ.

ވެން ހާލް ބުނީ ގިނަ ލަނޑުތަކެއް ކަމިޔާބު ކުރާ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ލީގުގައި ކުރިއަށް ދިޔުމަށް އެ ޓީމަށް މަދުވާ ހަމައެކަނި ކަންތައް ކަމަށެވެ. އަދި އެ ހަގީގަތަކީ ޔުނައިޓެޑްގައި މިހާރު ތިބި ސްޓްރައިކަރުންނަށް ދެކޮޅު ހެދޭނެ ހަގީގަތެއް ނޫންކަމަށްވެސް ވެން ހާލް ވަނީ ބުނެފައެވެ.

"މި ވަގުތު ޔުނައިޓަޑްގައި ސީޒަނެއްގައި 20 ލަނޑު ކާމިޔާބު ކުރާ ފެންވަރުގެ ކުޅުންތެރިއަކު ނެތް. އެއީ އަހަރުމެން ކުރިމަތިލާން ޖެހޭ ހަގީގަތެއް. ރަޑަމެލް ފަލްކާއޯ އަށްވެސް، އަދި ރޮބިން ވެން ޕާސީ އަށްވެސް އެކަމާ ދެކޮޅެއް ނެހެދޭނެ. އަދި ރޫނީއަކީ މިހާރު ސްޓްރައިކަރެއްގެ މަގާމަށް ކުޅޭ ކުޅުންތެރިއެއް ނޫން،" ވެން ހާލް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި އެންމެ ކުރީގައި އުޅޭ ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީގެ ސްޓްރައިކަރުން، ސާޖިއޯ އަގުއޭރޯ އާއި ޑިއޭގޯ ކޯސްޓާ ވަނީ މިހާތަނަށް މި ސީޒަންގައި ކޮންމެ ކުޅުންތެރިއަކު 17 ލަނޑު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ޓޮޕް ސްކޯރަރ، ވެން ޕާސީއަށް މިހާތަނަށް މި ސީޒަންގައި ކާމިޔާބު ކުރެވިފައި ވަނީ 10 ލަނޑެވެ.

ވެން ހާލް ބުނީ ޔުނައިޓެޑުގެ ސްޓްރައިކަރުންނަށް މި ސީޒަންގައި ގިނަ ލަނޑުތަކެއް ޖެހިފައި ނުވިޔަސް، އެއީ ބަދަލުވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް މި ސީޒަންގައި ދެން ޔުނައިޓެޑަށް ލީގު ކާމިޔާބު ކުރެވޭނެކަމަށް ނުބެލެވޭ ކަމަށްވެސް ވެން ހާލް ވަނީ ބުނެފައެވެ.

"މި ސީޒަންގައި ޔުނައިޓެޑްގެ ސްޓްރައިކަރުންނަށް ގިނަ ލަނޑުތަކެއް ކާމިޔާބު ނުކުރެވުމަކީ އަންނަ އަހަރުވެސް އެކަން އެހެން ވާނެ ކަމުގެ ނިޝާނެއް ނޫން. މިއީ ހަމަ އެމީހުނަށް ނަސީބު ދެރަ އަހަރަކަށް ވެދާނެ. އެކަން އަހަރެންނާއި އަހަރެންގެ ކޯޗިންގް ސްޓާފް ރަނގަޅަށް ދެނެގަންނަން ޖެހޭ،" ވެން ހާލް ބުންޏެވެ. "މި ސީޒަންގައި ލީގު ކާމިޔާބު ކުރެވިއްޖެއްޔާ ވަރަށް ހިންހަމަޖެހޭނެ. ނަމަވެސް މިހާރު އެއީ ވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ."

އިނގިރޭސި ލީގުގައި މިދިޔަ ހަފްތާގައި ސްވޮންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު ވަނީ އަނެއްކާވެސް ލީގު ތާވަލްގެ ހަތަރު ވަނައަށް ވެއްޓިފައެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ ޔުނައިޓަޑާ ދެމެދު އޮތް 13 ޕޮއިންޓުގެ ފަރަގުގެ އިތުރުން، ދެވަނައިގައި އޮތް ސިޓީއާ ޔުނައިޓަޑާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް މިހާރު އޮތްއިރު، އެ ދެ ޓީމުން ކޮންމެ ޓީމެއް ކާމިޔާބުކޮށްފައިވާ 56 ލަނޑާ އަޅާބަލާއިރު ޔުނައިޓަޑަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ މުޅިއެކު 44 ލަނޑެވެ.

ލީގުގައި މިއަދު އެ ޓީމް ސަންޑަލޭންޑާ ދެކޮޅަށް ނިކުންނައިރު، އެ ޓީމްގެ ޓޮޕް ސްޓްރައިކަރު ވެން ޕާސީއަށް ލިބުނު އަނިޔާއެއްގެ ސަބުބުން އޭނާއަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށް ޔުނައިޓެޑުން ވަނީ ހާމަކޮށްފަ އެވެ. އެންމެ ފަހުން 13-2012 ވަނަ އަހަރުގެ ސީޒަންގައި ސަރ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ލީގު ކާމިޔާބު ކުރިއިރު، ވެން ޕާސީ ވަނީ އެފަހަރު ޔުނައިޓަޑަށް ކާމިޔާބުކޮށްދިން 26 ލަނޑާއެކު އެ ސީޒަންގެ ރަން ބޫޓުވެސް ހޯދާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު