ރާއްޖޭގެ ފުޓްބޯޅައަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓު އެފްއޭއެމް ކޮންގްރެސްއިން ފާސްކޮށްފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފުޓްބޯޅައަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓު މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި މި އަހަރަށް އެފްއޭއެމްގެ ބަޖެޓެއްގެ ގޮތުގައި ފާސްކޮށްފައި ވަނީ 49.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފީފާ އާއި އޭއެފްސީގެ އިތުރުން ރާއްޖޭގެ ސަރުކާރާއި އެކި ފަރާތްތަކުގެ ސްޕޮންސާޝިޕްގެ ދަށުން އިންފްލޯގެ ގޮތުގައި ލިބޭނެ ފައިސާގެ އަދަދެއްގެ ގޮތުގައި އެފްއޭއެމުން އަންދާޒާ ކޮށްފައި ވަނީ 47 މިލިއަން ރުފިޔާ އެވެ.

އެފްއޭއެމުން މިއަހަރަށް ފާސްކުރި ބަޖެޓާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ މި އަހަރު އެހާ ބޮޑު ބަޖެޓެއް ކޮންގްރެސްއަށް ހުށަހަޅައި ފާސްކޮށްފައި ވަނީ ރާއްޖޭގެ ކްލަބްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަގްސަދުގައި ކަމަށެވެ.

"މި އަހަރަށް އެހާ ބޮޑު ބަޖެޓެއް އެފްއޭއެމަށް ކަނޑައެޅީ ކްލަބްތަކުގެ ސަސްޓެއިނަބަލިޓީ ރަނގަޅު ކުރަން. ރާއްޖޭގެ ގިނަ ކްލަބުތައް މިހާރު ތިބީ ވަރަށް ނިކަމެތި، ފަގީރު ހާލަތެއްގަ. ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރަން ބޭނުމިއްޔާ އަޅުގަނޑުމެން މިކަން ރަނގަޅުކުރަން ޖެހޭ. ބައިނަލްއަގްވާމީ ފެންވަރެއްގައި އަޅުގަނޑުމެންގެ ގައުމީ ޓީމަށްވެސް ކުރިއެރުންތަކެއް ލިބޭނީ ކްލަބްތަކުގެ ފެންވަރު ރަނގަޅު ކޮށްގެން،" ޝަވީދު ވިދާޅުވި އެވެ.

އެފްއޭއެމް ކޮންގްރެސްއިން މިއަދު ފާސްކުރި ބަޖެޓާއެކު މިއަހަރު ރާއްޖޭގެ ކްލަބުތަކަށް ކުރީގެ އެފްއޭއަށް ވުރެ ބޮޑު ބަޖެޓެއް ލިބިގެން ދާއިރު، ޝަވީދު ވަނީ ބަޖެޓަށް ބޮޑު އަދަދެއް ފީފާއިން އެހީގެ ގޮތުގައި ލިބޭކަން ފާހަގަ ކޮށްފައެވެ. އަދި މިއަހަރު ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗުގެ މުސާރަ ހަމަޖެހިފައި ވަނީ ކުވެއިތު ފައުންޑޭޝަނަކުން ލިބޭ ޑޮނޭޝަންއަކުން ކަމަށާއި، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓަށް ކޮރެއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވާކަމަށް ޝަވީދު ވިދާޅުވި އެވެ.

"މިއަހަރުގެ ބަޖެޓަށް ފީފާއިން އަޅުގަނޑުމެންނަށް 1.3 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ލިބޭ ގޮތަށް ވަނީ ނިމިފަ، އެކަމަށްޓަކާ އަޅުގަނޑުމެން ފީފާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މިފަހަރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މުސާރަ ހަމަޖެހިފައި ވަނީ ކުވެއިތުގެ ފައުންޑޭޝަނެއްގެ ޑޮނޭޝަނަކުން. އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރާއި ޓެކްނިކަލް ޑިޕާޓްމަންޓަށް ކޮރެއާގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ. އޭގެ އިތުރުން އޭއެފްސީ އާއި ރާއްޖޭގެ ސަރުކާރުގެ އިތުރުން އަވައްޓެރި ގައުމުތަކުންވެސް އަޅުގަނޑުމެނަށް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފަ. އެކަމަށް އެފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝަވީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު ސްޕޮންސާޝިޕްގެ ގޮތުގައިވެސް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، ސްޕޮންސާޝިޕްގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދުތަކުގެ ތެރެއިން މިހާރު ބައެއް އަދަދުތައް ލިބިފައި ވާކަމަށާއި، ބައެއް އަދަދުތަކާ ގުޅޭ ގޮތުން އަދިވެސް ދަނީ މަޝްވަރާތައް ކުރެވެމުން ކަމަށް ޝަވީދު ވިދާޅުވި އެވެ.

މިއަހަރު އެފްއޭއެމްގެ ބަޖެޓުގެ ގޮތުގައި 49.4 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، ރާއްޖޭގައި ބާއްވާ މުބާރާތްތަކާއި މުބާރާތްތަކުގައި ބައިވެރިވާ ކްލަބުތަކަށް އެފްއޭއެމުން ވަނީ 20 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައެވެ. އަދި ގައުމީ ޓީމަށް 12 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައި ވާއިރު، ޓެކްނިކަލް ޑިވަލޮޕްމަންޓަށް ތިން މިލިއަން ރުފިޔާ އާއި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް ދެ މިލިއަން ރުފިޔާ ހަރަދުކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު