މުޒާހަރާގައި ހައްޔަރު ކުރި 17 މީހަކާ މެދު ގޮތެއް އަދި ނުނިންމަން: ޕޮލިސް

އެމްޑީޕީއާއި ޖޭޕީ ގުޅިގެން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 28 މީހުން ކަމަށާއި އޭގެތެރެއިން 17 މީހަކާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްްވި އެ މުޒާހަރާއާ ގުޅޭ ގޮތުން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 11 މީހަކު ކޯޓަށް ހާޒިރުކުރުުމުން 10 މީހަކަށް ދިހަ ދުވަސް ޖަހައިދީ އޭގެތެެރެއިން އެކަކު ދެ މަސްދުވަސް ވަންދެއް އެފަދައެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން ވަނީ ނަސޭހަތްދިނުމަށް ފަހު ދޫކޮށްލައިފައި. ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި މުޒާހަރާގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުން ވެސް ހިމެނޭ. އެ މައްސަލަ އަޅުގަނޑުމެން މިދަނީ ބަލަމުން،" ހަމްދޫން ވިދާޅުވި އެވެ.

މީގެއިތުރުން އިއްޔެގެ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތް ތެރިވި މީޑިއާތަކުން ހަރަކާތްތެރިވި އަދަދު ގިނަކަން ފާހަަގަކުރައްވައި ހަމްދޫން ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 146 މީހެއް ކަމަށެވެ.

"މުޒާހަރާ ކަވަރުކުރުމަށް ބައެއް މީޑިއާތަކުން 60 އަދި އަނެއް ބައި މީޑިއާތަކުން 40 މީހުން މުޒާހަރާ ކަވަރުކުރުމަށް އެ ސަރަހައްދެއްގައި އުޅޭކަން ފާހަގަކުރަން. އެގޮތަށް އެހާ ގިނަ ބަޔަކު އެ މުޒާހަރާ ކަވަރުކުރަން އުޅުމުން، އަޅުގަނޑުމެންނަށް އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި މުޒާހަރާގެ ތެރެއިން ދިމާވާ ކަންތައްތައް ކޮންޓްރޯލް ކުރުމަށް ދަތިވޭ،" ހަމްދޫން ވިދާޅުވި އެވެ.

އެމްޑީޕީ-ޖޭޕީގެ މުޒާހަރާގެ ތެރޭގައި ހިންގަފާނެ ކިތަންމެ ކަމެއް ހުއްޓުވާފައި، ވައިލެންސްއަަކަށް ގޮސްދާނެ އެއްޗެހި ގެންގުޅުނު މީހުންގެ މައުލޫމާތު ލިބުމުން އެފަރާތްތައް މުޒާހަރާއިން އެއްފަރާތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ރޫޅާލައި މުޒާހަރާގެ ބައިވެރިން ގެއަށް ފޮނުވުމުގައި ފުލުހުން އަމަލްކޮށްފައިވަނީ ވަރަށް ވެސް ޕްރޮފެޝަނަލްކޮށް ކަމަށާއި އެ މުޒާހަރާގައި އެއްވެސް މީހަކަށް އަދި ފުލުހަކަށްއަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ދެ ބިދޭސީން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު