އޭއެފްސީ އެކްސްކޯ މެންބަރު ކަމަށް ޝަވީދު ކުރިމަތިލައްވަން ނިންމަވައިފި

އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެސްފީ)ގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ އޯޑިނެރީ މެންބަރު ކަމަށް ކުރިމަތިލުމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ނިންމަވައިފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާއޯޑިނެރީ ކޮންގްރެސްއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ، ރާއްޖޭގެ އެފްއޭއާ މިހާރު ނޯމަލައިޒޭޝަން ކޮމިޓީއެއް ހަވާލުވެފައިވިޔަސް، އެ މަގާމަށް ކުރިމަތިލެއްވުމުގެ ހުއްދަ ފީފާ އާއި އޭއެފްސީން ދިނުމުން ކަމަށެވެ.

"އޭއެފްސީ އިންތިހާބުގައި ވާދަކުރުމާ ބެހޭ ގޮތުން އަޅުގަނޑުމެން ފީފާ އާއި އޭއެފްސީއާ މަޝްވަރާ ކުރިން. އެކަމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ލީގަލް ކޮމިޓީތަކުން މަޝްވަރާ ކުރުމަށްފަހު، އިންތިހަބުގައި ވާދަކުރުމުގެ ހުއްދަ ވަނީ ރާއްޖެއަށް ދީފަ. އެ ބޭފުޅުން ފޮނުވި ސިޓީގައި މިހާރު ރާއްޖޭގެ އެފްއޭއާ ނޯމަލައިޒޭޝަން ކޮމިޓީއެއް ހަވާލުވެފައި ވާކަމަށް ވިޔަސް، މި ކޮމިޓީއަކީ ރާއްޖޭގެ ފުޓްބޯޅަ ބާރުވެރި ކުރުވައި، ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާ ކޮމިޓީއެއްކަން ފާހަގަ ކޮށް، އެކަމުގައި މި ކޮމިޓީން ނިންމާ ގޮތަކަށް ކުރިއަށް ދިޔުމުގެ ހުއްދަ ވަނީ ދީފައި" ޝަވީދު ވިދާޅުވިއެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިހާރު ވެސް ދަނީ ރާއްޖެ ތަމްސީލު ކުރަމުންނެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. މިފަހަރުގެ އިންތިހާބުގައި އޭއެފްސީ އެކްސްކޯގެ މަގާމްތަކަށް ކުރިމަތިލާނެ ފަރާތްތަކާމެދު މި ސަރަހައްދުގެ ގައުމުތައް އެއްގަލަކަށް އަރާފައި ނުވިނަމަވެސް އެ މަގާމް ރާއްޖެއިން ދެމެހެއްޓުން ވަރަށް ގާތްކަމަށް ޝަވީދު ވިދާޅުވިއެވެ.

"އޭއެފްސީގެ ސެންޓްރަލް ޒޯން ފަދަ އެހެން ސަރަހައްދަތަކުގައި އެ ސަރަހައްދުތަކުގެ ގައުމުތައް ވަނީ މަޝްވަރާކޮށް، އެކި މަގާމްތަކަށް ވާދަކުރާނެ ގައުމުތައް އެ ބޭފުޅުންގެ މެދުގައި ކަނޑައަޅާފައި. މި ސަރަހައްދަށް ކަނޑައަޅާފައި ވަނީ ހަތަރު ސްލޮޓް. ނަމަވެސް މި ސަރަހައްދުގައި އޮންނަ ހަތް ގައުމުން ވެސް އެ ސްލޮޓްތަކަށް ކުރިމަތިލާން ބޭނުންވޭ، އެހެން ކަމުން ހަތް ގައުމުން ވެސް އެ މަގާމްތަކަށް ކެނޑިޑޭޓުން ނެރޭއިރު، ދެން ދާން ޖެހޭނީ އޭއެފްސީގެ މެންބަރު 46 ގައުމުގެ މެދުގައި ވޯޓަކަށް،" ޝަވީދު ވިދާޅުވިއެވެ.

"އެފަދަ ގޮތަކަށް ވޯޓަކަށް ގޮސްފިނަމަ އެ މަގާމް ރާއްޖެއަށް ލިބުން ވަރަށް ގާތް، އެއީ މިވަގުތު އެ މަގާމަށް ކުރިމަތިލާފައިވާ ގައުމުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވޯޓު ރާއްޖެއަށް ލިބޭނެ ކަމަށް އަޅުގަނޑުމެނަށް ލަފާ ކުރެވޭ. މި ސަރަހައްދުގައި ވަރަށް ފަހުން ކުރެވުނު ސާވޭއެއްގައި ވެސް ރާއްޖެއަށް ބޮޑު ތާއީދެއް އޮތްކަން ހާމަވި،"

އޭފްސީ އެކްސްކޯގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެ އިންތިހާބަށްފަހު މި އަހަރުގެ މެއި މަހު ފީފާގެ އެކްސްކޯ އިންތިހާބުވެސް ބާއްވަން އެ އިދާރާއިން ވަނީ ތާވަލް ކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު