ނުލާއި ކަޅުތަ؟ ނުވަތަ ރަނާއި ހުދުތަ؟

މުޅި އިންޓަނެޓް މިދުވަސްކޮޅު ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އަންހެނަކު އިންޓަނެޓަށް ލީ ހެދުމަކާ އެކު އޭގެ ކުލަ ނޭނގުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ދެބަސްވުމެއް އުފެދިފަ އެވެ. އެހެން ކަމުން ހެދުމުގެ އަސްލު ކުލައަކީ ކޮބާ ހެއްޔެވެ؟ ރަނާއި ހުދު ހެއްޔެވެ؟ ނުވަތަ ކަޅާއި ނޫ ކުލަ ހެއްޔެވެ؟

ސްކޮޓިޝް މިއުޒީޝަނެއް ކަމަށްވާ ކެއިޓްލިން މެކްލީން ޓަމްބްލާއަށް ހެދުމުގެ ކުލަ އޮޅުން ފިލުވުމަށް ޓަކައި ލީ އެފޮޓޯގެ ސަބަބުން އިންޓަނެޓް ވަނީ އެއް އަޑަކުން ގުގުމާލާފަ އެވެ. ނިއުރޯސައިންޓިސްޓުން ދެކޭ ގޮތުގައި އެއީ ސިކުނޑި، ކުލަތައް ދެނެގަންނަ ގޮތުގެ ސަބަބުންވާ ގޮތެއް ކަމަށެވެ.

ސައިންސުވެރިން ބުނާ ގޮތުގައި އެއްބައި މީހުންގެ ސިކުނޑިން ކުލަތައް ދެނެގަންނަ ގޮތުގައި ލައިޓިންގެ ސަބަބުން އެ ހެދުން ފެންނަނީ ހުދު ކުލައިންނާއި ރަން ކުލައިގެ ރޭނދާއިންނެވެ. އަނެއްބައި މީހުންނަށް ފެންނަނީ ނޫ ކުލައިގެ ހެދުމެއްގައި ކަޅުކުލައިގެ ރޭނދާ އަޅާފައިވާ ފޮޓޯ އެވެ.

"ބަޒްފީޑް" އިން އެ މައްސަލައާ ގުޅިގެން ވަނީ ސާވޭއެއް ވެސް ހަދާފަ އެވެ. އެ ސާވޭ ބުނާ ގޮތުގައި ޖުމްލަ 2.1 މިލިއަން ވޯޓު ލިބިފައި ވަނީ އެ ހެދުމަކީ ރަނާއި ހުދު ކުލަ ހެދުމެއް ކަމަށް ދެކޭ ބަޔަށް ކަމަށެވެ. އަދި 963،000 މީހުން ބުނެފައި ވަނީ އެއީ ކަޅާއި ނޫކުލަ ހުރި ހެދުމެއް ކަމަށެވެ.
އެ ފޮޓޯ އާންމު ކުރި އަންހެން މީހާ ހެދުމާއެކު (ވ)
ހެދުމާ ބެހޭ ގޮތުން އަޑުތައް ގަދަ ވެފައި ހުރި ވަގުތުގައި އެ އަންހެން މީހާ ވަނީ އެ ހެދުން ލައިގެން ހުރެ ފޮޓޯއެއް ނެގުމަށް ފަހު އިންޓަނެޓަށް ލާފައެވެ. އެ ފޮޓޯއިން ދައްކާ ގޮތުގައި އެ ހެދުމުގައި ހުރީ ގަދަ ނުލަކާއި ކަޅު ކުލައެކެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ފަހުން ލީ ފޮޓޯއަކީ ސަމާލުކަން ހޯދުމަށް ލާފައި އިން ފޮޓޯއެއް ކަމަށް ބުނެ އެވެ. އޭގެ ކުލަ އޮޅުވާލުމަށް ކުރި ކަމެއް ކަމަށް ވެސް ވެދާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު