އެއާޕޯޓް ތަރައްގީކުރުން އަވަސް ކުރުމަށް ސަރުކާރުގެ ވަފުދެއް ޗައިނާ އަދި ޖަޕާނަށް ފުރައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ސަރުކާރުގެ ވަފުދެއް ޗައިނާގެ ބެއިޖިން އަދި ޖަޕާނުގެ ޓޯކިޔޯ އަށް ރޭ ފުރައިފި އެވެ.

ޗައިނާ އަދި ޖަޕާނަށް ފުރާވަޑައިގެންނެވި ބޭފުޅުންނަކީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނަންވަރު އަދި ފޮރިން ސެކެއްޓަރީ އަލީ ނަސީރެވެ.

ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ހުންނަވައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި ދަތުރުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ނަގަން ހަމަޖެހިފައިވާ ލޯނު އަވަސް ކުރުމުގެ ގޮތުން ޖަޕާނުގެ ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން އަދި ޗައިނާގެ އެގްޒިމް ބޭންކާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. ސައީދު ވިދާޅުވީ ލޯނުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ. އެހެންނަމަވެސް ދަތުރުގެ މަގުސަދަކީ ލޯނު ވީހާ ވެސް އަވަސްކުރުން ކަމަށެވެ.

"މިހާރު ވެސް ވަރަށް އެޑްވާންސް ސްޓޭޖެއްގެ ލޯނުގެ ކަންތައް މިއޮތީ. ޖޭބިކް (ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން) ވެސް ހަމަ ލޯނުގެ އެންމަ ފަހު މަރުހަލާގައި. ހަމަ އެގޮތަށް ޗައިނާ އެގްޒިމްގައި ވެސް ލޯނުގެ އެންމެ ފަހު މަރުހަލާގައި މިއުޅެނީ،" ސައީދު ވިދާޅުވި އެވެ.

ޖަޕާނު ބޭންކުން ނަގަން ހަމަޖެހިފައި ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެގްޒިމް ބޭންކުން ވެސް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ ލޯނެއް ނަގަން ހަމަޖެހިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ސީދާ ހާމަނުކުރެއްވިޔަސް ސައީދު ވިދާޅުވީ މިއީ އިންޓްރެސްޓް ރޭޓް ވަރަށް ކުޑަ ލޯނުތަކެއް ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭ ފައްޓާނެ ކަމަށް އިކޮނަމިކް ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު