ރަޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރަކު އަވަހާރަކޮށްލައިފި

މޮސްކޯ (ފެބްރުއަރީ 28) : ރަޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ބޮރިސް ނިމެތްސޯވް ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި އެވެ.

މޮސްކޯގެ ފުލުހުން ބުުނާ ގޮތުން ނިމެތްސޯވް ގެ ގަޔަށް ބަޑިޖަހާފައި ވަނީ މޮސްކޯގެ މެދުތެރޭ ހިސާބެއް ކަމަށްވާ އެމްނިންހަމީ މައިދާނުގެ ކައިރީގައިވާ ބްރިޖެއްގެ މަތިން ޒުވާން އަންހެނަކާ އެކު ރޭގެ ވަގުތެއްގައި އޭނާ ހިންގަވާފައި ދަނިކޮށް އޭނާގެ ފަހަތުން އައި ކާރަކުން ނުކުތް ދެމީހަކު ކުއްލި ގޮތަކަށް ދިން ބަޑީގެ ޙަމަލާތަކެއްގަ އެވެ.

މިޙަމަލާތައް އަރާފައި ވަނީ ނިމެތްސޯވް ގެ ބުރަކަށްޓަށާއި ދަށްބޮލަށް ކަމަށްވެސް ފުލުހުން ބުނެ އެވެ. އެމްނިންހަމީ މައިދާނަކީ ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އާ ވެސް ކައިރީގައިވާ ހިސާބެކެވެ. ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ތަރްޖަމާނެއް ކަމަށްވާ ޑިމިޓްރީ ބިސްކޯވް ވަނީ ބޮރިސް ނިމެތްސޯވްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލި ޖަރީމާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ބިސްކޯވް ވިދާޅުވީ މިއީ ރައީސް ޕޫޓިން ބަދުނާމު ކުރުމަށާއި ރަޝިޔާގެ އިދިކޮޅު ފަރާތްތައް ރުޅިއަރުވައިގެން އެގައުމުގެ ދާޚިލީ މަސްރަޙު ހަލަބޮލިކޮށްލުމަށް ޓަކައި ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއްކަމަށް ބެލެވޭކަމުގަ އެވެ.

ޕޫޓިން ވަނީ މިހާދިސާ ތަހްގީގް ކުރުމަށް ރަޝިޔާގެ އަމަނާ ބެހޭ ފަރާތްތަކަށް އެންގުމަށް ޓަކައި ޚާއްސަ އަމުރެއް ނެރުއްވާފަ އެވެ. އަދި ޕޫޓިން ވަނީ ބޮރިސް ނިމެތްސޯވްގެ ޢާއިލާއަށްވެސް ތަޢްޒިޔާ ފޮނުއްވާފަ އެވެ. ނިމެތްސޯވްގެ މަރުގެ ފަހަތުގައި ވަނީ ރަޝިޔާގެ ޖާސޫސީ އިދާރާގެ ކަމަށް ރަޝިޔާގެ އިދިކޮޅު ފަރާތްތަކުން ދެކޭކަމަށް ޚަބަރުތައް ބުނެ އެވެ. މިއީ، ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ބޮޑެތި ފިއްތުންތަކަކާއި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ސަރުކާރަށް އަމާޒުވެފައިވާ ދުވަސްވަރެކެވެ.

އަވަހާރަކޮށްލި ބޮރިސް ނިމެތްސޯވް އަކީ ރަޝިޔާގެ ކުރީގެ ރައީސެއް ކަމަށްވާ ބޮރިސް ޔެލްޓްސިންގެ ވެރިކަމުގައި ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު