އިސްލާމްދީނަށް ޖޯކުޖަހަމުން ދިޔަ މީހަކު އަނިޔާވެރި ގޮތަކަށް ބަންގްލަދޭޝްގައި މަރާލައިފި

ޑާކާ (ފެބްރުއަރީ 28) : މާތްވެގެންވާ އިސްލާމް ދީނަށް ޖޯކު ޖަހައި ކަލަކު ވޮޑިގެންނުވާ ކަމަށް ދައުވާކޮށް އެދައުވާ އިންޓަނެޓް މެދުވެރިކޮށް ފަތުރަމުންގެން ދިޔަ ހަރުކަށި މީހަކު ބަންގްލަދޭޝްގައި މަރާލައިފި އެވެ.

އިންޓަނެޓްގެ ބޮލޮގާއެއްގެ ގޮތުން މަޝްހޫރުވެފައިވާ އެވިގިޓް ރޯއި ނަކަމަށްކިޔާ މިމީހާ މަރާލާފައި ވަނީ ގްރޫޕެއްގެ ބަޔަކު ދެ ކޯރާޑިއަކުން ޖަހައި އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެ އެވެ. އެ މީހާ މަރާލި މީހުން ނީ މިކަން ކުރުމަށް ފަހު ފިލައިފަ އެވެ. ބަންގްލަދޭޝްގެ ފުލުހުން ބުނާ ގޮތުން ރޯއިގެ މަރުގެ ތުހުމަތު އެއްވެސް ފަރާތެއްގެ މައްޗަށް އަދި ނުކުރެވޭތީ އެކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމުގަ އެވެ.

ރޯއިގެ ޢާއިލާ ބުނާ ގޮތުން އޭނާއަށް ކޯރާޑީން ޙަމަލާދީ މަރާލާފައި ވަނީ އޭނާގެ އަންހެނުންނާ އެކު ފޮތް މައުރަޒަކަށް ގޮސްފައި އައި މަގުމަތީގައި ވެރިރަށް ޑާކާގެ މަގެއްމަތިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އިސްލާމް ދީނަށް ޖޯކު ޖަހައި ކަލަކު ވޮޑިގެންނުވާ ކަމަށް ދައުވާކޮށް އެދައުވާ އިންޓަނެޓް މެދުވެރިކޮށް ފަތުރަމުންގެންދާ މައްސަލާގައި ރޯއި އަށް އެތައް އިންޒާރެއް އަންނަ ކަމަށާއި ނަމަވެސް އެއިންޒާރުތަކަށް ރޯއި މާބޮޑު ސަމާލުކަމެއްނުދޭ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.

ރޯއި އަށް ކޯރާޑިން ދިން ޙަމަލާގައި އޭނާގެ ހަށިގަނޑު ހަލާކުވެ ފޮތިފޮތިވެފައިވާ އިރު އޭނާގެ އަންހެނުން ވަނީ މިޙަމަލާއިން ސަލާމަތް ވެފަ އެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހުންގެ އަމާޒު ކަމަށް ބެލެވެނީ ރޯއި އެކަންޏެވެ. އޭނާގެ އަންހެނުންނެއް ނޫނެވެ.

ބަންގްލަދޭޝަކީ ނަސާރާއިންނާއި އެތީސްޓުން (ކަލަކު ވޮޑިގެންވާކަމަށް ގަބޫލު ނުކުރާ މީހުން) ގިނަ އަދަދަކަށް އުޅޭ ގައުމެކެވެ. ނަމަވެސް މަރާލާނެ ކަމުގެ އިންޒާރުދެނީ މީގެތެރެއިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި މަލާމާތާއި ފުރައްސާރަ ކުރާމީހުންނަށާއި ކަލަކު ވޮޑިގެންނުވާކަމަށް ބުނާ ހަރުކަށި އަދި ބާތިލް ފިކުރު ފާޅުގައި ފެތުމަށް އިންޓެނެޓްގެ ވަސީލަތާއި އެނޫން ވެސް ވަސީލަތްތައް ބޭނުންކުރާ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.

ބަންގްލަދޭޝްގެ ޣައިރު މުސްލިމުންނާއި ލާދީނީ ފަރާތްތަކުން މިފަދަ އިންޒާރުތަކާއި މަރާލެވޭ އެތީސްޓުންގެ މަރުގެ ޒިންމާ އަޅުވަނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނަޅައި އެހެންމީހުން ކާފަރު ކުރުންފަދަ ހަރުކަށި ވިސްނުން ގެންގުޅޭ ތަކްފީރީ ވިސްނުމުގެ މީހުންގެ ބޮލުގަ އެވެ. ބަންގްލަދޭޝްގެ ގިނަ ރައްޔިތުންނަކީ މެދުމިނުގެ ފިކުގެ މުސްލިމުންނެވެ. ނަމަވެސް އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ މީހުންނާއި ދީނުގެ ބައެއްކަންކަމުގައި ޚިޔާލުތަފާތުވާ ކޮންމެ މީހަކީ ކަފާރެއް ކަމަށް ދެކޭ ހަރުކަށި ތަކްފީރީ ވިސްނުން ގެންގުޅޭ އިސްލާމީ ޖަމާއަތްތައް ވެސް ބަންގްލަދޭޝްގައި ޙަރަކާތްތެރިވަމުން ދެ އެވެ.

ބަންގްލަދޭޝްގެ ޣައިރު މުސްލިމުންގެ ތެރޭގައި ވެސް ގިނައީ އިސްލާމްދީނަށާއި މުސްލިމުންނަށް އިޙްތިރާމްކުރާ މީހުންނެވެ. ސުލްހަވެރިކަމާ އެކު މުސްލިމުންނާއެކު ދިރިއުޅުމަށް ލޯބިކުރާމީހުންނެވެ. ނަމަވެސް މުސްލިމުން ރުޅިއެރުވުމަށްޓަކައި މުސްލިމުންނަށް އަމާޒުކޮށްގެން އިސްލާމް ދީނަށް ޖޯކު ޖަހައި ކަލަކު ވޮޑިގެންނުވާ ކަމަށް ދައުވާކޮށް އެދައުވާ އިންޓަނެޓް މެދުވެރިކޮށް ފަތުރަމުން ގެންދާ ހަރުކަށި ބާތިލް ވިސްނުމުގެ ނަސާރާއިންނާއި ހިންދޫންނާއި އެތީސްޓުން މަދުމަދުން އެގައުމުގައި ހަރަކާތްތެރިވެ އެވެ.

އިންސާނީ ހައްގުތަކާއި ޚިޔާލުފާޅު ކުރުުމުގެ މިނިވަންކަން ޙިމާޔަތް ކުރުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އަޑުއުފުލާ ފަރާތްތަކުން މިފަދަ ހަރުކަށި އެތީސްޓުންނަށާއި ލާދީނީ މީހުންނަށް ހިއްވަރުދީ އެމީހުންގެ ދިފާޢުގައި އަޑުއުފުލަމުން ގެންދެ އެވެ. މުސްލިމުން ރުޅިއެރުވުމަށް ޓަކައި އިސްލާމް ދީނަށް ޖޯކު ޖަހާމީހުން ބަންގްލަދޭޝްގެ މުސްލިމުންގެ ތެރޭގައިވެސް އުޅެ އެވެ.

ތަސްލީމާ ނަސްރީން އަކީ ވެސް މުސްލިމެއްގެ ނަމުގައި ހުރެ އިސްލާމް ދީނަށް ފާޅުގައި ޖޯކުޖަހައި ފުރައްސާރަ ކުރަމުންގެން ދިޔަ ބަންގްލަދޭޝްގެ އަންހެން ލިޔުންތެރިއެކެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގޮތްނޭނގޭ ބަޔަކު އޭނާ އަށް ދިން މަރުގެ އިންޒާރުތަކަކާ އެކު އޭނާ ވަނީ ބަންގްލަދޭޝް ދޫކޮށް ފިލައިގެން ގޮސްފަ އެވެ. އޭނާ އަށް މާލީގޮތުން އެހީތެރިވަނީ ހުޅަނގުގެ ބައެއް ޖަމާއަތްތަކުންނެވެ. އަދި ދިރިއުޅެމުން ގެންދަނީ އިންޑިޔާގައެވެ.

ބަންގްލަދޭޝްގައި ވަރަށް އަނިޔާވެރި ގޮތަކަށް އިއްޔެ މަރާލި އެވިގިޓް ރޯއިއަކީ ބަންގްލަދޭޝްގެ ޕާސްޕޯޓްގެ އިތުރުން އެމެރިކާގެ ޕާސްޕޯޓް ވެސް އޮންނަ އެމެރިކާގެ ރައްޔިތެކެވެ. އެމެރިކާ ސަރުކާރުން ވަނީ މިމައްސަލަ ތަހްގީގްކުރުމަށް ބަންގްލަދޭޝްގެ ސަރުކާރަށް ވަރަށް ހަރުކަށި ކަމާއެކު ގޮވާލާފަ އެވެ. އަދި މިޖަރީމާގެ ފަހަތުގައިވާ ކަމަށް އެމެރިކާ ތުހުމަތު ކުރަނީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެންއުޅޭ ބަންގްލަދޭޝްގެ ތަކްފީރީ ޖަމާއަތްތަކުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު