އެޗްއާރުސީއެމްގެ ނައިބް ރައީސް ފުލުހުންނާ ދިމާލަށް "ބާގީންނޭ" ބުނި މައްސަލަ މަޖިލީހަށް!

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލް ފުލުހުންނާ ދިމާލަށް "ތިއީ ބާޣީންނޭ" ބުނި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުގައި ބަހައްޓާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު، މިއަދުގެ ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގަތް ލޯންޗްމަތީގައި ތޮލާލް ފުލުހުންނާ ދިމާލަށް "ތިއީ ބާޣީންނޭ" ބުނެ ދިމާކުރައްވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއީ އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދެކޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ގެންދިއުމުގައި އަމަލުކޮށްފައި ވަނީ ރަހުމު ކުޑަކޮށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ އެޗްއާރުސީއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ.

ނަމަވެސް އެ ބަޔާން އެޗްއާރުސީއެމުން ނެރެފައި ވަނީ ރަނގަޅަށް ބަލަންވާ ވަރަށް ކަންކަން ނުބަލާ ކަމަށް ފުލުހުން ބުނެ ފުލުހުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު