އާސެނަލްއަށް ކޯޗުކަން ކޮށްދޭން ބޭނުން: ތިއަރީ އޮންރީ

އާސެނަލްއަށް ކޯޗުކަން ކޮށްދޭން ފުރުސަތު ލިބިޖެއްޔާ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އެ ޓީމުގެ ކުރީގެ ސްޓްރައިކަރު ތިއަރީ އޮންރީ ބުނެފި އެވެ.

ތިއަރީ ބުނީ އާސެނަލްއަށް ކޯޗުކަން ކޮށްދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. ނަމަވެސް ކޯޗުކަމާ ހަވާލު ވުމުގެ ކުރިން އެ ދާއިރާގެ އުކުޅުތައް ރަނގަޅަށް އުނގެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ތިއަރީ ވަނީ ފާހަގަ ކޮށްފަ އެވެ.

"އާސެނަލްގެ މެނޭޖަރަކަށް ވުމަކީ އަހަރެންގެ ހުވަފެނެއް. ނަމަވެސް ހަގީގަތުގައި ބުނާކަމަށް ވަންޏާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަން ރަނގަޅަށް އުންގެނުން،" ކޯޗުކަން މިހާރު ކިޔަވަމުންދާ ތިއަރީ ބުންޏެވެ. "ފުޓްބޯޅަ ކުޅެން އިނގުނަސް އެ ކުޅިވަރު ދަސްކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫން. އެކަން އަހަރެން ވަރަށް ރަނގަޅަށް އުނގެނެން ބޭނުން."

މިހާރު ސްކައި ސްޕޯޓްސްގައި މަސައްކަތް ކުރަމުންދާ ތިއަރީ އާސެނަލްގެ ބައެއް ޔޫތު ޓީމްތަކަށް މިހާރުވެސް ކޯޗުކަން ކޮށްދޭ ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ވަނީ މިދިޔަ ހަފްތާގައި ޔަގީން ކޮށްދީފަ އެވެ. އަދި އާސެނަލްގައި ތިއަރީ ކޯޗުކަން ކޮށްދިނުމަކީ އާސެނަލްގެ ޒުވާން ކުޅުންތެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެންގާގެ ކޯޗުކަމުގެ ދަށުން އާސެނަލް ވަނީ 98-1997 އާއި 02-2001ގެ ސީޒަންގައި އިނގިރޭސި ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގެ އެފްއޭ ކަޕްވެސް އާސެނަލް ކާމިޔާބު ކޮށްފައި ޥާއިރު، ފަހަކަށް އައިސް ވެންގާގެ ކޯޗުކަމަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ވެންގާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ތިއަރީ ވަނީ އޭނާ އާސެނަލްގެ ކޯޗުކަމުގައި ހުންނާނީ ކިހާ ދުވަހެއްކަން ނޭނގޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ވެންގާ އާނާއަށް އާސެނަލްގެ ކޯޗުކަން ހަވާލުކޮށްފި ނަމަ އެކަން ގަބޫލު ކުރާނެ ކަމަށް ތިއަރީ ވަނީ ބުނެފަ އެވެ.

"ވެންގާ ހިޔާލު ހުރިގޮތެއް، ނުވަތަ އާސެނަލްގެ ކޯޗުކާމާއި އޭނާ ހަވާލުވެ ހުންނާނެ މުއްދަތެއް ބުނާކަށް އަހަންނަކަށް ނޭނގޭ. އަހަރެންގެ އަމާޒަކީ ވެންގާ ބަދަލުވާ ދުވަހަކުން އާސެނަލްއާ ހަވާލުވެވޭ ވަރުގެ ފެންވަރާއި ތަޖުރިބާ ހޯދައިން ހުރި މީހަކަށް ވުން،" ތިއަރީ ބުންޏެވެ.

"އަހަރެން އާސެނަލް އަކަށް ނޫނެކޭ ނުބުނާނަން، އެހެން ކަމުން ބުނެވޭނީ އާނއެކޭ،" އާސެނަލްގެ ކޯޗުކަން ވެންގާ އޭނާއާ ހަވާލުކޮށްފިއްޔާ ކަންތައް ކުރާނެ ގޮތާމެދު ސުވާލު ކުރުމުން ތިއަރީ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު