ފަހު ވަގުތު ގާސިމް މައިދާނުން ގެއްލިއްޖެ!؟

މިއަދަކީ ދެ ވަނަ "23 ޑިސެމްބަރަށް" ވެދާނެ އެވެ. އެއީ އިދިކޮޅު އެންމެ ބޮޑު ދެ ޕާޓީ އެއްގަލަކަށް އަރައި ބޮޑު އެއްވުމަކަށް ތައްޔާރުވަވެފައި ވާތީ އެވެ. އެމްޑީޕީ-ޖޭޕީ ސަޕޯޓަރުން "އުތުރި އެރުމަކަށް" ދިއުމަށް ކެތްމަދުވެފައި ވާތީ އެވެ. ޑިމާންޑުތަކަކާ އެކު އިންޒާރުގެ މެޖެސުތައް ސަރުކާރަށް "ބަންޑު"ން ކުރަން ތައްޔާރުވެފައި ވާތީ އެވެ. ނަމަވެސް ސިޔާސީ މި ބޮޑު ހަރާކަތުގެ މޭސްތިރިން މިއަދުގެ މައިދާނުން ފެންނާކަށް ނެތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތަހުގީގީ ޖަލު ދޫނިދޫގައި ބަންދުކޮށްފަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ސްރީ ލަންކާގަ އެވެ. މިފަދަ ދުވަހެއްގައި ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވީ ކީއްވެގެންތޯ އެވެ؟

ގާސިމުގެ މިޒާޖުގައި ވެސް އެމަނިކުފާނަކީ ވަރަށް އިމޯޝަނަލް ބޭފުޅެކެވެ. ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ފަދަ އެއްޗެކޭ ވެސް ވިދާޅުވެދާނެ އެވެ. ކުރަން ޖެހުނު ކަމަކަށް އަމުރު ކުރެއްވުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ އެވެ.އެއީ ހިތްތިރި ކަމުގައި އަރާ ހުންނެވި ބޭފުޅެވެ. ގާސިމަކީ މިއަދުގެ އެއްވުމުގައި ކޮންމެހެން ހުންނަން ޖެހޭ ބޭފުޅެކެވެ.

"ސިޔާސީ ބޮޑު ރެލީތަކަށް ނުކުންނަވާއިރު، ވަރަށް ވަރުގަދައަށް ސެކިއުރިޓީ ވަރުގަދަ ކުރައްވާނެ [ގާސިމް]. އަމިއްލަފުޅަށް އެ ކަންކަން ރޭވިފައިވާ ގޮތް [ގާސިމް] ބައްލަވާނެ،" ގާސިމްގެ އަރިހުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

ސިޔާސީ ބައެއް އެއްވުންތަކަށް ވަޑައިގަންނަވާއިރު "ޑިޓެކްޓާ"ތައް ހަށިކޮޅުގައި ހަރުކުރައްވާ ކަމަށްވެ އެވެ. އެއީ ހަށިކޮޅަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްޗެއް އަރިހުގައި ހުންނަ ބޭފުޅަކު ގެއްގުޅެދާނެ ކަމުގެ ބިރައްޓަކަށެވެ.

ވެރިކަމަށް "ގުޑުން" އަރުވާލެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ މުޒާހަރާއަށް އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވަނީ ސަލާމަތެއް ނެތުމުންތޯ އެވެ؟ މުގުލުގައި ގާސިމް ހުންނެވުމުން އެފަދަ ކަމެއް ހިނގައިދާނެ ކަމަށް އެނގިވަޑައިގަންނަވާތީ، ޒިންމާ އުފުއްލަވަން ޖެހިލުންވެވަޑައިގަތީތޯ އެވެ؟

ސިފައިންނާއި ފުލުހުން ގުޅިގެން ރޭ އިއްވި ބަޔާނުގައި ބުނެފައި ވަނީ މިއަދުގެ އެއްވުމުގައި ހިނގާ ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހޭނީ އެއްވުމެއް އިންތިޒާމް ކުރާ ފަރާތަކުން ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ އިންޒާރު ދީފަ އެވެ.

ސަލާމަތީ ބާރުތަކުން ދިން އިންޒާރަށް ކިޔަމަން ނުވެއްޖެ ނަމަ "މަޅީގައި" ޖެދޭނީ ގާސިމެވެ. އެހެންވުމުން އެމަނިކުފާނު ރައްކާތެރިކަމުގެ ފިޔަވަޅަކަށް ގާދޫކޮލުން ވަޑައިގެންނެވުމުން "ސޭފްސައިޑް" އަށް ވަޑައިގެންނެވުނީ އެވެ.

ރާއްޖޭގެ ސިޔާސީ ހާލަތަށް ބޭރުގެ ފަރާތްތަކުގެ ލޯތައް އަމާޒު ކުރެއްވުމަށް ފުރައިވަޑައިގަތުމަށް މިދިޔަ ބުދަ ދުވަހު އެއާޕޯޓަށް ވަޑައިގެންވި އިރު ވެސް އެމަނިކުފާނު ހުންނެވީ ވަރަށް ބިރުންނެވެ. ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ތިލަވެފައިވާ "ވިލާ"ގެ ވާހަކައާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފާނެތީ އެވެ.

ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ، "ވިލާ"އިން ފަންޑްކޮށްގެން ކަމަށް ދައުލަތުން ބުނާ ވާހަކަތަކާ ގުޅިގެންނެވެ.

"ގާސިމް ފުރަން ދިޔަ ފަހު ވަގުތުގައި ވެސް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބީ އެމަނިކުފާނު ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް. ފުރައިގެން ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ހަގީގަތުގައި ނެތް،" ޖޭޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

ގާސިމް ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އެ ކުރަނީ އަސްލެއް ނެތް ސިޔާސީ ތުހުމަތުތަކެކެވެ. ނަމަވެސް "ސިޔާސީ ދައުވާތަކަށް" ބިރުން ފިއްލަވަނީ ކީއްވެގެންތޯ އެވެ. އެ ދައުވާތަކަށް ގާސިމް ވެސް ކޯޓަށް ގެންދަން ފެށުމުން ވާނީ މަގުބޫލުވާނީ އެ މަނިކުފާނު ނޯންތޯ އެވެ؟ ފަލަ ސުރުހީތަކަށް އެރުމުން ކޮންމެ ދުވަހު ރައްޔިތުންގެ ހިތުގައި އުފެދޭނީ ހަމްދަރުދީ އެވެ. ފައިސާއެއް ހަރަދު ކުރުމަކާ ނުލައި އިތުރަށް މަޝްހޫރު ވެގެންދާނީ އެވެ. ދެހާސް އަށާރައަށް ކެމްޕެއިން ފެށުނީ ކަމަށް ބަލާށެވެ.

ނަމަވެސް އެކަމާ ވެސް ކުރިމަތިލައްވަން ކެރިވަޑައިނުގަތުމުން ސުވާލުތައް ބަންޑުންވެ އެވެ. ދައުލަތާ ދެކޮޅަށް ރޭވުމެއް ރާވަން އުޅުނު ކަމުގެ ތުހުމަތުގެ ސުވާލެވެ.

ގާސިމާ އެކު ސްރީ ލަންކާއަށް ވަޑައިގެންނެވި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ލަންކާގައި ގާސިމް މަޑުކުރެއްވީ އެ ގައުމުގެ ރައީސް މައިތުރިޕަލާ ސިރިސޭނާއާ އެކު މިއަދު ބައްދަލު ކުރެއްވުމަށެވެ.

ސިރިސޭނާއާ އެކު ބާއްވާ ބައްދަލުވުމަށް ފަހު އެނބުރި މިއަދު ވަޑައިގަންނަވާނެ ވާހަކައެއް ވެސް ޖޭޕީއަކުން އަދި ހާމައެއް ނުކެ އެވެ. ސިޔާސީ މިފަދަ ބޮޑު އެއްވުމަކަށް އިދިކޮޅު ސަޕޯޓަރުން "ފައްކާވެފައި" ތިއްބާ ސިރިސޭނާއާ ބައްދަލު ކުރެއްވުމުން ގާސިމަށް މުހިއްމުވީ ކީއްވެގެންތޯ އެވެ؟ ސިރިސޭނާއާ ގުޅުން ބަދަހި ކުރަން މިއީ އެންމެ ރަނގަޅު ވަގުތުތޯ އެވެ؟ހާލަތާ ނުބައްދަލު ވާހަކަ ދައްކަން ފެށުމުން ދެން ޝައްކުގެ ތެރެއަށް ބަޔަކު "ގެނބޭނެ" އެވެ.

ރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ގާސިމް ވިދާޅުވީ މިއަދުގެ އެއްވުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު މިއަދު ދިމަލެއް ނުވެ އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ ގާސިމް މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ތެރެއިން އެތައް ބަޔަކު މާލެއަށް ޖަމާވެ، މަގުމައްޗަށް ނުކުންނަން އިދިކޮޅު ސަޕޯޓަރުން ތައްޔާރުވެފައި ތިއްބާ، ގާސިމް މިއަދު މި ވަނީ މައިދާނުން ގެއްލިފަ އެވެ. ހަމަނުޖެހުމެއް ހިނގައިފި ނަމަ ހުރިހާ ވެސް ގެއްލުމެއް ލިބޭނީ ކުރީ ސަފުގައި ތިބޭ އެކްޓިވިސްޓުންނަށެވެ. ގޮޅިއަށް ފެތޭނީ ފިކުރުގެ ދިފާއުގައި ނުކުތް ރައްޔިތުންނެވެ. ޖިނާއީ ތުހުމަތަށް ޝަރީއަތް ކުރަނީ ނޫކަށި ފުރައިގެ ޒުވާނުންގެ މައްޗަށެވެ. ބޮޑުން ފިލީ އެވެ. ހުރިޙާ ވެސް ގެއްލުމެއް އެންމެ އާދައިގެ މީހުންނަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް