27 ފެބްރުއަރީ: ސަރުކާރަށް ލޮޅުން އަރުވައިލެވޭނެތަ!؟

ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައިދިން ޖޭޕީން އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރާ ދެކޮޅަށް ފެށި ހަރަކާތާއެކު ސިހުން ގެނުވާފަދަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ދިޔައީ ސިގްނަލްތައް ދެމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަކާތް މި އޮތީ މިއަދު އެވެ. އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މިއަދަށް ރޭވި އެއްވުމަކީ ސަރުކާރު "ސައިޒަށް" ލުމުގެ ޝިއާރާއެކު ރާވަމުން އައި ރޭވުމެކެވެ. މިހަކާތް މި އޮތީ އެތައް ސުވާލެއްގެ ތެރޭގަ އެވެ. ކިހާވަރެއްގެ ސައިޒެއް ކުރެވޭނެތޯ ކުރެވޭ ބޮޑު ސުވާލެވެ. ސުވާލަކީ މިއަދު ވެރިކަން ވައްޓަން ހަރަކާތްތަކެއް ހިންގަނީތޯ އެވެ؟ ނޫނީ ހަމައެކަނި އަޑުއުފުލާލުމެއް ތޯ އެވެ؟

އެމްޑީޕީ-ޖޭޕީން މިއަދު ބާއްވާ އެއްވުމުގެ ހިނގައިގެން ދާނެ ކަންތައްތަކާ ގުޅޭގޮތުން އެ ދެ ޕާޓީގެ ފަރާތުން ރަސްމީކޮށް އެއްޗެއް ހާމައެއްކޮށްފައެއް ނުވެ އެވެ. "ކޮންމެ ފަދަ ގޮތަކަށްވެސް ބަދަލުވެދާނެ" މި ނޫން ޖަވާބެއް ނުލިބުނެވެ. އެކި ފަހަރު މަތިން އެ ދެ ޕާޓީގެ އިސްވެރިންނާއި އިސް އެކްޓްވިސްޓުންގެ ފަރާތުން ވެސް އެކަން ސާފުކޮށްލުމަށް އަހާލުމުން ލިބޭ ޖަވާބަކީ "އަދި އެކައްޗެއް ވެސް ނާންގާ" މިއެވެ. އެހެންކަމުން މި ހަރަކާތް މިއުޅެނީ ވަރަށް ސިއްރުކޮށްގެންތާ އެވެ.

އެތެރެ ހޯދަން މަސައްކަތްކޮށް ނަތީޖާއެއް ނެރެލާނަމެވެ. މިހާތަނަށް އެންމެންނަށް އެނގޭ އެއްޗަކީ އެ ބުނާ ބޮޑުއެއްވުން ރަސްމީކޮށް ފެށުމަށް ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން ރާޅުގަނޑެވެ. ނަމަވެސް މިއަދު ހެނދުނުން ފެށިގެން ސިލްސިލާ މުޒާހަރާތައް ފެށުމަށް ބައެއް އެކްޓުވިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެއަކަސް ހަވީރަށް ރާޅުގަނޑަށް އެއްވުމަށް ބުނަމުންދާއިރު މަގުތަކަށް ނުކުންނާނެ ކަމަށް ބެލެވެނީ އެއްވާ މީހުންގެ އަދަދަށް ބަލާފަ އެވެ. އެއެއްވުމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސްވެރިން ބައިވެރިވާނެ އެވެ. އެއްވާ މީހުންގެ އަދަދު ބޮޑުނަމަ ދެތިން ބަޔަކަށް ބަހާލައިގެން މާލޭގެ އެކި ދިމާދިމަލަށް ފޮނުވުމަށް ވެސް ނިންމާފައިވާ ކަމަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ. އެ ބުނާ މިންގަނޑަކަށްވުރެ އެއްވާ މީހުން މަދުނަމަ ބާއްވާނީ ހަމައެކަނި ހިނގާލުމެކެވެ. އެބޭފުޅުންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ފުލުހުން މަގު ބަންދުކުރާ ސަރަހައްދަކަށް ގޮސް އެސަރަހައްދެއްގައި ތިބެ ޝުއޫރު ފާޅުކުރުން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އޭގެ ތެރެއިން ބައެއް އެކްޓުވިސްޓުން ލޭކެކުން އެކަށިގެންވެ އެވެ. އެއީ ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަކަށްދާނެ ކަމެކެވެ.

މިއަދު ބާއްވާ އެއްވުމަށް އަތޮޅުތެރޭ އެކި ސަރަހައްދުތަކުން މާލެއަށް ބަޔަކު ވަނީ އައިސްފަ އެވެ. ބައެއް ކުންފުނިތަކުގެ ލޯންޗު ފަހަރުގައި ވެސް މީހުން ވަނީ ގެނެސްފައިވެ އެވެ. ހަމައެހެންމެ މާލެ ދަތުރުކުރާ އެތައް އޮޑިއެއްގައި މިއަދުގެ އެއްވުމަށް މީހުން މާލެ އައިސްފައިވެ އެވެ. ބައެއް މަސްދަރުތަކުން ޔަގީންކޮށްދޭ ގޮތުގައި ދެތިން ހާހެއްހާ މީހުން މިއަދަށް ދިމާކޮށް މާލެއަށް އައިސްފައިވާކަން ޔަގީނެވެ. އަތޮޅުތެރެއިން އިތުރުން މާލޭގައި ތިބި އެ ދެ ޕާޓީގެ ސަޕޯޓަރުން މުޒާހަރާއަށް ގެންދިއުމަށް އެތައް ގޮތަކުން މަސައްކަތްތައް ކުރެވޭތާ ދުވަސްތަކެއްވެއްޖެ އެވެ. މިކަންކަމަށް ބަލާފައި މިއަދުގެ އެހެން އެއްވުންތައް ފަދައިން ބައިބޯ އެއްވުމަކަށް ވާނެކަމަށްބެލެވެ އެވެ.

މާލޭގެ މަގުތައް މަތީ ޝުއޫރު ފާޅުކުރުމަށް ނިންމާފައިވުމުގެ އިތުރުން ސަރުކާރާއި ދެކޮޅަށް ދެން މާގިނަ ކަންތައްތަކެއް ކުރާނެ ކަމުގެ އިޝާރާތެއް އަދި ފެނިފައެއްނުވެ އެވެ. ރޭވުމެއްގެ ވާހަކަ ވެސް ކުރި މަސައްކަތަކުން ނުފެނުނެވެ. އެނގޭ ގޮތުގައި މައިގަނޑު އަމާޒަކަށް ވާނީ ހަމަ ޝުއޫރު ފާޅުކުރުމާއި ރައީސް ނަޝީދާއި ނާޒިމް ދޫކޮށްލުމަށް ގޮވުމެވެ. މުޒާހަރާތަކުގައި ކުރިން ޑިމާންޑު ނުކުރާ ކަންތައްތަކަށް ޑިމާންޑުކުރުން އެކަށީގެންވެ އެވެ. ދެން މިސަރުކާރު އިސްތިއުފާއަށް ގޮވުމެވެ. ނަމަވެސް މަގުތައް ބަންދުކޮށްފައިވާ ސަރަހައްދުތަކުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގުން އެކަށީގެންވެ އެވެ.

"ވެރިކަމެއް ނުވެއްޓޭނެ، ރައީސް ވަހީދު ގިނިކަންޔާ ހުންނެވިއިރު އެތައް މުޒާހަރާއެއްކޮށް ނުވެއްޓުނުއިރު ކިހިނެއް މިއަދު ވެރިކަން ވައްޓާނީ، މިއަދު ސަރުކާރުގައި އެބައޮތް މަޖިލިސް މެޖޯރިޓީ ދެން ކިހިނެއްތޯ، އެއެއްވުމަކީ ހަމަ ބޮޑު ފެއިލްވުމެއް،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ ދެ ޕާޓީގެ ރޭވުމާއި އެހެނިހެން ހާލަތްތަކަށް ބަލާއިރުވެސް މިއަދުގެ އެއްވުމަކީ މާކަ ބޮޑު ނަތީޖާއެއް ނެރެވޭ އެއްވުމަކަށް ނުވެދާއެވެ. ވެރިކަން ބަދަލުވުމުގެ ޕުރެޝަރެއް ދެވޭނެ ހެނެއް އަދި އެކަން ކުރުމުގެ މާކަބޮޑު ވިސްނުމެއް އެދެ ޕާޓީއިން ގެންގުޅޭ ކަމަކަށްވެސް ނުފެނެއެވެ. އެހެންކަމުން މިއީ ވެރިކަން ވައްޓާލުމަށް އެއްވާ އެއްވުމަކަށްވުރެ ވެރިކަން ކުރާ ފަރާތްތަކަށް ޕުރެޝަނެއް ދިނުމަށް ބާއްވާ އެއްވުމަކަށްވެދާނެ އެވެ. ހުދު އެކަން އެ އެއްވުން ރާވާ ބައެއް ފަރާތްތަކުގެ ވާހަކައިން ވެސް އެނގެއެވެ.

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ ވެރިކަން ބަބަދުކުރެވޭނެ އުސޫލް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން މިއަދު ގާސިމް ވެރިކަމުގެ ހުވާ ކުރައްވާނެ ކަމަށް "ގޮވުމަކީ" އަނިޔާވެރި ރޭވުމެއްގެ ސިގުނަލެއް ކަމަށެވެ.

ކޮންމެއަކަސް މިހާރަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މިއަދު ބާއްވާ އެއްވުމަކީ އެހެން ސިޔާސީ އެއްވުންތައް ފަދައިން ހަމައެކަނި ޝުއޫރު ފާޅުކުރުމުގެ ހަރަކާތަކަށް ނޫނީ ނުވާނެއެވެ. އޭގެ އިތުރުން އިތުރު ހަމަނުޖެހުންތަކެއް ހިނގަން ދިމާވާނެ ހަމައެކަނި ސަބަބެއް ކަމަށް ބެލެވެނީ އެމުޒާހަރާއާ އިދިކޮޅު ފަރާތްތަކުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމެވެ.

ކޮންމެއަކަސް މި ބެލެވެނީ މިއަދުގެ އެއްވުމަކީވެސް ހަމައެކަނި ޝުއޫރު ފާޅުކުރުމުގެ ހަރަކާތަކަށް ނޫނީ ނުވާނެ ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ދުރާލާ ރާވައިގެން ބާއްވާފައިވާ އެއްވުންތަކުން ހަމަ ނުކުންނަނީ އެ ނަތީޖާއެވެ. މިފަހަކަށް އައިސް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށްވާ 23 ޑިސެމްބަރު އިއްތިހާދުގެ އެއްވުމާއި އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައުމުން ބޭއްވި އެއްވުންތައް ވެސް ނިމިފައި ވަނީ މިބުނި ގޮތަށެވެ. ތާރީހަށް ބަލާއިރު ބޮޑެތި ސިޔާސީ ހަލަބޮލިކަންތައްތަކެއް އައިސްފައި ވަނީ ރޭވުމެއް ނެތި ކުއްލިއަކަށް ބާއްވާ އެއްވުންތަކެވެ. ނަޝީދުގެ ވެރިކަން ނިމުމަކަށް އައި "ހަތެއް ފެބުރުއަރީ"ގެ އެއްވުމާއި މަޝްހޫރު "ބާރަ، ތޭރަ" ގެ އެއްވުމަކީވެސް ހަމަ ކުއްލިއަކަށް އައިސްފައިވާ އެއްވުންތަކެވެ.

ނަމަވެސް މިއަދުގެ ބޮޑު އެއްވުމުގެ މުގުލުގައި ތިބި ދެ ލީޑަރުން މައިދާނުން ފެންނާކަށް ނެތެވެ. ރައީސް ނަޝީދު ހުންނެވީ ތަހުގީގީ ޖަލު ދޫނިދޫގައި ބަންދުކޮށްފަ އެވެ. ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޮބައިތޯ އެވެ. މިދިޔަ ބުދަ ދުވަހު ލަންކާއަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިނުގަންނަވަ އެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މަސްރަހު ކިޔައިދިނުމަށް އެމަނިކުފާނާއެކު އެ ދަތުރުގައި ބައިވެރިވި އެހެން ބޭފުޅުން މާލެ ވަޑައިގެންފި އެވެ.

ގާސިމް ރާއްޖެ ވަޑައިނުގަންނަވަނީ އެއްވުމުގެ މިސްރާބު "ނުކިއްސަރުކޮށް" ހިނގައްޖެނަމަ އޭގެ ޒިންމާ އެމަނިކުފާނު އުފުލަންޖެހޭތީބާވަ އެވެ. ހިނގައިދާނެ ކަމަކަށް ކުރިމަތިލައްވަން ކެރިވަޑައި ނުގަންނަވާތީތޯ އެވެ. ނޫނީ ފޮރުވިފައިވާ "އެޖެންޑާއެއް" އޮތީ ބާވަ އެވެ.

މިއަދުގެ އެއްވުން ހާއްސަވާ އެހެން ސަބަބެއް އެބަވެއެވެ. އެއީ ސަލާމަތީ ބާރުތަކުން ވެފައިވާ ތައްޔާރީއެވެ. މުޒާހަރާއާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ބޭނުންކުރާ ހަތިޔާރުތައް މިވަނީ ޓެސްޓުކޮށްފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން މިވަނީ މުޒާހަރާއަށް ތައްޔާރުވެފައިވާ ކަމުގެ އެތައް ހެއްކެއް ދައްކާލާފައެވެ. އެހެންމަކުން މިމުޒާހަރާ ވަރަށް ސީރިއަސްކޮށް ފުލުހުން ނަގަމުން އަންނަ ކަމަށް ބެލެވެއެވެ. ފުލުހުން ބުނީ މިއަދު ބޭއްވުމަށް ނިންމާފައިވާ އެއްވުމުގައި މާލޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މުޒާހަރާގައި ސުލްހަވެރިކަމުގެ ސިފަ ގެއްލިގެން ހިނގައްޖެނަމަ، ގާނޫނީ ހަމަތަކުގެ މަތިން ރޫޅާލާނެ ކަމުގައި ވެސް ދަންނަވަން. މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން އެފަދަ ވަގުތުތަކުގައި ފަރުދީ ޒިންމާ ނަގަންޖެހޭނެ ކަމުގައި ވެސް ދަންނަވަން،" ސިފައިންނާއި ފުލުހުން ރޭ އިއްވި ބަޔާނުގައިވެ އެވެ.

ކޮންމެއަކަސް މުޒާހަރާ މިއޮތީ މިއަދު ހަވީރެވެ. އެއްބަޔަކު ބުނާގޮތުން މިއީ ވެރިކަން ބަދަލުކުރުވާނެ އެއްވުމެކެވެ. ނަމަވެސް ތައްޔާރީ ތަކާއި އެކަން އިންތިޒާމް ކުރި ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު އެކަން ވާނެ އަލާމާތެއް ނުފެނެއެވެ. މިހާތަނަށް ފެންނަން އޮތް ހަގީގަތީ މިއަދު ބާއްވާ އެއްވުމަކީ ހަމަ އެކަނި ޝުއޫރުތަކަށް ބަރޯސާ ވެފައިވާ ސިޔާސީ އެއްވުމެއްކަމެވެ. ސިޔާސީ މާ ފައިދާތަކެއް ނެގިދާނެ ކަމަށް އަދި ނުފެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް