އަޅުވެތިވުމަށް ގޮވުން ހުއްޓުވަންޖެހިފައި!

ދުވަސްވީ މީހުން ބުނެއެވެ. ދެމަފިރިން ދޭތެރޭ ނުވަތަ އާއިލީ މައްސަލަތައް ވެސް ނުވަތަ ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ވެސް ހައްލުކުރަން ޖެހޭނީ އެބައެއްގެ ތެރޭގައި ވާހަކަ ދެކެވިގެންނެވެ. އޭގެ ތެރެއަށް ވަންނަން ދުރުގައި ތިބި އެހެން ބަޔަކަށް ފުރުސަތު ދޭންވެއްޖެ ނަމަ އެއީ މައްސަލަ އިތުރުވާނެ ކަމެކެވެ. ނުވަތަ އެއީ ރުޅިގަނޑު އަންދަން އިތުރަށް އެޅޭ ދަރަކަށް ގިނަ ފަހަރަށް ވެއެވެ. އެހެންކަމުން އެބައެއްގެ ތެރޭގައި ޖެހޭ މައްސަލައެއް ހައްލު ކުރަންވާނީ އެބައެކެވެ. އާއިލާއެއް ވިޔަސް ދެމަފިރިން ވިޔަސް އަދި ގައުމެއް ވިޔަސް އެކަން އޮންނަން ވާނީ އެއުސޫލުގެ މަތިންނެވެ.

އެބުއްދީގެ ބަސް އެހެން އޮތްނަމަވެސް މިގައުމުގައި ކަން ކުރެވެމުންދަނީ ދިމާ އިދިކޮޅަށެވެ. ކިރިޔާ ކަމެއް ވާއިރަށް އެވާހަކަ ހިފައިގެން "ކުޓުވަން" ބޭރުގެ ފަރާތްތަކުގެ ކައިރިއަށް ދުވާ މަންޒަރު ނޫން މަންޒަރެއް ނުފެނެއެވެ. އެއާއެކު ދެންއުޅޭނީ ދުނިޔެމަތީ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ރާއްޖެ "ނަރަކަ" އެއްގެ ގޮތުގައި ސިފަކުރުމަށެވެ. ނުވަތަ މިއީ އެއްވެސް ރައްކާތެރިކަމެއް ނެތް ތަނެއްކަން ދެއްކުމަށެވެ. އެއާއެކު ދެން ގޮވާނީ ޓޫރިޒަމް ބޮއިކޮޓުކުރުމަށެވެ. ނަތީޖާ އަކަށް ވަނީ ނިކަމެތި ރައްޔިތުމީހާއަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.

މިހާރު މިރާއްޖޭގައި އުފެދިގެން މިއުޅޭ ހަލަބޮލި ކަމުގައިވެސް ކަން ހިނގަނީ މިގޮތަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާއެކު ހަމަ އެލަވަ ވަނީ ކިޔަން ފަށާފައެވެ. ދޮގު ތުހުމަތު ތަކެއްގައި ނާޒިމް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކަށް ނާޒިމްގެ އާއިލާއިން ފޮނުވާފައިވާ ސިޓީގައިވެސް ހަމަ އެއްކަލަ ދައުވަތު ދަނޑިވަޅަށް ބަލަންތިބި ފަރާތްތަކަށް އެވަނީ ދީފައެވެ. އެއީ މިސަރުކާރުން ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި ސިޔާސީ ހުތުރު އުކުޅުތަކުން ވެރިކަން ކުރިޔަ ނުދޭން ބޭރުގެ ފަރާތްތަކުން ބާރުއަޅައިދިނުމަށް އެދުނީއެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީ ވެރިކަމުގެ އެކިކަންކަމަށް ބާރު އަޅައިދިނުމަށް ބުނުމުގެ ކުރިން ރާއްޖެއިން އެކަންކަން ހައްލު ކުރަން އުޅުން މާ ބުއްދިވެރި ނޫންތޯއެވެ؟ ހައްގު ހޯދުމަށް ދެވެން އޮތް މުއައްސަސާތަކަށް ގޮސް އެކަމާ އުޅުން މާ އައުލާކަން ބޮޑެއް ނޫންތޯއެވެ؟ ކުށްނުކުރާކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އެބައޮތެއްނޫން ތޯއެވެ؟ ބޭރުގެ ބަޔަކަށް އެދައުވަތު ދީގެން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ނަމަވެސް ފަހަރެއްގައި ރާއްޖޭގެ ކަންކަމާއި ބެހެން ބޭރުގެ ފަރާތްތަކަށް ފުރުސަތެއް ލިބިދާނެއެވެ.

ވެރިކަމުގެ ކޯޅުންތަކާއި ސިޔާސީ އެދުންވެރިކަމުގެ ބޭނުމުގައިވެސް މިރާއްޖޭގައި ފެންނަން އޮންނަނީ ހަމަ ކޮންމެ ކަމެއް ވާއިރަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދޭތަނެވެ. ނުވަތަ އެކަންކަމަށް އެދި ސަލާންޖަހާ މަންޒަރެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާއި ގުޅިގެން ވެސް އިވެނީ އެވާހަކަތަކެވެ. އެމަންޒަރު މިއަދު ވެސް ރާއްޖެއިން ފެންނަމުންދާއިރު އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް އެބަކުރެއެވެ. ރާއްޖެއަށް އެހެން ގައުމުތަކުގެ އަސްކަރިއްޔާއިން އައުމަށް ދެވޭ ދައުވަތަކީ ހަމަވިސްނުން ވިސްނޭ ބަޔަކު ކުރާނެ ކަމެއް ނޫންކަން ޔަގީނެވެ.

"ހަގީގަތުގައި އެހެން ގައުމެއްގެ ސިފައިން ރާއްޖެ އަށް އައުމަށް ގޮވުމަކީ ވަރަށް ނުރައްކާކަމެއް. ހާއްސަކޮށް ގައުމު މިހާލަތުގައި އޮއްވައި ހެޔޮ ނުވާނެ އެހެން ވިދާޅުވާކަށް. އަޅުވެތިވުމަށް އަހަރެމެން އަމިއްލަ އަށް ކޮށާ ދެވޭ މަގެއް އެއީ،" ވިހި އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ކުއްލިއަކަށް އިނގިރޭސިވިލާތާއި ކެނަޑާއިން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ސަމާލުވުމަށް އެންގި އެންގުމަކީވެސް މީގެ ހެއްކެކެވެ. ހަމަ ގެއްލުންވާނީ ނިކަމެތި ރައްޔިތުމީހާ އަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެފަދަ ކިތަންމެ ގެއްލުމެއް ރާއްޖެއަށް އެފަދަ ދައުވަތު ތަކުގެ ސަބަބުން ވެފައި އެބަހުއްޓެވެ. އިގްތިސާދަށް އެތައް ގެއްލުމެއް ލިބިފައިވެއެވެ.

މިއީ ކުޑަގައުމެކެވެ. މުއްސަންޖެއް ވެސް ނޫނެވެ. ނަމަވެސް އެހެން ގައުމުތަކުން މިތަނަށް ވެރިވާން ބޭނުންވާ ސަބަބުތައް ގިނަ އެވެ. އޭގެ ތެރޭގައި މިއީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއި މާތްﷲ ގެ އިރާދަފުޅުން މިގައުމަށް ދެއްވާފައިވާ ގުދުރަތީ ވަސީލަތްތަކާއި ގުދުރަތީ މުއްސަނދިކަން ހިމެނެ އެވެ. އެގޮތުން ޓޫރިޒަމް އާއި މަސްވެރިކަމާއި މިގައުމުގެ ގުދުރަތީ ރީތި ކަމީ ބައެއް ގައުމުތަކަށް ހަޖަމް ކޮށްލެވޭވަރު ކަންކަމެއް ނޫނެވެ. މިތަން މިއޮތީ ވެސް ކަނޑުމަގުން ގިނަ ދަތުރުތަކެއްކުރާ މަގެއްގަ އެވެ. މިއީ އޭޝިއާގައި ވެރިކަން ކުރަން އުޅޭ ގައުމުތަކަށް މިތަން މުހިންމުވާ ބައެއް ސަބަބެވެ. އެފަދަ ދައުވަތު ތަކުގެ ސަބަބުން މިގައުމަށް ދަހިވެތިވެފައިވާ ފަރާތްތަކަށް އެދެވެނީ ނުކިއްސަރު ދައުވަތެކެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ހިނގަމުން އަންނަ ކަންތައްތަކުގައި ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ގޮތް ކިޔައި ނުހެދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފަހުން މިއޮތީ އާ ގާނޫނު އަސާސީއެއް ލިބިފައި. ބާރުތައް ވަކިވެފައި. އެކި މުއައްސަސާތަކުގެ ޒިންމާތައް ވެސް ވަރަށް ސާފުކޮށް އެބަ އެނގޭ. އެހެންވީމާ އެ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ޒިންމާތައް ހަމަ އެކަށީގެންވާ ގޮތަށް ނަގަމުން ގެންދަވާނެ ކަމުގެ ފުލް ކޮންފިޑެންސް އޮތް ވާހަކަ އަޅުގަނޑު ބޭރު ދުނިޔެއަށް ދަންނަވާލަން ބޭނުންވޭ." ދުންޔާ ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތަކަށް ދެވޭ ދައުވަތު ތަކަކީ ތާރީހަށް ބަލާއިރު ވެސް ވަރަށް ބިރުވެރިކަމެކެވެ. ރާއްޖޭގެ ތާރީހުގެ ފަތްފުށްތައް ހުޅުވައިލުމުން މިފަދަ ކިތަންމެ އަނދިރި ހާދިސާތަކެއް ފެނެ އެވެ. ޕޯޗުގީޒުންނާއި މަލާބާރީން ރާއްޖެ އަޅުވެތި ކުރި އެވެ. އެވެރިން ރާއްޖޭގައި ވެރިކަން ކޮށްފައި ވަނީ އިންތިހާއަށް އަނިޔާވެރިކޮށެވެ. 1988 ގެ މަޝްހޫރު ނޮވެމްބަރު ތިނެއްގެ ހަނދާން ތައް ވެސް އަދި ހުރީ ތާޒާކަންމަތީގަ އެވެ. އެއިގެން ކޮންމެ ފަހަރެއްގައި ވެސް އެކަމުގެ މުގުލުގައި ތިބީ ދިވެހިން ކަން އެގެން އޮންނާތީ ތާރީހުގެ ވާހަކަ ދައްކަން ލަދުވެތިވާހައި ވެއެވެ. އެއީ ހިތާމައެކެވެ. އެފަދަ ދިވެހިން އަދުވެސް ތިބި ކަމީ އަދި ވަކިން ބޮޑު ހިތާމަ ލިބޭ ކަމެކެވެ. އުނދަގޫ ކޮންމެ ވަގުތެއްގައި އެމީހުން އެބަ ފާޅުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް