ވޯލްޑް ސާފިންގް ލީގުގެ ކޮލިފައިން ސީރީސް ރާއްޖޭގައި

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސާފިންގް މުބާރާތް ކަމަށްވާ ވޯލްޑް ސާފިންގް ލީގުގެ ކޮލިފައިންގް ސީރީސްއެއް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ސާފިންގް އެސޯސިއޭޝަންގެ ރައީސް އަހުމަދު އަޒްނީލް ވިދާޅުވެއްޖެ އެވެ.
އަޒްނީލް ވިދާޅުވީ ރާއްޖޭގައި ބާއްވަން ވިސްނާ ކޮލިފައިންގް ސީރީސްއަކީ ސިކްސް ސްޓާ އިވެންޓެއް ކަމަށެވެ. އަދި އެއީ އޭޝިއާ ސަރަހައްދުގައި ވެސް މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު އެއް ސާފިންގް މުބާރާތް ކަމަށް އަޒްނީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވޯލްޑް ޗެންޕިއަންޝިޕްގެ ކޮލިފައިންގް ސީރީސް ރާއްޖޭގައި ބޭއްވޭތޯ. އެއީ ދުނިޔޭގައި މިހާރު ތިބި އެންމެ މަތީ ފަންތީގެ ސާފަރުން ވެސް ބައިވެރިވާނެ މުބާރާތެއް، ލަފާ ކުރެވޭ ގޮތުގައި އެ މުބާރާތުގައި މުޅި ދުނިޔެއިން 123 އަށްވުރެ ގިނަ ސާފަރުން ބައިވެރި ވާނެ. އެ މުބާރާތް ރާއްޖޭގައި ބޭއްވިއްޖެ ނަމަ އެއީ އޭޝިއާ ސަރަހައްދުގައި ވެސް މިހާތަނަށް ބޭއްވިގެން ދާނެ އެންމެ މަތީ ފަންތީގެ މުބާރާތަށް ވާނެ،" އަޒްނީލް ވިދާޅުވި އެވެ.

އަޒްނީލް ވިދާޅުވީ އެ މުބާރާތް ބާއްވަން އަދި ހަމަޖައްސާފައި ވަނީ މި އަހަރުގެ ޖުލައި 18 އިން 24 ހަށް ކަމަށެވެ. އަދި އެ މުބާރާތުގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރާ ވެސް ގުޅިގެން ކަމަށް އަޒްނީލް ވިދާޅުވި އެވެ.

"އެ މުބާރާތް ކުރިއަށް ގެންދަން އަޅުގަނޑުމެން ވިސްނަނީ ސަރުކާރުގެ ވީހާ ވެސް ބޮޑު އެހީތެރި ކަމަކާ އެކު. އެ މުބާރާތާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ފަދަ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާތައް ކުރަމުން. މި މުބާރާތަކީ ހަމައެކަނި ރާޅާއެޅުންތެރިންނަށް ފައިދާ ހުރި މުބާރާތެއް ނޫން، މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ،" އަޒްނީލް ވިދާޅުވި އެވެ.

މި އަހަރު ތެރޭ މެލޭޝިއާގެ ޓިއަމަން އައިލެންޑްސްގައި ބޭއްވި ޓިއަމަން ފެސްޓިވަލްގައި ޜާއްޖޭގެ ބޯޑަރުން ރަން ވަނަތަކެއް ހޯދާފައިވާ އިރު، އަޒްނީލް ވިދާޅުވީ ރައްޖޭގައި ބާއްވަން މަސައްކަތް ކުރަމުން ގެންދާ ވޯލްޑް ކޮލިފައިންގް ސީރީސްގައި ރާއްޖެއިން ބައިވެރިވާ ރާޅާއެޅުންތެރިންގެ އަދަދު އަދި ފައިނަލް ނުކުރާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު މުބާރާތެއް، މިއީ ބައިނަލްއަގްވާމީ އެންމެ ބޮޑު ސާފިންގް މުބާރާތުގެ ކޮލިފައިންގް ސީރީސް. އެހެން ކަމުން މި މުބާރާތުގައި ރާއްޖެ އިން ވާދަކުރާ ސާފަރުންގެ އަދަދު އަޅުގަނޑުމެނަށް މިވަނީ ލިމިޓު ކުރަން ޖެހިފައި. އަޅުގަނޑުމެން މި ބަލަނީ މިދިޔަ އަހަރު ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ހަތަރު ބޯޑަރުން މި މުބާރާތުގައި ޜާއްޖޭގެ ފަރާތުން ބައިވެރި ކުރަން، ނަމަވެސް އަދިވެސް އެ އަދަދު އިތުރު ކުރެވޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އަޒްނީލް ވިދާޅުވި އެވެ.

އޭގެ އިތުރުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސާފިންގް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވާކަމަށާއި، އެ ޖަލްސާއަށް ފަހު އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އިއުލާނު ކުރާނެ ކަމަށްވެސް އަޒްނީލް މައުލޫމާތު ދިނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު