މުޅިން އާ މުބާރާތަކާ އެކު އެމްބީބީއޭގެެ އަހަރީ ކަލަންޑަރު އިއުލާނު ކޮށްފި

'ބަނޑުފިލާ ބޮޑީބޯޑިން ޗެލެންޖް 2015'ގެ ނަމުގައި މުޅިން އާ މުބާރާތަކާ އެކު ރާއްޖޭގެ ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަހަރީ ކަލަންޑަރު އިއުލާނު ކޮށްފި އެވެ.

'ބަނޑުފިލާ ބޮޑީބޯޑިން ޗެލެންޖް 2015' ބާއްވަން ހަމަޖެހިގައި ވަނީ މި އަހަަރުގެ ފަހުކޮޅު އޮކްޓޯބަރު 16 އިން 22 އަށް މާލޭގައެވެ. އެ މުބާރާތުގެ އިތުރުން އެމްބީބީއޭއިން ވަނީ މި އަހަރުތެރޭ އިތުރު ހަތަރު މުބާރާތެއް ބާއްވަން ތާވަލް ކޮށްފައެވެ.

މި އަހަރުގެ މާޗް 21 އިން 28 އަށް އެމްބީބީއޭއިން މި އަަހަރުގެ ސީޒަން ހުޅުވާ މުބާރާތެއްގެ ގޮތުގައި ނިންމާފައިވާ ވަނީ 'ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖް 2015' އެވެ. އަދި މެއި އަށަކުން 12 އަށް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެއް ކަމަށްވާ 'މޯލްޑިވްްސް އޯޕަން 2015' ބާއްވަން ނިންމާފައި ވާއިރު، އެ މުބާރާތުގެ ތާރީހު ބަދަލުވެދާނެ ކަމަށް އެމްބީބީއޭއިން ވަނީ ބުނެފައެވެ.

އަހަރުގެ ފަހު ކޮޅު އެމްބީބީއޭއިން ބާއްވަން ތާވަލް ކޮށްފައިވާ މުބާރާތްތަކަކީ އޯގަސްޓް ފަހަކުން 15 އަށް 'އޭޕީބީ މޯލްޑިވްސް ޕްރޯ 2015' އާއި ބަނޑުފިލާ ޗެލެންޖުގެ އިތުރުން 'އަދަހުކުރު ގޮންޖެހުން 1437' ކެވެ. އަހަރުގެ ސީޒަން ނިންމާ މުބާރާތެއްގެ ގޮތުގައި އަދަހުކުރު މުބާރާތް ބާއްވަން ކަނޑައަޅާފައިވާ ތާރީޚަކީ ޑިސެމްބަރު 11 އިން 18 އަށެވެ.

ރާއްޖޭގައި ބާއްވަން ތާވްލްކޮށްފައިވާ މުބާރާތްތަކުގެ އިތުރުން މިފަހަރު ރާއްޖޭގެ ބޯޑަރުން ވަނީ އޮސްޓްރޭލިއާގައި ބާއްވާ 'ޖެފް ވިލްކޮކްސް މެމޯރިއަލް 2015' ގައިވެސް ބައިވެރިވާ ގޮތަށް ނިންމާފައެވެ. މި އަހަރުގެ ކުރީކޮޅު މެލޭޝިއާގައި ބޭއްވި ޓިއަމަން ފެސްޓިވަލްގައިވެސް ރާއްޖޭގެ ބޮޑީ ބޯޑަރުން ބައިވެރިވެފައި ވާއިރު، އެ މުބާރާތުގެ ކެޓަގަރީތަކުން ރާއްޖޭގެ ބޯޑަރުން ވަނީ ރީތި ނަންތަކެއް ރާއްޖެއަށް ހޯޑަދީފައެވެ.

މުބާރާތްތަކުގެ އިތުރުން މިއަހަރުގެ އޭޕްރިލް މަހު ލ. އަތޮޅުގައި ވައިޑީޕީ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާއިރު، މެއި މަހުގެ ތެރޭ އިންސްޓްރަކްޓަރު އަދި ކޯޗިން ކޯހެއްގެ އިތުރުން އޯގަސްޓުގައި އިންޓަނޭޝަނަލް ޖަޖިން ކޯހެއްވެސް ހިންގަން ވަނީ ނިންމާފައެވެ. އަދި އަހަރުގެ އާތު ޑޭ އާއި ބައޯޑައިވާސިޓީ ޑޭ ގެ އިތުރުން އިތުރު ތިމާވެއްޓާ ބެހޭ ދުވަސްތައް ފާހަގަކޮށް، އޭގެ އިތުރުންވެސް ހޭލުންތެރި ކަމުގެ ހަރަކާތްތަކެއް ވަނީ ހިންގަން ނިންމާފައެވެ.

އެމްބީބީއޭގެ އަހަރީ ހަރަކާތްތަކާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެމުން އެމްބީބީއޭގެ މީޑިއާ ކޯޑިނޭޓަރު ހަސަން ރަޝީދު (ރަޝް) ބުނީ މި އަހަރު އެމްބީބީއޭގެ އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާނީ 'މޯލްޑިވްސް ބޮޑީ ބޯޑިން ފެސްޓިވަލް' ކަމަށެވެ. އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ނިމާފައިވާ އެ ފެސްޓިވަލް އަކީ ވަރަށް ހާއްސަ ހަރަކާތްތަކަކާއި އެކު ކުރިއަށް ގެންދާނެ އިވެންޓެއް ކަމަށް ރަޝް މައުލޫމާތު ދިނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު