ބައްދަލެއް ނުވޭ، އެކަމަކު ހަފްތާ ބަންދުގައި އެކުގައި ކްރިކެޓް ކުޅުއްވަވާ!

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރައްވާ ވާހަކަ އާއި، ފިކުރު ބަދަލުވުމާ އެކު ކުރީން ގެންގުޅުއްވި ފިކުރު ނުވަތަ ޕާޓީގެ "ކަޑަ" ކަމުގެ ވާހަކައާއި އޭރު އެކުގައި އުޅުއްވި ބޭފުޅުން، އިހާނެތިކޮށް ހިއްތަވާ ވާހަކައާއި، ޕާޓީ ބަދަލުކުރައްވަނީ "އަމިއްލަ ނަފްސަށް އެއްވެސް ފައިދާއެއް ނެތި" ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށް ވިދާޅުވެ އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަކީ މިހާރަ ދިވެހީންނަށް އާ ވާހަކައަކަށް ނުވާނެ އެވެ.

މަޖިލިސް "ޓްރާންސްފާ"ގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ޒުވާން "ފޯވާޑް" އަހްމަދު މަހްލޫފު ފިކުރު ބަދަލުވެ ޕާޓީ ބަދަކުކުރައްވަން އުޅުއްވާ ވާހަކަ އެވެ. މި ވާހަކަތައް މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި އެވެ. އެހެން ނަމަވެސް ކަމާގުޅޭ އެއްވެސް ފަރާތަކުން އެ "ޓްރާންސްފާ"ގެ ރަސްމީ ތަފްސީލްތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޕާޓީ ބަދަލުކުރެއްވި ކަމަށް ވިދާޅު ނުވިޔަސް، "ޕާޓީ ބަދަލުކުރައްވަނީ ކީއްވެގެން ކަން" ޚުދު މަހުލޫފު ވެސް މިހާރު ދަނީ ފާޅުކަން ބޮޑު ގޮތެއް މީޑިއާގައި ހާމަކުރައްވަމުންނެވެ.

މަހުލޫފު ވިދާޅުވާ ގޮތުގައި ޕީޕީއެމް ތެރެއިން އޭނާ ހުރީ ބާކީކޮށްފަ އެވެ. އަދި އޭނާއާއި ދޭތެރޭ އެ ޕާޓީން ކަންކަން ކޮށްފައި ހުރި ގޮތުން "ވަރަށް އަސަރުކޮށްފި" ކަމަށް ވެސް މަހުލޫފް ވިދާޅުވެ އެވެ. އެގޮތުން ރައީސް ޔާމީން އޭނާއާއި ގާތްގުޅުމެއް ނުބާއްވާއިރު ވޭތުވެ ދިޔަ 14 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ތެރޭގައި ވެސް އޭނާ ހުންނެވީ ބާކީކޮށްލާފައި ކަމަށް މަހުލޫފް ވިދާޅުވެ އެވެ.

މަހުލޫފް އަކީ ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ. އަދި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒުވާން މެންބަރެކެވެ. އެހެން ކަމުން ޒުވާނުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނޭ ކަމަށް ވިދާޅުވެ ޒުވާން ސަރުކާރެއް ގާއިމުކުރެއްވި ރައީސަކު މަހޭ ފަދަ ލީޑަރޝިޕް ހުރި ޒުވާން ބޭފުޅަކު އެގޮތަށް ބާކީކޮށްލައްވައިފާނެ ބާވަ އެވެ؟

"ރައީސް ޔާމީން ގާތްގުޅުމެއް ނުބާއްވާ ކަމަށް މަހްލޫފު ވިދާޅުވާ އިރު، ކޮންމެ ހަފްތާ ބަންދެއްގައި މަހްލޫފު ރައީސްގެ އަރިހުގައި އާރަށަށް ވަޑައިގެން ކްރިކެޓް ކުޅުއްވާ ހައްދަވާނެ،" މަހޭ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވި އެވެ. "އެބޭފުޅުން އެގޮތަށް ވަޑައިގަންނަވާ އިރު ހަމައެކަނި ކްރިކެޓް ކުޅުއްވަން އެ ހޭދަވާ ވަގުތުގެ އިތުރުން ކެއިން ބެއްލެވުމާ އެކި ކަންކަމުގައި މަޝްވަރާކޮށް އެތައް ކަމެއް ހިނގާނެ އެހެން ނޫންތޯ."

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެހެނިހެން މެންބަރުންނާ ހިލާފަށް ރައީސް ޔާމީން މަހޭއަށް ހާއްސަ ގާތްކަމެއް ބަހައްޓަވަ އެވެ. އަދި މަހޭއަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރުކުރެއްވުމާއި އާތަންތަން ބައްލަވައި ތަފާތު ބޭބޭފުޅުންނާ ބައްދަލުކުރައްވަން ޝައުގުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ. އެހެން ކަމުން މަހޭ އެދިވަޑައިގަންނަވާ އެފަދަ ކަންކަން ވީވަރަކުން ކޮށްދެއްވުމަށް ރައީސް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"ނިއުޔޯކުގެ ދަތުރެއްގައި އެތައް މެންބަރުންނެއް ބައިވެރިވުމަށް އެދިއެދި ތިއްބާ، ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ އެކު މަހުލޫފް ބައިވެރިކުރެއްވީ އޭނާގެ އެދިލެއްވުމެއްގެ މަތިން. މިފަދަ ކަންކަމުން އެބަ އިނގޭ ދެއްތޯ މަހުލޫފު އެ ދައްކަވަނީ އަދި ރަނގަޅު ވާހަކަތަކެއް ނޫންކަން،" މުއާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވީ އަމިއްލަ މަސައްކަތުން ކަމަށް ސިފަވާގޮތަށް މަހޭ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ކުރިން ރެއަކު މަހޭ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޭނާ ވާދަކުރެއްވި އިރު ރައީސް ޔާމީންގެ އެއްވެސް އެއްބާރުލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މަހޭގެ ކެމްޕެއިނަށް ޔާމީން މާބޮޑު އިސްކަމެއް ދެއްވާފައި ނުވާ ކަމަށެވެ. ޕީޕީއެމުން ވާދަކުރެއްވި އެހެން މެންބަރުންނަށް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ވެސް މަހޭ ވިދާޅުވި އެވެ. އޭނާ މުޅިން ވެސް ކުރެއްވީ ޝަކުވާއެވެ. ކޮށްދެއްވި އެއްކަމެއް ވެސް ނެތް ކަހަލައެވެ.

ނަމަވެސް މުއާޒު ވިދާޅުވީ، މަހުލޫފް ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަމިއްލަ ހައިސިއްޔިތުން ބައިވެރިވެވަޑައިގެން އެކިއެކި ގޮތްގޮތުން އެހީތެރިކަން ވެދެއްވާފައިވާނެ ކަމަށެވެ. އަދި އެކި ފަހަރު މަތިން މަހޭއާ ރައީސް ޔާމީން ބައްދަލު ކުރައްވާފައިވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކަށް ރައްޔިތުންގެ މެދުގައި މާބޮޑެތި ތަފާތުކުރުންތަކެއް ހުރުމަށް ޑިމާންޑުކޮށް، ތިމަންނައަށް އެހެން ހަދައިދޭންވާނޭ، މިހެން ހަދައިދޭން ވާނޭ. މިކަހަލަ ކަންކަން ރައީސުލްޖުމްހޫރިއްޔާއަކަށް ނުކުރެއްވޭނެ ދެއްތޯ." މުއާޒު ވިދާޅުވި އެވެ.

ކޮންމެއަކަސް ހިތުގައިވާ ޝުއޫރުތައް ޓީވީއަށް އަރާވަޑައިގެން މަހޭ ވަނީ ވަރަށް ރަނގަޅަށް ބަންޑުންކޮށްލައްވައިފަ އެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީއާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕާޓީގެ ޒައީމު ވެސް މުޅިން ބާކީކޮށްލާފައި ހުންނަވާ ކަމަށް މަހޭ ވަނީ ސިފަކުރައްވާފަ އެވެ.

"ހަގީގަތަކީ ރައީސް މައުމޫނަކީ ވެސް ޕާޓީގައި ނެތް ބޭފުޅެއް. މިއީ ހަގީގަތަކީ. އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ރައީސް މައުމޫން ވެސް މިއަދު މިސަރުކާރުގައި ހުރި ބައެއް ކަންތައްތަކާ ދޭތެރޭ ހިތްފުޅު ހަމަޖެހި ވަޑައިނުގަންނަވާކަން،" މަހުލޫފް ވިދާޅުވެފައިވެ އެވެ.

މަހްލޫފު މިގޮތަށް ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ، ރައީސް ޔާމީނާ ދޭތެރޭގައި ވެސް އަދި ޕާޓީ ތެރޭގައި ވެސް އެފަދަ ނުތަނަވަސް ކަމެއް ނެތްކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނާއި އާންމުންނަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ޕީޕީއެމްގެ އެންމެހާ މެންބަރުންނާއި އަދި އާންމުންނަށް ވެސް ޔަގީންކޮށް އަރުވަން، އަޅުގަނޑާ ރައީސް ޔާމީނާ ދޭތެރޭގައި އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތްކަން،" ޓުވިޓާ މެދުވެރިކުރައްވައި ރައީސް މައުމޫނު ރޭ ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކަށް ކުޅޭ ބައެއް ކުޅުންތެރީން ވެސް ރަނގަޅު އޮފާތައް ލިބުމުން އެންމެ ބޮޑަށް ވަފާތެރިވާނޭ ކަމަށް ބުނާ ކްލަބާއި ކްލަބުގެ ކުޅުންތެރީން ވެސް ގޯސްކޮށްފައި އެ އޮފާއެއް ލިބުނު ކްލަބަށް ބަދަލުވެ އެވެ. އެފަދަ ކުޅުންތެރީންގެ ވާހަކަތައް ކުޅިވަރު މީޑީއާތަކުގައި ވެސް ވަރަށް ގިނައިން ދެކެވެ އެވެ. މުސާރަ ކުޑަވުމުން މުސާރަ ބޮޑުކޮށްލުމުގެ ބޭނުމުގައި ބައެއް ކުޅުންތެރީން އެފަދަ "ސްޓަންޓް"ތައް ޖައްސައެވެ. ކްލަބްގެ މެނޭޖްމަންޓުން އޭނާ ބަހައްޓަން ބޭނުން ނަމަ ޓީމުގެ ކެޕްޓަންކަން ދިނުން ފަދަ، އަދި މުސާރައާއި އިނާޔަތްތަކަށް ވެސް ހެޔޮ ބަދަލެއް ގެނެސް ދިނުމުން އެއްކަލަ ކުޅުންތެރިޔާ އެ ކްލަބުގައި މަޑުކުރާނެ އެވެ. އެނޫނީ، ޓީމުގެ ކޯޗު ނޫނީ އޮފިޝަލުން ގޯސްކުރުމަށް ފަހު ނުވަތަ އެފަދަ ތުހުމަތުތަކެއް އަޅުވާފައިވެސް އެއްކަލަ ރަނގަޅު ހުށަހެޅުމާ ދިމާއަށް މިސްރާބު ޖަހަނީ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ އެކު ވެސް މިފަދަ ޓްރާންސްފާތައް "ރަނގަޅު އަގެއް ލިބުނީމަ" ހިނގާލެއް މަދެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ދާއިރާ އަށް ފާޑުކިޔާ ފަރާތްތަކުން އެއަށް "ރިލޯޑް" ކޮށްލުމޭ ވެސް ކިޔައެވެ. ކޮންމެއަކަސް އެ ކުޅުންތެރިޔާ އެދޭ ފަދަ ހުށަހެޅުމަކަށް އެ ކްލަބަކުން އިޖާބަ ދީފިނަމަ ކްލަބްގައި މަޑުކުރެ އެވެ. މިއީ ޒަމާނީ ފުޓްބޯޅައިގައި އާންމު ކަމެކެވެ.

މަހޭ އަދިވެސް ހުންނެވީ ޕީޕީއެމްގަ އެވެ. މަހޭ ކުރިން ވިދާޅުވެފައިވާ ގޮތުން ރައީސް މައުމޫން ޕީޕީއެމްގައި ހުންނެވިހާ ދުވަހަކު، އޭނާ ވެސް އެޕާޓީ ދޫކުރައްވައި އެހެން ދިމާއަކަށް ވަޑައެއް ނުގަންނަވާނެ އެވެ. މިހާރު ވެސް ވިދާޅު ވަނީ ޕާޓީ ދޫ ނުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނާ ދެކޮޅަށް ދުވަހަކު ވެސް ނުކުމެވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވާ ބަސްފުޅު ފަހުން ވެސް ތަކުރާރުކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް