ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލައިފި

ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު 4:00 އިން ފެށިގެން 5:45 އެހާކަންހާއިރު ވަންދެން ކުރިއަށްގެންދިޔަ އެ ހިނގާލުމުގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން ރަނގަޅު ގާނޫނީ ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ވެސް އެ ހިނގާލުމުގައި ވަނީ ބައިވެރިވެފައެވެ.

ހިނގާލުން އިންތިޒާމްކުރި ޒުވާނުން ބުނީ އެ ހިނާގާލުން ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުޑަކުދިންނަށް އަނިޔާކުރުން ފަދަ އަމަލުތައް ރާއްޖޭގައި އިތުރުވަމުންދާތީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުން ކަމަށެވެ.

މިއަދުގެ ހިނގާލުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން ނޫސްވެރިންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިނގާލުމެއް މިއަދު ބާއްވަފައިވާއިރު ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ވިދާޅުވީ އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއްކަމަކީ އިޖުތިމާއީ ރައްކާތެރިކަން ކަމަށެވެ. ޚާއްސަގޮތެއްގައި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަ އަށް މިހާރު އޮތް ވަރަށް ވުރެއް "ވަރުގަދަ" ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު