ބަޣާވާތާ ގުޅިގެން މަރުގެ ހުކުމް އައި މީހުންނާ މެދު ގޮތެއް ނިންމަން އުނދަގޫވި: މައުމޫނު

ރާއްޖޭގައި 1988 ވަނަ އަހަރު ކުރި ބަޣާވާތާ ގުޅިގެން މަރުގެ ހުކުމް އިއްވި މީހުންގެ ހުކުމް ތަންފީޒު ކުރުމާ މެދު ގޮތެއް ނިންމުމަކީ ވެރިކަމުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ސަންޓީވީން މިއަދު ފެށި " ހުކުރުފަސް" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި ވަނީ އޭރު މަރުގެ ހުކުމް އައި މީހުންނަށް މަރު ހައްގުވާ ކަމަށެވެ.

"...އެމީހުން އެކުރި އަމަލުގެ ސަބަބުން ދިވެހިންގެ އެތައް ބަޔަކު، އޮނަވިހި މީހުން ވަނީ ޝަހީދުވެފައި، މަރުވެފައި. އެހެންވީމާ އެގޮތުން ބަލާއިރު އެމީހުންގެ މައްޗަށް މަރު ހައްގުވެގެންވޭ. އެހެން ނަމަވެސް ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވިސްނަން ޖެހުނު އެކަން ތަންފީޒުކޮށްފިއްޔާ ދެން ވާނީ ކިހިނެތްތޯ؟ ފަހަށް ވެސް ވިސްނަން ޖެހޭނެ ދެއްތޯ؟ " މައުމޫނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މަރުގެ ހުކުމް އައި މީހުންގެ ތެރޭގައި ބިދޭސީ އެތައް ބަޔަކު ތިބީމައި އޭގެ ސަބަބުން ރާއްޖެއަށް ފަހުން ދިމާވެދާނެ ނުރައްކަލަކާ މެދު ވިސްނަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ ތެރޭގައި ދިވެހިން ތިބީމައި އެމީހުންގެ އާއިލާތަކަށް ވާނެ ގޮތަކާއި މެދު ވެސް ވިސްނަވަން ޖެހިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ އެމީހުންނަށް އިއްވި މަރުގެ ހުކުމް ތަންފީޒު ނުކުރަން ނިންމެވީ އެކަންތައްތަކާއި މެދު ވިސްނެވުމަށް ފަހުގައި ކަމަށެވެ.

"... މިހުރިހައި ކަމަކަށް ވިސްނާފައި އަޅުގަނޑު ނިންމީ އެމީހުންގެ އަދަބު ލުއިކުރަން. އެއްވެސް މީހަކު ނުމަރަން. އެއީ ވަރަށް އުނދަގޫ ނިންމުމެއް،" މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނަށް ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވީ ވަރަށް ފަސޭހައިގައި ކަމަށް ދެކެވޭ ވާހައާ ބެހޭ ގޮތުން ސަންޓީވީން ދެންނެވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"... ވެރިކަމަކީ އެއްވެސް އިރެއްގައި ފަސޭހަ ކަމެއް ނޫން. ވެރިކަމަކީ ވަރަށް ބުރަ މަސްއޫލިއްޔަތެއް. ވަރަށް އުނދަގޫކަމެއް. އަޅުގަނޑުގެ ވެރިކަމުގައި ވެސް ވަރަށް އުނދަގޫ ކަންތައްތަކާ ދިމާވި،" މައުމޫނު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު