ފެލިދޫގައި ގާޒިއަކު ނެތިގެން އާފިޔާގެ ބަންދާމެދު ގޮތެއް ނިންމަށް ތިނަދުއަށް

ވ. ރަކީދޫގައި ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރާ އޭނާގެ މަންމަ އާފިޔާ އެ އަތޮޅު ފެލިދޫއަށް ގެންދިޔުމުން، ބަންދާމެދު ގޮތެއް ނުނިންމިގެން، ވ. ތިނަދުއަށް ގެންގޮސްފި އެވެ.

ސީރިއަސް އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އިބްތިލާހު މަރުގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން، އިއްޔެ ހައްޔަރުކޮށްފައިވާ އާފިޔާގެ ބަންދަށް 24 ގަޑިއިރުވާނީ މިއަދު ހަވީރު އެވެ. ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އިއްޔެ ހަވީރު 4:20 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އާފިޔާ ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އާފިޔާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރުނީ އިއްޔެ މެންދުރުފަހު އެވެ.

ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރިތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރާން ވާނެ ކަމަށެވެ. އަދި ޝަރުތުތަކަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު، އެ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އާފިޔާގެ ބަންދާމެދު ފެލިދޫއިން ގޮތެއް ނުނިންމުނީ ކޯޓުގެ ގާޒީ ރަށުގައި ނޫޅުއްވާތީ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއިން ކޮމެންޓެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާފިޔާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ވަރަށް އަވަހަށް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އިބްތިލާހުގެ އަނިޔާވެރި މަރުގެ މައްސަލަ ފެންމަތިވުމުގެ ކުރިން، މަންމަ އާފިޔާ، އިބްތިލާހަށް އަނިޔާ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރަށު ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. ޖެންޑާއިން ބުނެފައި ވަނީ އިބްތިހާލުގެ މައްސަލަ ހުށަހެޅުމާއެކު އޭނާ ރައްކާތެރި މާހައުލެއްގައި ހުރިކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު