ޙާލުގައި ޖެހިފައިވާ 62 މިލިއަން ކުދިން އެހީވުމަށް 3 ބިލިޔަން އެމެރިކާ ޑޮލަރަށް އެދި ގޮވާލައިފި

ނިޔުޔޯކް (ޖަނަވަރީ 30) : ދުނިޔޭގެ އެކި ގައުމުތަކުގައި ޙާލުގައި ޖެހިފައިވާ 62 މިލިޔަން ކުޑަކުދިން އެބަތިބިކަމަށާ އެކުދިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި 3.1 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އދ. ން ބުނެފިއެވެ.

އދ. ގެ ޖަމްއިއްޔާ ޔުނިސެފް ގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ އަފްޝާން ޚާން ވިދާޅުވީ ޙާލުގައިޖެހިފައިވާ 62 މިލިޔަން ކުޑަކުދިންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށާއި ބައިނަލްއަގްވާމީ އެހީތައްދޭ ފަރާތްތަކަށް ގޮވާލައި އިލްތިމާސްކުރާ ކަމުގައެެވެ. ޔުނިސެފް ގެ އެހެން މަސްއޫލުވެރިއެއް ކަމަށްވާ ޕީޓަރ ސަލާމާ ވިދާޅުވީ ސޫރިޔާއާއި ޔުކްރޭން އާއި ސޮމާލިޔާއާއި އިރާގާއި ޕާކިސްތާނާއި އަފްޣާނިސްތާންފަދަ ގައުމުތަކުގައި އެތަށް މިލިޔަން ކުޑަކުދިންނެއް ވަރަށް ދަތިޙާލުގައި ދިރިއުޅެމުންދާ ކަމަށާ އެފްރިކާގެ ބައެއް ގައުމުތަކުގައި އެތަށް މިލިޔަން ކުޑަކުދިން ހައިހޫނުކަންވެސް ތަހައްމަލް ކުރަމުން ގެންދާކަމުގައެވެ.

މި 62 މިލިޔަން ކުޑަކުދިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ތަޢްލީމާއި ސިއްޙަތުފަދަ އިންސާނީ އެންމެ އަސާސީ ޚިދްމަތްތައް މިކުދިންނަށް ފޯރުކޮށް ނުދެވިއްޖެނަމަ މީގެތެރެއިން ގިނައަދަދެއްގެ ކުދިންގެ ޙާލަތު ފުރާނައަށް ނުރައްކާވާ މިންވަރަށް ދަށަށްދާނެ ކަމުގެ އިންޒާރުވެސް ޔުުނިސެފްގެ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު