ރަސްގެފާނުގެ ބާރުގަދަވާގޮތަށް ސައޫދީ އިސްމަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސްފި

ރިޔާޟް (ޖަނަވަރީ 30) : ސައޫދީ އަރަބިޔާގެ އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެގައުމުގެ ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ އިސްމަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

މިބަދަލުތަކުގެ ތެރޭގައި ތެލާބެހޭ ވަޒީރު އަލީ އައްނުޢައިމީ އާއި ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް އާއި ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާން ފިޔަވައި އެހެން ހުރިހާ ވަޒީރުން ހިމެނިވަޑައިގެންނެވިއެވެ. މިބަދަލުތަކުގެ ތެރޭގައި ސައޫދީ އެޑިޔްކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިޔްކޭޝަން މިނިސްޓްރީވެސްވަނީ އެއްކޮށްލައި އެއްވުޒާރާއަކަށް ބަދަލުކުރައްވާފައެވެ. މިދެބައި ހިމެނޭ އެޑިޔްކޭޝަން މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވާފައިވަނީ ޑރ. ޢައްޒާމް ބިން މުޙައްމަދު އައްދަޚީލް އެވެ.

އިސްލާމީ ކަންތައްތަކާއި ދަޢްވަތާއި އިރްޝާދުގެ ވުޒާރާގެ ވަޒީރަކަށް ހަމަޖައްސަވާފައިވަނީ އައްޝައިޚް ސާލިޙް ބިން ޢަބްދުލްޢަޒީޒް ބިން މުޙައްމަދު ބިން އިބްރާހީމް އާލުއްޝައިޚް އެވެ. ޙައްޖުގެ ކަންތައްތަކާބެހޭ ވަޒީރު ކަމަށް ހަމަޖައްސަވާފައިވަނީ ޑރ. ބަންދަރު ބިން މުޙައްމަދު ބިން ޙަމްޒާ އެވެ. މިބަދަލުތަކުގެ ތެރޭގައި ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ގެ ދެދަރިކަލުން ކަމަށްވާ މިޝްޢަލް ބިން އަބްދުﷲ އާއި ތުރުކީ ބިން އަބްދުﷲ މަގާމުން ދުރުކުރައްވާފައިވެއެވެ. މީގެތެރެއިން މިޝްއަލް ހުންނެވީ މައްކާ ސަރަހައްދުގެ އަމީރަކަށެވެ. އަދި ތުރުކީ ހުންނެވީ ވެރިރަށް ރިޔާޟް ގެ އަމީރަކަށެވެ. އަދި ސަލްމާން ރަސްގެފާނުގެ ދަރިންނަށާއި އޭނާއާ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ދަރިންނަށް ކުރިން ލިބިފައިނުވާފަދަ ނުފޫޒުގަދަ އިސް މަގާމު ތަކެއް ދެއްވުންވެސް މިބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

މިބަދަލުތަކާއެކު ސައޫދީ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސައޫދުލްފައިސަލްއާއި ތެލާބެހޭ ވަޒީރު އަލީ އައްނުޢައިމީގެ އިތުރުން ވަރަށް މަދު ވަޒީރެއްމެނުވީ މުސްކުޅި ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ނުހިމެނެއެވެ. ކުރީގެ ރަސްގެފާނު ކިންގް ފައިސަލްގެ ދަރިކަލެއް ކަމަށްވާ ސަޫދުލްފައިސަލް ސައޫދީ ޚާރިޖީ ވަޒީރު ކަމުގައި ހުންނަވާތާ 44 އަހަރަށްވުރެ ދިގުމުއްދަތެއް ވަނީ ހޭދަވެފައެވެ. ސައޫދީ ކެބިނެޓްގެ އިތުރުން އެނޫންވެސް އިސްމަގާމުތަކަށް އިއްޔެއައްޔަން ކުރި ބޭފުޅުންގެ ތެރޭގައި ގިނައީ ޝާހީ ޢާއިލާގެ ބޭފުޅުންނެވެ.
(ސައޫދީ ނޫސްއެެޖެންސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު