"ހުކުރުފަސް" ގެ ނަމުގައި ސަން ޓީވީން ހާއްސަ ޕްރޮގްރާމެއް ފަށައިފި

"ހުކުރުފަސް" ގެ ނަމުގައި ސަން ޓީވީން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

އާއްމު މައުލޫމާތާއި މުނިފޫހިފިލުވުމުގެ ބައިތައް ހިމަނައިގެން އުފެއްދި އެ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު 2.30 ގައި ވަނީ އޮން އެއާކޮށްފަ އެވެ.

މިއަދު ދެއްކި ފުރަތަމަ ޕްރޮގްރާމްގެ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމެވެ.

ޕްރޮގްރާމްގެ ޕްރޮޑިއުސަރު މުސްތަފާ މުހައްމަދު ރަޝީދު (މުސްތޮ) ވިދާޅުވީ އެ ޕްރޮގްރާމަކީ ސަން ޓީވީގެ ބެލުންތެރިންނަށް ހުކުރުދުވަހުގެ އާއިލީ ވަގުތުގައި ހިތް ފަސޭހަ ޕްރޮގްރާމެއް ގެނެސްދިނުމުގެ މަގުސަދުގައި އުފެއްދި ޕްރޮގްރާމެއް ކަމަށެވެ.

"ހުކުރު ދުވަހުގެ މެންދުރުފަހަކީ ދެން ގިނަ ބޭފުޅުން އާއިލާއާއެކު ހޭދަކުރައްވާ ވަގުތެއް. އަޅުގަނޑުމެން ބޭނުންވީ ސަންޓީވީ ބައްލަވާ ބޭފުޅުންނަށް އެ ވަގުތާ ގުޅޭ، އަދި އާއިލާ އެކުގައި ތިބެގެން ބަލައިލެވޭނެފަދަ ޕްރޮގްރާމެއް ގެނެސްދޭން،" މުސްތޮ ވިދާޅުވި އެވެ.

މިއަދު ގެނެސްދިން ޕޮރޮގްރާމުގެ ހާއްސަ މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ސަން ޓީވީގެ ބެލުންތެރިނާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ އާއިލީ ވަގުތު ހޭދަކުރައްވާ ގޮތާއި ފަރިއްކުޅުއްވުމާއި ކުޅިވަރު ކުޅުއްވުން ފަދަ ކަންތައްތަކާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ސިޔާސީ ހަޔާތްޕުޅާއި ރައީސްކަމުގައި ހޭދަކުރެއްވި ދިގު މުއްދަތާ ބެހޭ ގޮތުން ވެސް ރައީސް މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސްކަމުގައި ނިންމެވި އެންމެ އުނދަގޫ ނިންމެވުމާ ގުޅޭ ގޮތުން ޕްރޮގްރާމްގެ ޕްރެޒެންޓަރު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ، އެއީ 1988 ވަނަ އަހަރުގެ ބަޣާވާތާ ގުޅިގެން ހުކުމް އައި މީހުންނަށް އަދަބު ލުއިކޮށްދެއްވަން ނިންމެވި ނިންމެވުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު