އިޖުތިމާއީ ރައްކާތެރިކަމަށް މިއަހަރު "ވަރުގަދަ" ގާނޫނީ ހައްލެއް ހޯދާނަން: ނިހާން

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއްކަމަކީ އިޖުތިމާއީ ރައްކާތެރިކަން ކަމަށާއި ހާއްސަގޮތެއްގައި ގެވެށި އަނިޔާއާ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލާގައި މިހާރު އޮތް ވަރަށް ވުރެއް "ވަރުގަދަ" ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދަޅުވީ އެކަމަށް ގާނޫނީ ހައްލެއް ގެންނާނެ ކަމަށާއި ނަމަވެސް މިހާރު ވެސް ގާނޫނީ ހައްލު އެކަން ކަމަށް އެބަހުރި ކަމަށެވެ.

ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ކުއްޖަކު ވ. ރަކީދޫ އިން ފެނުނު މައްސަލާގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގި ހުރެ އެކަން ކަމާ ބެހޭ ފަރާތްތަކަށް ނާންގާ ހުރުމަކީ ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ބޮޑު ކުށެއް ކަމަށާއި އެފަދަ ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

"އަޅުގަނޑު ހިތާމަކުރަން ބަޔަކު ނުވަތަ އެނޫން އެހެން ހިސާބަކުން ނަމަވެސް މިފަދަ ކަމެއް ހިނގާއިރު ނާންގާ ތިއްބެވުން. ހުއްޓާލައްވައިގެން ނުވާނެ އެއީ ގާނޫނީ ކުށެއް. އެއްވެސް ކުޑަ ކުއްޖަކަށް އަނިޔާއެއް ނުކުރެވޭނެ. އެއްވެސް އަންހެނަކަށް އަނިޔާއެއް ނުކުރެވޭނެ. އަދި އެއްވެސް ފިރިހެނަކަށް ވެސް އަނިޔާއެއް ނުކުރެވޭނެ. އިންސާފާ ހަމަހަމަ ކަމުގައި އަޅުގަނޑުމެން ގެންދަންޖެހޭނީ،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބަޖެޓުގައި އެ ވަރަށް ފައިސާ ހިމެނިފައި ނުވާކަމަށް ވާނަމަ އިތުރު ކޮންޓިންޖެންސީ ބަޖެޓެއް ފޮނުއްވައިގެން ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޕީޕީއެމްގެ މެމްބަރުން ވޯޓު ދޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވެ ވާހަކަފުޅު ދެއްކެވިއިރު ރަކީދޫ އިން މަރުވި މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާ ކުރާ ކަމަށް ބުނެ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު އެ ރަށު ކައުންސިލުން ވަނީ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައި އެވެ.

ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު