ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ވެދޭ އެހީއަށް ޝުކުރުއަދާކޮށްފި

ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ވެދޭ އެހީ ފާހަގަކޮށް އެގައުމަށް ރާއްޖޭން ޝުކުރުއަދާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅާފައިވާ ނަން ރެސިޑެންޓް ހައިކޮމިޝަނަރު ފާތިމަތު އިނާޔާ ހައިކޮމިޝަނަރުކަމުގެ ފަތްކޮޅު އިއްޔެ ސިންގަޕޫރުގެ ރައީސް ޓޯނީ ޓެން ކެންގް ޔަމް އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ބުނީ އެކަމަށް ޓަކައި ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު އިސްތާނާގައި  ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިންގަޕޫރު ސަރުކާރަށް އިނާޔާ ޝުކުރު އަދާކުރެއްވި ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިނާޔާ ވިދާޅުވެފައި ވަނީ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއިން ސިންގަޕޫރުން ވެދޭ އެހީ ރާއްޖޭން ޝުކުރުވެރިކަމާއި އެކު ފާހަގަކުރާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާއިން ވެދޭ އެހީ ފާހަގަ ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ފަރާތްޕުޅުން ހެޔޮއެދުންތައް އިނާޔާ ވަނީ ޓޭން އަށް ރައްދުކޮށްދެއްވާފައެވެ.

އިނާޔާ އަދި ވިދާޅުވެފައި ވަނީ ސިންގަޕޫރާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެގައުމުގެ ސަރުކާރާއި އެކު ގާތުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު