އެސްއީޒެޑްގެ އިންވެސްޓްމެންޓް ތަކުގައި ހިމެނޭނެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅައިފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ޒޯނެއްގައި ހިންގިދާނެ އިގްތިޞާދީ މަސައްކަތް ތަކާއި، އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ މިންގަނޑު ކަނޑަ އެޅުމާ ބޭހޭގޮތުން ރައީސް އަބްދުﷲ ޔާމީން މިއަދު ގަރާރެއް ނެރުއްވައިފި އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވާގޮތުން އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ ބައެއް އިންވެސްޓްމެންޓް ތަކަށް 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެކިބާވަތުގެ މެނުފެކްޗަރިން މަސައްކަތާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގް ސަރވިސަސް އާއި ޔުނިވަރސިޓީ، ޓާރޝަރީ ހޮސްޕިޓަލް، ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތަކުގެ އިތުރުން، އިތުރު އިންވެސްޓްމެންޓްތަށްވެސް ހިމެނެ އެވެ.

މީގެ އިތުރުން މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުތައް ދިރާސާކުރުމުގައި އިންވެސްޓްމެންޓްގެ އަގުކަމުގައި ބަލާނީ ޑިވެލޮޕަރު ގާއިމްކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެފަރާތުން ހަރަދުކުރުމަށް ހުށަހަޅާ "މިނިމަމް ފިކްސްޑް" އިންވެސްޓްމެންޓްގެ އަދަދު ކަމުގައިވެސް އެގަރާރުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީން މިއަދު އާންމު ކުރެއްވި ގަރާރުގައި ބުނެފައި ވާގޮތުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓްގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ގާއިމްކުރަން ހަރަދުކުރާ ފިކްސްޑް އިންވެސްޓްމެންޓްގެ އިތުރުން މާލީ ހިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓްމެންޓަށެވެ. އޭގެ އިތުރުން އެ ޑިވެލޮޕަރަކު ހުށަހަޅާ ޖުމްލަ އިންވެސްޓްމެންޓްގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމެންޓްގެ ބައިތަކަށް ހަރަދުކުރާ ޖުމްލަ އިންވެސްޓްމެންޓްގެ މިންވަރަށްވުރެ ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓްގައި ހިމެނޭ އެހެން ވިޔަފާރިތަކަށް ކުރާ ހޭދަ ބޮޑުވެގެން ނުވާނެކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު