އަނިޔާގެ ތެރޭގައި ބޮޑުވި މަންމަ، އަނިޔާވެރި ގާތިލެއްގެ ތުހުމަތަށް!

ރަކީދޫން: އަހުމަދު ސާއިލް އަލީ

މުހައްމަދު އިބްތިހާލުގެ ގާތިލަކީ އޭނާގެ މަންމަ ކަމަށް އެންމެން ވެސް ދެކެ އެވެ. އަނިޔާވެރި އެ މަރުގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ އޭނާގެ މަންމައާ ދިމާލަށެވެ. މުޅި ރަށުގެ އެންމެން ބަދުނާމު ކުރަނީ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު، 27، އެވެ. ތުހުމަތާއެކު އާފިޔާ ހައްޔަރުކޮށްފައިވާ އިރު މީޑިއާ އަށް ވެސް ތިލަނުވާ ބައިވަރު ވާހަކަ އެބަ ހުއްޓެވެ. އާފިޔާގެ ދިރިއުޅުމާއި އާއިލީ ވާހަކަ އެވެ. އާފިޔާގެ މިޒާޖާއި އޭނާގެ ފިރިމީހާގެ ވާހަކަ އެވެ. މި ރިޕޯޓްގައި އެކަން ކަމަށް އަލިއަޅުވާލާނަމެވެ.

މި ރަށަށް ނިސްބަތްވާ އާއިފިޔާގެ އާއިލާއަކީ ދެރަ ގޮތްތަކެއް މެދުވެރިވެފައިވާ ބައެކެވެ. އެކަން އެގޮތަށް މެދުވެރިވީ އާއިލާގެ ބައެއްގެ އަމަލުތަކުގެ ސަބަބުންނެވެ. ނަމަވެސް އެކަމުގެ ބައެއް ވާހަކަތައް ތިލަ ކުރެވޭކަށް ނެތެވެ. އާއިލާގެ މަގު ގެއްލިގެން ދިޔައީ އާފިޔާގެ ބައްޕަ، މަރުވި ހިސާބުން ކަމަށް ރަށު ކައުންސިލުން ދެކެ އެވެ. އާފިޔާގެ އެއްބަނޑު ހަތަރު މެމްބަރުން ތިބެ އެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.

ރަކީދޫގައި ދިރިއުޅެމުން ދިޔަ އާފިޔާގެ އާއިލާ 2009 ވަނަ އަހަރުން ވ. ކެޔޮދޫ އަށް ބަދަލުވި އެވެ. އޭރު އާފިޔާގެ އުމުރަކީ 21 އަހަރެވެ. އޭނާއަކީ އޭރު ހުސްހަށި ބައި ކުއްޖެކެވެ. އެ އާއިލާ އެ ރަށަށް ބަދަލުވީ ތައުލީމު ހާސިލު ކުރާށެވެ. ބައްޕަ މަރުވުމުން، އާފިޔާގެ މަންމަ އެހެން މީހަކާ ކައިވެނި ކުރި އެވެ. އެ ހިސާބުން އަނިޔާވެރި ވަކިތަކެއްގައި އާފިޔާ ތާށިވީ ކަމަށްވެ އެވެ. އަދި އޭނާގެ ކޮއްކޮމެންނަށް ވެސް ދޮން ބައްޕަ އަނިޔާ ކުރަން ފެށި ކަމަށް މީހުންގެ ވާހަކަތަކުން އެނގެ އެވެ. ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުންދިޔަ އިރު، ހިމާޔަތެއް ނުލިބެ އެވެ. ބޭއިޚުތިޔާރުގައި ހިލޭ ފިރިހެނުންގެ އަތްދަށުވި އެވެ. އެކަމުގެ ތެރޭގައި އާފިޔާ ކައިވެނިން ބޭރުން ބަލިވެއިނެވެ. މައްސަލަ ބޮޑުވެ، އެންމެ ފަހުން އާފިޔާގެ އާއިލާ ކެޔޮދޫ އިން ބޭލީ އެވެ. އާފިޔާގެ މަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް އެ އާއިލާ ކެޔޮދޫ އިން ބޭލީ އެ ރަށުގެ ރައްޔިތުންނެވެ.

"[ކެޔޮދޫ] މި ރަށުން އެ އާއިލާ ބޭލީ އެ އާއިލާ ތެރޭ އެކިއެކި މައްސަލަތައް ހުންނާތީ، އޭގެ ތެރޭގައި އާފިޔާގެ ދޮން ބައްޕަ ދަރިންނަށް އިންތިހާއަށް އަނިޔާ ކުރޭ، އާފިޔާ އަށް ވެސް އެތައް އަނިޔާއެއް [ޖިންސީ، ޖިސްމާނީ އަނިޔާ] ލިބިފައިވާ ކަމަށްވޭ. އެކަން ކަމަށް މި ރަށު މީހުން ހިތްހަމަ ނުޖެހޭތީ އެ އާއިލާ މި ރަށުން ބޭލީ،" ކެޔޮދޫއިން ސަން އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ކެޔޮދޫ އިން އާފިޔާގެ އާއިލާ ބޭލުމުން އެ އާއިލާގެ މެމްބަރުން ބައިބައިވި އެވެ. އާފިޔާގެ މަންމަ، ދޮން ބައްޕަޔާ އެކު މ. އަތޮޅަށް ބަދަލުވި އެވެ. އާއިލާގެ އެހެން މެމްބަރުން ދިޔައީ މާލެއަށެވެ. އާފިޔާ އައީ އޭނާގެ ބައްޕަ އުފަން ރަށް، ރަކީދޫއަށެެވެ.

ކެޔޮދޫ އަދި ރަކީދޫ މީހުން ވެސް އެއްބަސްވާ ގޮތުގައި އާފިޔާ އަކީ ކުޑައިރުންސުރެ އެތައް އަނިޔާއެއް ލިބިފައިވާ އަންހެނެކެވެ. ހާއްސަކޮށް ޖިންސީ ގޯނާގައި ފިތި ބާރުވެ، މާޔޫސްވެފައިވާ އަންހެނެކެވެ. އެ އަނިޔާ ލިބުނީ ބެލެނެވެރިންގެ އިހުމާލުންނެވެ. މަންމަގެ ފަރާތުން ވެސް އާފިޔާ އަށް އަނިޔާލިބިފައިވާ ކަމަށް ވެއެވެ. ކައިވެނިން ބޭރު ގުޅުންތަކަށް ހުށަހެޅުމުގެ އަސްލަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަށް ބާރު އެޅީ އާފިޔާގެ ބެލެނެވެރިން ކަމަށް ބުނެވެ އެވެ.

އެ އަނިޔާތައް ތަހައްމަލު ކުރަމުން ދަނިކޮށް ކައިވެނިން ބޭރުން، އާފިޔާ، އިބްތިހާލަށް ބަލިވެ އިނެވެ. އެ މާޔޫސް ކަމުގައި ގޮތް ހުސްވެ، އެކަނިވެރި ވިއެވެ. އަޅައިލާނެ ޔާރެއް، ނެތި ބިކަވި އެވެ. ނަފްސާނީ ގޮތުން ބަލިކަށިވެ، ބިއްޖެހުނެވެ. ރަކީދޫ މީހުން ބުނާ ގޮތުން އާފިޔާ އަކީ މީހުންނާ އެހާ ވާހަކަދައްކާ އަންހެނެއް ނޫނެވެ. އެފަދަ ހާލަތެއް މެދުވެރިވެފައިވާ އަންހެނަކަށް މީހުންގެ ތެރޭގައި އުޅޭކަން ނުކުރޭނެ އެވެ. ހީ ސަމާސަކޮށް ލައި، ސަކަ މިޒާޖެއް އެފަދަ އަންހެނެއްގެ ފަރާތުން ނުފެންނާނެ އެވެ.

އާފިޔާގެ ފިރިމީހާ ވާހަކަ:

އާފިޔާގެ ފިރިމީހާ ފ. ފުލިދޫ، އިބްރާހިމް ޝަފީގަކީ މި އަތޮޅު ފެރީގެ ކެޕްޓަނެވެ. ޝަފީގު ބުނާ ގޮތުން އާފިޔާ ފުރަތަމަ އިބްތިހާލު ބަލައި ބޮޑު ކުރީ ވަރަށް ލޯބިންނެވެ. އާފިޔާ ދެ ވަނަ ދަރިފުޅަށް ބަލިވެ އިނުމުން މީގެ އެއް އަހަރު ކުރިން އިބްތިހާލުގެ މާމަ ކައިރިއަށް ފޮނުވާލި އެވެ. އިބްތިހާލުގެ މާމަ އަދި އާފިޔާގެ މަންމަ ދިރިއުޅެނީ މ. އަތޮޅުގެ ރަށެއްގަ އެވެ.

މާމަ ކައިރިއަށް ފޮނުވާލުމުން، އެ ރަށުގައި ވެސް އިބްތިހާލަށް ލިބުނީ ހިތްދަތިކަމެވެ.

ޝަފީގު ބުނި ގޮތުގައި އިބްތިހާލުގެ ހާލު ގޯސްވެ، ބަލިވެ އުޅޭ ކަމުގެ ހަބަރު ލިބިގެން އާފިޔާގެ ދެމަފިރިން އޭނަ ކައިރިއަށް ދިޔަ އެވެ. އަދި އިބްތިހާލު އެ ރަށުގައި ދިރިއުޅެމުންދިޔަ "ހާލުގަ" އެ ދެމަފިރިންނަށް ފެނުނެވެ.

"މ. އަތޮޅުގައި އިބްތިހާލް ހުރިއިރު އާފިޔާގެ މަންމަމެން ރަނގަޅަކަށް ނުބަލާ، އެހެންވެ، އަނެއްކާ އަހަރުމުން އޭނާ ބަލަން ގެނައީ، އެއީ މިދިޔަ ރޯދަ މަހުގެ ތެރޭގައި،" ޝަފީގު "ސަން" އަށް ކިޔައިިދިނެވެ.
އިބްތިހާލަށް ލިބިފައިވާ އަނިޔާ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ޝަފީގު ބުނި ގޮތުގައި އިބްތިހާލަށް އާފިޔާ އަނިޔާ ކުރަންވީ ސަބަބެއް އޭނާއަށް ނުވިސްނެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރާތަން ނުފެންނަ ކަމަށް ވެސް ޝަފީގު ބުންޏެވެ. ނަމަވެސް އިބްތިހާލަށް އާފިޔާ އަޅައިނުލާ ކަމަށް ޝަފީގު އެއްބަސްވެ އެވެ. އަދި އިބްތިހާލު ސާފުތާހިރު ނުކޮށް، ހުއްޓާ އެތައް ދުވަހަކު ފެނިފައިވާ ކަމަށް ޝަފީގު ބުންޏެވެ.

"އަހަރެން ހެނދުނު ފެރީގައި ފުރާ މީހާ ރަށަށް މި ދަނީ ރޭގަނޑު، ދާއިރު ހުރޭ ކުއްޖާ [އިބްތިހާލް]ގެ ގައިގައި ނިޔަފަތި އެޅިފަ ހުންނަ ގޮތަށް ޒަހަމްތައް. އެއީ ކިހިނެއް ވެފަހޭ ބުނީމަ އޭނަ [އާފިޔާ] ބުނާނެ ކުޅެން އުޅެނިކޮށޭ، ތަނަކުން ވެއްޓިފައޭ،" އިބްތިހާލުގެ ދޮން ބައްޕަ، ޝަފީގު ބުންޏެވެ.

ދޮންދަރި އިބްތިހާލު އަނިޔާތަކަކާ އެކު މަރުވި ހަބަރު ލިބުމާއެކު ޝަފީގަށް ޝޮކެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. އެ މައްސަލަ ފެންމަތިވުމުން، ހަގަށް ތިބި ދެ ދަރިން ވަނީ، އެ ކުންދިންގެ ބައްޕަގެ ރަށް ފުލިދޫއަށް ގެންގޮސްފަ އެވެ. އާފިޔާ ހުރީ އިބްތިހާލު މަރާލި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ. ޝަފީގު ދަނީ އަދިވެސް ފެރީ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ރަކީދޫ މީހުން ބުނާ ގޮތުންނަމަ އާފިޔާގެ އަނިޔާތައް އޭނާގެ ދަރިފުޅު އިބްތިހާލް އަށް ލިބެމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެކަން ހުއްޓުވުމަށް ރަށު ރައްޔިތުން އެތައް ގޮތަކުން މަސައްކަތް ކުރިކަމަށް މިރަށު މީހުން ބުނެ އެވެ. މިރަށު ކައުންސިލުން ބުނާ ގޮތުން ނަމަ ފުލުހުންނަށާއި ޖެންޑާ މިނިސްޓުރީއަށް އެތައް ފަހަރެއްގެ މަތިން އެމައްސަލަ ހުށައެޅިއެވެ. ނަމަވެސް ލިބުނު ކުރިއެރުމެއް ނެތެވެ. ނަތީޖާއަކަށް ވީ "މަންމަގެ އަނިޔާއިން އިބްތިހާލް މަރުވުން" ކަމަށް ތުހުމަތުތައް ކުރެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް